ވަޒީރުންނަށް ރުހުން ދިނުމަކީ ރަމްޒީކަމެއް ނޫން ކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ވަޒީރުންނަށް ރުހުންދިނުމަކީ، ރަމްޒީކަމެއް ކަމަށް ސިފަކުރައްވައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދައްކަވާފައިވާ ވާހަކަފުޅަށް ރައްދުދެއްވަމުން ނަޝީދު އޭނާގެ ބްލޮގްގައި އިއްޔެ ވިދާޅުވެފައި ވަނީ، ރައީސް ނަޝީދުގެ އެ ވާހަކަފުޅު ބައްޓަންކުރައްވާފައި ވަނީ، ވަޒީރުންނަށް މަޖިލީހުން ރުހުންދިނުމަކީ، ރައްޔިތުންގެ ލޯތްބާއި ތާއީދު މީހަކަށް ލިބުމާ އެއްފަދަ ކަމެއް ކަމަށް ވިސްނަވައިދެއްވުމަށް ކަމަށެވެ.


‹[އޮބާމާގެ] ހެލްތު މިނިސްޓަރުކަމަށް ޢައްޔަނުކުރަން ނިންމި ޓޮމް ޑެޝްލްއަށް ރުހުން ނުލިބޭނެކަން އެނގުމުން، އެ ނަން އަނބުރާ ގެންދިޔައީ. އެމަގާމަށް ދެން ފޮނުވީ، އެހެން ނަމެއް،›


ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ސަރުކާރާ ހިޔާލުތަފާތުވާ ކަންކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވެފައި ވަނީ، ރައްޔިތުންގެ ޙުކުމާ އެއްގޮތަށް ޤާނޫނު އަސާސީ އެކުލަވާލެވިފައި އެ ވަނީ، ދިވެހި ދައުލަތް ފުރިހަމަ ރިޔާސީ ނިޒާމެއްގެ އަސާސީ ސިފަތަކުގެ މަތީގައި ހިންގުމުގެ މައްޗަށް ކަމަށެވެ. އަދި ރައީސް ޢައްޔަން ނުކުރައްވާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުންދިނުމާއި އެ ރުހުން ނެތް ބަޔަކު، މަޖިލީހުން ޤަބޫލު ނުކުރާނެ ކަމާއި، މަޖިލީހުން ރުހުން ނުދޭ ބަޔަކާ މަޖިލީހަށް މުޢާމަލާތް ނުކުރެވޭނެ ކަމާއި މަޖިލީހުން ބަލައިނުގަންނަ ބަޔަކަށް މަޖިލީހަށް ޖަވާބުދާރީ ނުވެވޭނެކަން، އެއީ ރިޔާސީ ނިޒާމުގެ އަސާސީ އެއް ސިފަކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި ރައީސް ޢައްޔަން ނުކުރެއްވި ނަމަވެސް، ވަޒީރުންނަކީ، މަޖިލީހާ މުޢާމަލާތްކުރަން ޖެހޭ، މަޖިލީހަށް ޖަވާބުދާރީވާން ޖެހޭ ބައެއް ކަމަށާއި މަޖިލީހަކީ ވަކި އެހެން ބާރަކަށް ވާއިރު، މަޖިލީހުން ޤަބޫލުކުރާ ބަޔަކަށް އެމީހުން ވާންޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.  


ރިޔާސީ ނިޒާމުގައި ފުންނާބު އުސް އެމެރިކާގައި ވަޒީރުންނަށް ރުހުން ދިނުމުގައި ކަންތައް ކުރާގޮތަށް އަލިއަޅުވާލައްވައި ނަޝީދު ވިދާޅުވެފައި ވަނީ، މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅާ ނަމެއް ފޭލިވެއްޖެ ނަމަ ދެން ހަދާނީ ކިހިނެއްކަން އެ ގައުމުގެ ޤާނޫނު އަސާސީގައި ވެސް ލިޔެފައި ނޯންނަ ކަމަށެވެ. ނަމަވެސް ރައީސް ހުށަހަޅާ ބޭފުޅަކަށް މަޖިލީހުގެ ރުހުން ނުލިބިއްޖެ ނަމަ އެ ގައުމުގައި ވެސް ދެން ހުށަހަޅަނީ އެހެންބޭފުޅެއްގެ ނަން ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.


