ސައުތު އޭޝިއަން އިންވިޓޭޝަނަލް ވޮލީބޯލް ޗެމްޕިއަންޝިޕްގައި އިއްޔެ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލް ސީދާ ތިން ސެޓުން ބަލިކޮށް ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމް، ބައިނަލްއަގްވާމީ މުބާރާތެއްގެ ފައިނަލުން ފުރަތަމަ ފަހަރަށް ޖާގަ ހޯދައިފި އެވެ.

ކަތުމަންޑޫގެ ދަޝަރަތު ސްޓޭޑިއަމްގެ އެތެރޭ ކޯޓުގައި، ނޭޕާލްގެ އެތައް ސަތޭކަ ސަޕޯޓަރުންގެ ކުރިމަތީގައި، ފައިނަލްގެ ޖާގައެއް ހޯދުމަށްޓަކައި ނުކުތް ދެޓީމުގެ ވަރުގަދަ ކުރިމަތިލުން، ރާއްޖޭގެ ޓީމުން ކާމިޔާބުކުރީ، 25-22، 25-19، އަދި 25-17 އިން ސެޓްތައް ހޯދައިގެންނެވެ.

ގައުމީ ޓީމްގެ ކޯޗް މުހައްމަދު ޝަރަތު ބުނީ ނޭޕާލްއަތުން މޮޅުވީ، ރާއްޖޭ ޓީމުގެ ކުޅުންތެރިން ގުޅިގެން ކުރި ހިތްވަރުގެ ސަބަބުން ކަމަށެވެ.

"ސީދާ ތިންސެޓުން މެޗް ކާމިޔާބު ކުރެވުނު ނަމަވެސް، އަޅުގަނޑުމެން އެހާ ފަސޭހައިން ކާމިޔާބު ކުރި މެޗެއް ނޫން މިއީ. ސަބަބަކީ ނޭޕާލް ޓީމުންވެސް ވަރަށް ވަރުގަދަ ކުޅުމެއް ދައްކައި، އަޅުގަނޑުމެން މޮޅުވާން ކުރަންޖެހުނު މަސައްކަތް އިތުރު ކޮށްފައި،" ޝަރަތު ބުންޏެވެ. "ނޭޕާލް ވަރަށް މޮޅަށް ކުޅުނު. އެކަމަކު އަޅުގަނޑުމެންގެ ގޭމް ޕްލޭނާ އެއްގޮތަށް، ކުރިއަށް ގެންދެވުނީމައި، ނޭޕާލް ޓީމަށް އެމީހުންގެ ގޭމް ނުޖެއްސުނީ"

މުބާރާތުގެ އެއްވެސް މެޗަކުން މިހާތަނަށް ބަލިނުވެ ފައިނަލުން ޖާގަ ހޯދި، އަވައްތެރި ސްރީ ލަންކާ އިއްޔެ އަފްގާނިސްތާނާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ، 25-13، 25-22، އަދި 25-20 ސެޓުން ނެވެ.

ލަންކާ އަތުން މިހާތަނަށް ރާއްޖެއަށް މޮޅެއް ލިބިފައި ނުވާއިރު ޝަރަތު ބުނީ، ތާރީހީ ފައިނަލަށް ރާއްޖޭގެ ގައުމީ ޓީމު ނުކުންނަ އިރު ހުރިހާ ކުޅުންތެރިންވެސް ތިބީ، މުބާރާތް ކާމިޔާބު ކުރުމުގެ ވަރުގަދަ ޖޯޝެއްގައި ކަމަށެވެ.

"ރާއްޖޭ ޓީމަށްވުރެ ލަންކާ ޓީމް މާ ބޮޑަށްވެސް ވަރުގަދަ. އަދި އެއީ އޭޝިއަން ގޭމްސްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި ޓީމެއް. އެ ކަމަކުވެސް އަޅުގަނޑުމެންގެ ކުޅުންތެރިން ތިބީ، އިރާދަކުރެއްވިޔާ އެއަށްވުރެ ރަނގަޅު ޖޯޝެއްގައި،" ގައުމީ ޓީމްގެ ކޯޗު ޝަރަތު ބުންޏެވެ.