ލ. ގަމުގައި ސައިކަލު ދުއްވާފައި ދިޔަ މީހަކަށް ބަޔަކު ހަމަލާދީ މަރާލައިފި އެވެ.

ފުލުހުން ބުނީ މަރާލާފައި ވަނީ ލ. ގަން ތުނޑި ވުޑްލޭންޑް އަހްމަދު ނިޒާރު، 31، ކަމަށެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 2:23 އެހާކަންހާއިރު އެ މައުލޫމާތު ލިބުމާ އެކު ފުލުހުން އެސަރަހައްދަށް ދިޔައިރު އަނިޔާ ލިބުނު އަހްމަދު ނިޒާރު އެތަނުގައި އޮތުމާ އެކު ފުލުހުންގެ ވެހިކަލްގައި ގަމު ރީޖަނަލް ހޮސްޕިޓަލަށް އޭނާ ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.

އެ ހާދިސާ ހިނގާފައި ވަނީ ހަތަރު މީހަކު ސައިކަލުގައި ކައްދުއަށް ގޮސް ކައްދޫ ޕޯސްޓުގައި އޮތް ޖާޒީބައެއް ނަގައިގެން ގަމަށް ދަނިކޮށް ގަމު މުކުރިމަގު އަވަށުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި އެ ޙާދިސާގައި ނިޔާވެފައިވާ މީހާ އަށް ބަޔަކު މީހުން ހަމަލާދީފައި ވަނީ ދަގަނޑު ބުރިއަކުންނާއި ލަކުޑި ބުރިއެއް ބޭނުންކޮށްގެން ކަމަށާއި ހާދިސާ ހިނގިތަނުން ފުލުހުންނަށް އެތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އަހްމަދު ނިޒާރު މަރާލި މީހުން ހޯދުމަށް ގަން ޕޮލިސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޚާއްސަ ޓީމެއް އެރަށް ދިޔުމަށް ފުރާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިހާތަނަށް ބެލިބެލުމުން އަހްމަދު ނިޒާރު އަކީ އެއްވެސް ކުށުގެ ރެކޯޑެއް އޮތްމީހެއްނޫން ކަމަށް އެނގޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.