14 Jul 2013, 22:28
ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ހުންނެވުމަށް ފަހު އެމްޑީޕީއާ ގުޅިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައެއްގެ ތަހުގީގަށް އޭނާގެ ބައްޕަ މާދަމާ ރޭ ފުލުސް އޮފީހަށް ހާޒިރުކުރަން ނިންމައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ގުޅިގެން ކުރިއަށްގެންދާ ތަހުގީގަށް އަލީ ވަހީދުގެ ބައްޕަ، ހދ. ކުޅުދުއްފުށީ ބަނދަރު މުހައްމަދު ވަހީދު މާދަމާ ރޭ 9:00 އަށް ފުލުސް އޮފީހަށް ހާޒިރުކުރަން ނިންމާފައިވާ ކަމަށެވެ.
އޭނާ ހާޒިރުކުރަނީ ތަހުގީގު ކުރަމުންގެންދާ މައްސަލައާ ގުޅޭ މައުލޫމާތު ހޯދުމަށް ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ސަން އަށް ކަށަވަރު ވެފައިވާ ގޮތުގައި ފުލުހުންނާއި އެންޓިކޮރަޕްޝަން ކޮމިޝަން ގުޅިގެން ތަހުގީގު ކުރަމުންގެންދާ މައްސަލަ އަކީ އަލީ ވަހީދުގެ މަންމަ 7.9 މިލިއަން ރުފިޔާ އަށް 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މާލެއިން ގޯއްޗެއް ބައްލަވައިގެންފައިވާތީ އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ބަލަމުންގެންދާ މައްސަލައެކެވެ.
އަލީ ވަހީދުގެ މަންމަ ބައްލަވައިގެންފައި ވަނީ މ. އޯޝަނިކްވިލާ އިބްރާހިމް އާރިފްގެ މ. އެންޒިއަން ކިޔާ ގޯއްޗެވެ. އެ ގޯތި އޭނާ ބައްލަވައިގެންފައި ވަނީ 7،938،000ރ. އަށެވެ.
ސަން އިން ކުރިން ކުރި ސުވާލެއްގެ ޖަވާބުގައި އަލީ ވަހީދުގެ މަންމަ އއ. ތޮއްޑޫ ހަނީމޫން ޒުހުރާ އަބްދުﷲ ޒުހުރާ ކުރިން ވިދާޅުވެފައި ވަނީ މާލެ އިން ގޯއްޗެއް ބައްލަވައިގަތީ އަމިއްލަ އާމްދަނީން ލިބޭ ފައިސާއަކުން ނޫން ކަމަށާއި އެ ގޯއްޗަކީ އަލީ ވަހީދުގެ ބައްޕަ ބޯޓް ދަތުރުކުރައްވައިގެން ހޯއްދަވާފައިވާ ފައިސާ އިން ބައްލަވައިގެންނެވި ގޯއްޗެއް ކަމަށެވެ. އެއީ އަލީ ވަހީދު ދެއްވި ފައިސާއަކުން ބައްލަވައިގެންނެވި ގޯއްޗެއް ނޫން ކަމަށް ވެސް ޒުހުރާ ވަނީ ވިދާޅުވެފަ އެވެ.
އަލީ ވަހީދުގެ މަންމަ ޒުހުރާ އެހެން ވިދާޅުވިނަމަވެސް އެ ގޯތި ބައްލަވައިގަތުމަށް ފައިސާ ދެއްކީ ޓެޕް ކޮންސްޓްރަކްޝަނުންކަމަށް އެނގޭފަދަ ލިޔުންތަކެއް އޭގެފަހުން ވަނީ އާންމުވެފަ އެވެ.
އަލީ ވަހީދުގެ މަންމަ މާލެ އިން ބައްލަވައިގަތް ގޯތީގެ އިތުރަށް އަލީ ވަހީދުގެ ދެކަނބަލުން ވެސް ހުޅުމާލެ އިން ބީލަމުގެ އުސޫލުން ދެ ބިމެއް ބައްލަވައިގަތެވެ. އެއިން ކޮންމެ ބިމެއްގެ އަގަކީ 4.6 މިލިއަން ރުފިޔާ އެވެ. ނަމަވެސް އަލީ ވަހީދުގެ އަނބިކަނބަލުން ބައްލަވައިގެންނެވި ގޯތި ފައިސާ ނުދެއްކެވިގެން ވަނީ ކެންސަލްވެފަ އެވެ.