"ވަޒީރުންނަށް ރުހުންދިނުމަކީ، ކުރަން ޖެހޭ ކަމެއްކަން ދެ ޤައުމުން ވެސް ސާފުވާން އެބައޮތް. ހަމައެކަނި، ތަފާތަކީ، އެކަން ކުރާގޮތުގައި ހުރި އިސްފަސްކަން. އެމެރިކާގެ ޤާނޫނު އަސާސީގައި ވެސް ހަމައެކަނި ބުނެފައި އޮންނަނީ، ދައުލަތުގެ އިސް މަގާމުތަކަށް މީހުން ޢައްޔަނުކުރާނީ، އެމީހުން ޢައްޔަނުކުރުމަށް ކަނޑައަޅައި، މަޖިލީހުން ރުހުން ހޯދައިގެން ކަމަށް. އެގޮތަށް ހުށަހެޅޭ ވަކި ނަމެއްގެ ވެރިޔަކަށް ރުހުން ނުލިބިއްޖެ ނަމަ، އެނަމުގެ ވެރިޔަކު ޢައްޔަނު ނުކުރެވޭނެ ކަމަކަށް، ނުވަތަ އެހެން ނަމެއް ފޮނުވަންޖެހޭނެ ކަމަކަށް، ނުވަތަ ވޯޓުން ފޭލިވެއްޖެ ނަމަ ދެން ހަދާނީ ކިހިނެއްކަމެއް، އެ ޤާނޫނު އަސާސީއަކު ވެސް ލިޔެފައެއް ނޯވޭ. އެކަމަކު، ކަންވާގޮތް އޮޅުމެއްނެތި އެއޮތީ ފެންނަން. ރައީސް އައްޔަނުކުރަން ކަނޑައަޅާ މީހާއަށް މަޖިލީހުން ރުހުން ނުލިބިއްޖެ ނަމަ، އެ މަގާމަށް ދެން ޢައްޔަނުކުރަން ކަނޑައަޅަނީ، އެހެން މީހެއް. އަދި، ގިނަ ފަހަރު، މަޖިލީހުގެ ރުހުން ނުލިބޭނެކަން ޔަޤީންވުމުން، ރައީސް އެ ނަން އަނބުރާގެންދަން ވެސް ގެންދޭ. އެންމެފަހުން އެކަންދިމާވީ މިހާރުގެ ރައީސް އޮބާމާއަށް. އޭނާގެ ހެލްތު މިނިސްޓަރުކަމަށް ޢައްޔަނުކުރަން ނިންމި ޓޮމް ޑެޝްލްއަށް ރުހުން ނުލިބޭނެކަން އެނގުމުން، އެ ނަން އަނބުރާ ގެންދިޔައީ. އެމަގާމަށް ދެން ފޮނުވީ، އެހެން ނަމެއް،"


ނަޝީދު އަދި ވިދާޅުވެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ވަޒީރުން ޢައްޔަނުކުރުމަކީ، އޭގެ ޒާތުގައި، ޤާނޫނު އަސާސީގެ ދަށުން ދައުލަތުގެ އެއްބާރުން އަދާކުރާ ޤާނޫނީ މަސްއޫލިއްޔަތެއްކަން ކަށަވަރު ވާއިރު، މަޖިލީހުން ރުހުންދިނުމަކީ ވެސް، ހަމަ އެ ޤާނޫނު އަސާސީގެ ދަށުން، ދައުލަތުގެ އަނެއް ބާރުން އަދާކުރާ ޤާނޫނީ މަސްއޫލިއްޔަތެއްކަމާ މެދު ދެބަސްވެވެން ނޯންނާނެ ކަމެއް ކަމަށެވެ. އެކަމުގައި ދެ ބާރަށް ވެސް ހައިސިއްޔަތާއި ބާރު ލިބިގެން ވަނީ އެއް ޤާނޫނު އަސާސީއެއްގެ އެއް މާއްދާއަކުން، ކަމުގައިވީހިނދު، އެއް ޤާނޫނު އަސާސީއެއްގެ، އެއް މާއްދާއެއްގެ ދަށުން ދައުލަތުގެ އެއް ބާރުން ހިންގާ ޢަމަލު ރަމްޒީނުވެ ޤާނޫނީވެފައި، ހަމަ އެކަމާ ގުޅޭގޮތުން، ދައުލަތުގެ އަނެއް ބާރުން ހިންގާ ޢަމަލު ޤާނޫނީނުވެ ރަމްޒީވާން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.


