ޕީޕީއެމްގެ ކައުންސިލް މެންބަރު އަހްމަދު ސަލީމް (މާޒް ސަލީމް) ބަޔަކު ރަހީނު ކުރިކަމަށް ބުނެ މީޑިއާތަކުގައި ފަތުރާފައިވާ ވާހަކަތައް އޭނާ ދޮގުކުރައްވައިފި އެވެ.

މާޒް ސަލީމް މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ ރާއްޖެ އިން ބޭރަށް ކުރި ދަތުރަކަށް ފަހު އޭނާގެ ދަރިކަލުން ފިރިކަލުންނާ އެކު ރާއްޖެ އައިސް އެއާޕޯޓުން ފެރީގައި މާލެއައިތަނާ ހަނދާންނެތިގެން ދަތުރުކުރި ދޯނީގައި އައިޕެޑު ބާއްވާފައި އާދެވުނުކަން އެނގުނު ކަމަށެވެ.

އޭނާ ވިދާޅުވީ ފަހުން އެ ދަބަސް ހޯދަން ދިޔައިރު ދޯނީގެ ކެޕްޓަން އެ ދަބަސް ތެރޭގައި އޮތް އައިޕެޑް ވަގަށް ނަގާފައިވާކަން އެނގުނު ކަމަށާއި ދެން އެ މައްސަލަ ވަގުތުން ފުލުހުންނަށް ރިޕޯޓު ކުރީ ކަމަށެވެ. ދެން ފުލުހުންނާ އެކީ އެ ދޯންޏަށް އަރައި ކުރި މަސައްކަތުން ދޯނީގެ ކެޕްޓަން އައިޕެޑު ވަގަށް ނެގުމަށްފަހު ހުޅުލޭގައި ހުރި ލަކުޑިތަކެއްގެ ތެރޭގައި ފޮރުވާފައިވާކަން އެނގުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ އެންގުމަށް ފުލުހުންނާ އެކު އެ ދޯނީގައި ދަތުރުކޮށް ފުލުހުންގެ ހާޒިރުގައި އައިޕެޑް އޮތްތަނުން އައިޕެޑް ނަގާފައިވާނެ ކަމަށާއި އެ މައްސަކަތް ކުރަމުން ދަނިކޮށް ދޯނީގެ ކެޕްޓަނަށް ވާގިވެރިވާ ބަޔަކު އޭނާއާ ދެކޮޅަށް އަޑުއުފުލައި މާރާމާރީ ހިންގަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ އެކަން ހިނގައި ނިމެންދެން އޭނާއާ އެކު ފުލުހުންގެ ދެ އޮފިސަރަކު ތިއްބެވިކަމަށާއި ނަމަވެސް އޭނާ އެ ދޯނި ރަހީނު ކުރިކަމަށް ބަޔަކު ބުނާތީ އެކަމުން ދޭހަވަނީ ސިޔާސީ ނުފޫޒު އެކަމުގެ ތެރެއަށް ވައްދާފައިވާކަން ކަމަށް ސަލީމް ވިދާޅުވި އެވެ.

"މިހެނީ ފުލުހުންގެ ދެ އޮފިސަރަކު މިހާދިސާ ފެށުނީއްސުރެ ނިމެންދެން އަޅުގަނޑާއެކު އެ ދޯނީގައި ތިއްބެވި އެވެ. އެ ދޯނި އޮތީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އަދި އައިޕެޑް ވަގަށް ނެގި މީހާ އައިޕެޑް ދެއްކީ ވެސް ފުލުހުންގެ ހާޒިރުގަ އެވެ،" މާޒް ސަލީމް މިއަދު ނެރުއްވި ބަޔާންގައި ވިދާޅުވެފައި ވެއެވެ.

ސަލީމް ވިދާޅުވީ އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކުރުމަށް ފަހު ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެ ކޯޓުގެ އަމުރަކަށް މިހާރު އޭނާ ދޫކޮށްލާފައިވާކަމަށެވެ.