15 Jul 2013, 10:11
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ސައޫދީއަރަބިއްޔާ ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފި އެވެ. އެމަނިކުފާނު މިއަދު މާލެ ވަޑަގަތުމުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދަންނަވާފައި ވަނީ ސަރުކާރުގެ ވަޒީރުނާއި ބައެއް މަޖިލީސް މެންބަރުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ.
މި މަހުގެ 10 ވަނަ ދުވަހު ސައުދީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސައޫދީއަރަބިއްޔާގެ ވަލީ އަހްދު ސަލްމާން ބިން އަބްދުލްއަޒީޒު އަލް ސައުދާއާ ވަނީ ބައްދަލުކުރައްވާފަ އެވެ. ސައޫދީއަރަބިއްޔާ އާއި ރާއްޖެއާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުންނާއި ސިޔާސީ މަސްރަހާއި އަދި ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ބެހޭ ގޮތުން ސަޢޫދީޢަރަބިއްޔާގެ ވަލީއަހްދާ އެކު ރައީސުލްޖުމްހޫރިއްޔާ ވަނީ މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ.
އޭގެ އިތުރުން ރާއްޖޭގެ މާލީ ހާލަތުގެ މައްޗައް އަލިއަޅުއްވާލައްވައި މި ހާލަތުން އަރައިގަތުމަށް ސަޢޫދީޢަރަބިއްޔާގެ މާލީ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މަސްއޫދު އިމާދު މިއަދު ވިދާޅުވީ ރައީސް ސައުދީ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގަތް މަގުމަތީގައި ރޭ މަޑުކުރެއްވީ ދުބާއީގައި ކަމަށާއި އަދި ދުބާއީގެ އަމީރު މުހައްމަދު ބިން ރަޝީދު އަލްމުހުތޫމް އާ ރޭ ބައްދަލު ކުރައްވައި ރާއްޖެއަށް ވެދެއްވިދާނެ އެހީތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.
އަދި ދުބާއީގެ ޕްރެސް ކްލަބަށް ރައީސް ރޭ ވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ ދެ ސަރުކާރުގެ މަޝްވަރާތަކުގައި ބައިނަލްގައުވާމީ ފެންވަރުގެ ސީ ޕޯޓެއް ރާއްޖޭގައި ގާއިމު ކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށާއި އެކަމުގައި ދުބާއީގެ ފުރިހަމަ އެހީ ލިބޭނެ ކަމަށް އަމީރު ވިދާޅުވި ކަމަށެވެ. އަދި ދުބާއީގައި އޮންނަ ފަދަ ފައިނޭޝަލް ހަބެއް ރާއްޖޭގައި ގާއިމު ކުރުމަށް އެހީ ދެއްވުމަށް އަމީރު ވިދާޅުވި ކަމަށް ވެސް މަސްއޫދު ވިދާޅުވި އެވެ. އަދި ރާއްޖޭގެ އީ ގަވަމެންޓް ނިޒާމު ވަރުގަދަ ކޮށް "ސްމާޓް ގަވަމެންޓް" ނިޒާމެއްް ގާއިމު ކުރުމަށް އެހީ ދެއްވާނެ ކަމަށް އަމީރު ވިދާޅުވި ކަމަށް ވެސް، ރައީސާ ހަވާލާދީ މަސްއޫދު ވިދާޅުވި އެވެ.