ވަޒީރުންނަށް ރުހުން ނުލިބިއްޖެ ނަމަ، ވާނެގޮތް ޤާނޫނު އަސާސީގައި ނެތުމުން، އެމީހުންގެ ވަޒީރުކަން ދެމިއޮންނާނެ ކަމަށް ވަކާލާތުކުރެވޭ އިރު، ޤާނޫނުގައި ކަނޑައެޅިގެން ލިޔެވިފައިނެތް ކިތަންމެ ކަންތައްތަކެއް އަޅުގަނޑުމެންގެ ނިޒާމުގެ ތެރެއިން ފެންނަމުންދާކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވެފައި ވަނީ، ދެ މީހަކު، ކައިވެނިކުރުމުން، ނިދަން ޖެހޭނީ އެކުގައި އެއް ކޮޓަރިއެއްގައިކަމަށް ބުނާ ޤާނޫނެއް ނެތް ކަމަށެވެ. އަދި ހެނދުނު ސައިބޯންވާނެ ކަމަށާއި މެންދުރު ކާންވާނެ ކަމަށާއި ރޭގަނޑު ކާންވާނެ ކަމަށް ބުނާ ޤާނޫނެއް ނެތް ކަމަށެވެ. އަދި ގޭގެއަށް ވަންނާނީ ދޮރޯށިންކަމާއި ކުޑަދޮރުން ނޫންކަމަށް ބުނާ ގާނޫނަކާއި ފާޚާނާއަށް ދަވައިގަތީމާ ފާޚާނާއަށް ދާންޖެހޭނެ ކަމަށް ބުނާ ޤާނޫނެއް ވެސް ނެތް ކަމަށެވެ. އަދި މިކަންކަން މައްސަލައަކަށް ނުވަނީ، މިކަމަކީ އަޅުގަނޑުމެން އެންމެންގެ ތަބީޢަތުގައި ބިންވަޅުނެގިފައިވާ ކަންކަމަށްވެފައި، ކަން ހިނގާ ޢާންމު އުސޫލު ކަމަށް ޤަބޫލުކުރާތީ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. އަޅުގަނޑުމެންގެ ނިޒާމު ސެޓްވެފައި ވަނީ އެގޮތަށް ކަމަށް އެތެރެހަށިން ވެސް ޤަބޫލުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ވަޒީރުންނަށް ރުހުންދިނުމުގައި، ސަރުކާރުގެ ޕޮޒިޝަން ހާމަކުރެއްވީ، ސުޕްރީމް ކޯޓުން އެކަމާ ގުޅުންހުރި މައްސަލައެއް ނިންމުމުގައި، ތަފާތު ރައުޔުއެއް ދެއްވި ފަނޑިޔާރުގެ، ރަޢުޔުއަށް ބިނާކުރައްވައިގެން ކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވެފައި ވަނީ، ސުޕްރީމް ކޯޓުގެ ޙުކުމަކަށް ވަނީ، އެ ކޯޓުގެ ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ކަނޑައަޅާގޮތް ކަމަށާއި އެ ނޫންގޮތަކީ ޙުކުމެއް ނޫންކަމަށެވެ.


"ކޮންމެ ކޯޓެއްގެ ވެސް ޙުކުމަކަށް ވަނީ، ކުރިމަތީގައި އޮތް މައްސަލައިގެ މައްޗަށް ބިނާކޮށް ނެރޭ ޙުކުމްކަން ވެސް ޤަބޫލުކުރަން ޖެހޭ. ވަޒީރުންނަށް ރުހުން ނުލިބިއްޖެ ނަމަ ދެން ނުކުންނާނެ ޤާނޫނީ ނަތީޖާއަކީ ކޮބައިކަން، މި ސުވާލު، އަދި މިހާތަނަށް، ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޓެސްޓުކުރެވިފައެއް ނުވޭ. އެހެންކަމުން، ސުޕްރީމް ކޯޓުގެ ޙުކުމާއަޅުވައި، މަޖިލީހުގެ ރުހުން ނުލިބުމަކީ، ވަޒީރުކަމުގެ މަގާމުގައި ދެމިހުރުމަށް އަސަރުފޯރާނެކަމެއް ނޫންކަމަށް މުޠުލަޤަށް ޤައުމުގެ އެންމެމަތީ ވެރިޔާ ވިދާޅުވުމަކީ، ސުޕްރީމް ކޯޓުގެ ޙަޤީޤީ ޙުކުމް އޮޅިގެން ހިނގައިދޭނެ ފަދަ ކަމެއް. ސުޕްރީމް ކޯޓުގެ ޙުކުމް ބަލައިގަންނަން ވާނީ، އެ ކޯޓަށް ހުށަހެޅުނު މައްސަލަ އާއި، އެ މައްސަލައިގެ ޙުކުމާއި އެ ޙުކުމަށް ވާސިލުވި (ރޭޝިއޯ) ސަބަބުތަކާ ހަމައިގައި. ޙުކުމުގެ އަޣްލަބިއްޔަތު ލިބިގެންނުވާ ރަޢްޔެއް ފާޅުކުރަމުން، ފަނޑިޔާރަކު ބަޔާންކުރާ ނުކުތާއެއް، އެ ކޯޓުގެ ޙުކުމުގެ ސަބަބަކަށް ނުވާނެ. އެހެން އެކަންއޮތް އިރު، ފަނޑިޔާރު މުޢްތަސިމްގެ އެ ނުކުތާއަކީ، ސުޕްރީމް ކޯޓުގެ ޙުކުމުގެ އަސާސީ ބައެއްކަމަށް ބަލައިގަނެވޭނެ ގޮތެއް ނުވިސްނޭ" ގާނޫނު އަސާސީގެ މަސައްކަތުގައި އާއި ގާނޫނުތައް ހެދުމުގެ މަސައްކަތުގައި ވަރަށް އިސްކޮށް އުޅުއްވާ މުހައްމަދު ނަޝީދު ވިދާޅުވެފައިވެ އެވެ.