15 Jul 2013, 10:21
މޮސްކޯ (ޖުލައި 15): އެމެރިކާގެ ޖާސޫސީ ޙަރަކާތްތައް ބޭޒާރުކޮށްލި އެގައުމުގެ ކުރީގެ ޖާސޫސީ އެޖެންޓް އެޑްވަޑް ސްނޯޑެން އަށް ރަޝިޔާ އިން ޙިމާޔަތް ދީފިކަމަށް ފެތުރު ޚަބަރުތަކެއް ރަޝިޔާ އިން ދޮގުކޮށްފި އެވެ.
ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ވިދާޅުވީ ރަޝިޔާ އިން ސްނޯޑެން އަށް ޙިމާޔަތް ދިންކަމަށްބުނެ ބައިނަލްއަޤްވާމީ މީޑިޔާ އިން ފަތުރާފައި ވަނީ ތެދުޚަބަރުތަކެއް ނޫންކަމަށާއި އޭނާ ޙިމާޔަތަށް އެދި ރަޝިޔާ އަށް ރަސްމީކޮށް ހުށަހަޅާފައިނުވާކަމުގަ އެވެ.
ދުނިޔޭގެ އެތައް ގައުމަކާ ދެކޮޅަށް އެމެރިކާ ހިންގަމުންގެންދިޔަ ޖާސޫސީ ޙަރަކާތްތައް ބޭޒާރުކޮށްލި ސްނޯޑެން މިހާރު ވެސް ހުންނެވީ ރަޝާގެ ވެރިރަށް މޮސްކޯގެ ޝެރެމެޓްޔެވޯ އެއަރޕޯޓްގެ ޓްރާންސިޓް ސަރަހައްދުގަ އެވެ. ލާވްރޯވް ވިދާޅުވީ ބޭރުގެ ފަރާތަކުން ރަޝިޔާގެ ސިޔާސީ ޙިމާޔަތަށް އެދޭ ނަމަ އެކަންކުރަން ޖެހޭ ގޮތްތަކަކާއި އިޖުރާއާތުތަކެއް އޮންނަ ކަމުގަ އެވެ.
މިއާއެއްގޮތަށް ސްނޯޑެން ޙިމާޔަތަށް ނޭދޭކަމަށާ ޙިމާޔަތަށް އެދޭ ބޭރު މީހުން ރަޝިޔާގެ އިމިގްރޭޝަނާބެހޭފެޑްރަލް އިދާރާއާ މުޚާތަބުކޮށް އެމީހެއްގެ ޙާލަތާއި ސިޔާސީ ޙިމާޔަތްހޯދަން ޖެހޭ ސަބަބުތައް ބަޔާންކޮށް ދޭން ޖެހޭނެ ކަމަށް ވެސް ލާވްރޯވް ވިދާޅުވި އެވެ. ލާވްރޯވް މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ސޯނޯޑެން ސިޔާސީ ޙިމާޔަތަށްއެދި ރަޝިޔާއަށް ހުށަހެޅުމުން ރަޝިޔާ ސަރުކާރުން އޭނާ އަށް ޙިމާޔަތްދީފިކަން ބައިނަލްއަޤްވާމީ މީޑިޔާ ރިޕޯޓްތައް ބުނެފައިވަނިކޮށެވެ.
މޮސްކޯގެ ޝެރެމެޓްޔެވޯ އެއަރޕޯޓްގެ ޓްރާންސިޓް ސަރަހައްދުގައި ހުންނަވައިގެން މިދިޔަ ހުކުރުދުވަހު ސްނޯޑެން ވަނީ ރަޝިޔާގެ ބައެއް ޤާނޫނީ ވަކީލުންނާ ބައްދަލުކުރައްވާފަ އެވެ. މިބައްދަލުކުރެއްވުމުގައި ރަޝިޔާ އިން ވަގުތީ ސިޔާސީ ޙިމާޔަތް ހޯދައިދިނުމަށް މަސައްކަތްކޮށްދީ އެހީތެރިވެދިނުމަށް ރަޝިޔާގެ ޤާނޫނީ ވަކީލުންގެ ޓީމުގެ ކިބައިން ސްނޯޑެން އެދިފައިވާ ކަމަށް އެބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބައެއް ވަކީލުން ވިދާޅުވެފައިވެ އެވެ.
ސްނޯޑެންއާ ބައްދަލުކުރެއްވި ރަޝިޔާގެ ޤާނޫނީ ވަކީލުންގެ ތެރޭގައި ހިމެނޭ ތެތިޔާނާ ލުކްޝީނާ ވިދާޅުވި ގޮތުގައި ސެނޯޑެން ވަނީ ރަޝިޔާގެ ކިބައިން ވަގުތީ ޙިމާޔަތަކަށް އެދިހުށަހަޅާފަ އެވެ. ނަމަވެސް މިކަމާ ބެހޭ ލިޔުންތައް ރަޝިޔާގެ އިމިގްރޭޝަނަށް ދިޔަކަން އޭނާ ކަށަވަރުކޮށެއް ނުދެ އެވެ.
ސްނޯޑެން ވަގުތީ ޙިމާޔަތަކަށް ބޭނުން ވަނީ އޭނާ އަށް ދާއިމީ ޙިމާޔަތް ދޭނެކަމުގެ ޔަގީންކަން ދީފައިވާ ލެޓިން އެމެރިކާގެ ދެގައުމު ކަމަށްވާ ވެނެޒުއެލާއާއި އިކުއެޑޯ އަށް ދެވޭނެ ގޮތެއް ސްނޯޑެންއަށް މިވަގުތު ނެތުމުން ކަމަށް ވެސް ތެތިޔާނާ ލުކްޝީނާ ވިދާޅުވިއެވެ. އެމެރިކާއިން ވަނީ ސްނޯޑެންގެ ޕާސްޓްޕޯޓް ކެންސަލްކޮށްފައެވެ. އޭނާ މޮސްކޯ އެއަރޕޯޓްގެ ޓްރާންސިޓް ސަރަޙައްދުގައި ތާށިވެފައި ހުންނަތާ މިހާރުވަނީ ތިން ހަފްތާ ވެފަ އެވެ. (ނޫސްއެޖެންސީތައް)