15 Jul 2013, 10:04
ރިޔާޟް (ޖުލައި 15): މެދުއިރުމައްޗާއި އޭޝިޔާ އާއި ޔޫރަޕްގެ ބައެއްގައުމުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުންގެ ޢަދަދު އެންމެ ގިނައީ ސައޫދީ އަރަބިޔާގައި ކަމަށް ވާތީ މި އަހަރު ހައްޖަށްދާ ފަރާތްތައް އެކަމާމެދު ސަމާލުވުމަށް ސައޫދީ ސަރުކާރުން އިލްތިމާސްކޮށްފި އެވެ.
ސައޫދީ އަރަބިޔާގެ ސިއްޙަތާބެހޭ ވުޒާރާ އިން ނެރުނު ބަޔާނެއްގައި މިއަހަރުގެ ހައްޖުގެ އަޅުކަމަށް އެގައުމަށްދާ ފަރާތްތަކަށް އިލްތިމާސްކޮށްފައި ވަނީ މާސްކް ބޭނުންކުރުމަށާއި ސާފުތާހިރުކަމަށް ރައްކާތެރިވެގެން އުޅުމަށެވެ. އަދި ޢާންމު ސިއްޙަތަށާއި ޚާއްސަ ބަލިތަކަށް ޖަހަން ޖެހޭ ވެކްސިންތައް ޙައްޖަށް ދިޔުމުގެ ކުރިން ބަރާބަރަށް ޖަހައި ހަމަކުރުމަށް ވެސް ސަޢުދީ ސިއްޙަތާބެހޭ ވުޒާރާގެ ބަޔާނުގައި ވަނީ ހައްޖާޖީންނަށް ގޮވާލާފަ އެވެ. މީގެއިތުރުން މާބޮޑަށް މުސްކުޅިވެ ގައިގާ ބާރުދެރަވެފައިވާ މީހުންނާއި ދާޢިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކުން ޙައްޖުގެ އަޅުކަން އަންނަ އަހަރަށް ފަސްކޮށްލުމާ މެދު ވިސްނުމަށް ސަޢުދީން ބައެއް މަސްއޫލުވެރިން ވަނީ ގޮވާލައްވާފަ އެވެ.
ކޮރޮނާ ވައިރަހުގެ އަސަރުކޮށްގެން ސަޢުދީއަރަބިޔާގައި މިހާތަނަށް ތިރީސް އަށް މީހަކު މަރުވެފައިވެ އެވެ. ކޮރޮނާ ވައިރެހަށް ސަމާލުވުމަށް ސައޫދީ ސަރުކާރުން ޙައްޖުވެރިންނަށް ގޮވާލާފައިވާ އިރު، ހައްޖުގެ ދުވަސްވަރު މިބަލިފެތުރިދާނެތީ ރައްކާތެރިކަމާ ބެހޭ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެކަމަށާ މިކަމަށް ޕްލޭންތަކެއް ރާވާފައިވާ ކަމަށް ވެސް ސައޫދީ ސިއްޙަތާ ބެހޭ މަސްއޫލުވެރިން ވިދާޅުވެފައިވެ އެވެ.
ކޮރޯނާ ވައިރަސް ފެނިފައިވާ ގައުމުތަކުގެ ތެރޭގައި ސައޫދީ އަރަބިޔާގެ އިތުރުން ފަރަންސޭސިވިލާތާއި ޖަޕާނާއި އިޓަލީއާއި ތޫނިސްއާއި ޔުނައިޓެޑް އަރަބް އިމަރޭޓްސް ހިމެނެ އެވެ. ސާސް ޢާއިލާގެ ވައިރަސް ކަމަށްވާ ކޮރޮނާ ވައިރަހަކީ މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ ނުރައްކާތެރި އަދި އެވައިރަސް ޖެހޭ މީހުން ވަރަށް އަވަހަށް މަރުވާ ބައްޔެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އަށްޑިހަ މީހަކަށް މިވައިރަސް ޖެހިފައިވާ އިރު، މީގެ ތެރެއިން 48 މީހަކު މަރުވެފައިވާ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ވަނީ ބުނެފަ އެވެ. (އަލްޖަޒީރާ)