ކްލަބް އީގަލްސް އަތުން 1-0 ލަނޑުން މޮޅުވެ، ބީޖީ ސްޕޯޓްސް ދިރާގު ދިވެހި ލީގުގެ ލީގު ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފި އެވެ.

ރޭގެ މެޗުން މޮޅުވުމުން ޖުމުލަ 23 ޕޮއިންޓް ލިބިގެން ބީޖީ ތިންވަނައިގައި އޮތް އިރު، އީގަލްސް އޮތީ، 17 ޕޮއިންޓާއެކު ތާވަލްގެ ހަ ވަނައިގަ އެވެ.

ރޭގެ މެޗުން ފެނިގެންދިޔަ ހަމަ އެކަނި ލަނޑު މެޗުގެ 28 ވަނަ މިނިޓުގައި ބީޖީއަށް ކާމިޔާބު ކޮށްދިނީ، އަޝްހަދު އަލީ (އަޑުބަރޭ) އެވެ.

ފުރަތަމަ ހާފްގައި ބީޖީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަނަމަވެސް މެޗުގެ ފަހުހާފުގައި އީގަލްސްއިން ވަނީ ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް މުޅި ޓީމު ކުރިއަށް ޖެހިގެން ބީޖީގެ ކޮޅަށް ނުރައްކާ ކޮށްފަ އެވެ.

ރޭގެ މެޗުގެ ފަހުހާފުގެ އިތުރު ވަގުތުގައި ބީޖީގެ ލައިބީރިޔާ ފޯވަޑް އުސްމާނޭ އަބްދުލް ކެދާރު ޑިއާނޭއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑެއް ދައިކައި ދަނޑުން ފޮނުވައިލާފަ އެވެ.

ލީގުގައި ކުރިއަށް ދެން އޮތް މެޗުގައި، މާދަމާ ރޭ 10:00ގައި ތާވަލްގެ އެއްވަނައިގައި އޮތް ޗެމްޕިއަން ނިއު ރޭޑިއަންޓް ނުކުންނާނީ، 21 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައި އޮތް ކްލަބް ވެލެންސިޔާއާ ދެކޮޅަށެވެ.