14 Jul 2013, 15:54
ފ. ބިލެތްދޫ ބަނދަރު ހެދުމަށް ބޭނުންކުރި ތަކެއްޗާއި މަސައްކަތު މީހުން އެ ރަށުން ބޭލުމުގެ މަސައްކަތް ހުއްޓާލުމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފި އެވެ.
ބިލެތްދޫ ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައި ވަނީ ބަނދަރު ހެދުމުގެ މަސައްކަތާ ގުޅޭ ގޮތުން އެރަށު ކައުންސިލުން އެ ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލައާ މެދު އެ ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ބަނދަރު ހެދުމަށް ބޭނުންކުރި ތަކެއްޗާއި މަސައްކަތު މީހުން އެރަށުން ބޭލުމުގެ މަސައްކަތް ހުއްޓާލުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުންގެ މިޑިއާ އޮފިޝަލް ވިދާޅުވީ ބިލެތްދޫ ކޯޓުން އެގޮތަށް އަމުރު ނެރެފައިވާތީ ބަނދަރު ހެދުމަށް ބޭނުންކުރި ތަކެއްޗާއި މަސައްކަތު މީހުން އެރަށުން ބޭލުމަށް ފުލުހުން ކުރަމުންގެންދިޔަ މަސައްކަތް ހުއްޓާލުމަށް ފަހު އެރަށުން އެނބުރި ގޮސްފައިވާ ކަމަށެވެ.
ބިލެތްދޫ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ ބަނދަރުގެ މަސައްކަތް ހުއްޓުވާފައި ވަނީ އެ ރަށުގެ ނެރު 20 ފޫޓު ދިގު ކުރުމަށް ރައްޔިތުން އެދޭ އެދުމަށް އަމަލުކޮށްފައި ނުވާ ކަމަށާއި ރަށުގެ ނެރު ކުޑަވުމުގެ ސަބަބުން ރާޅުއަރައި އޮޑިފަހަރުތަކަށް އެކިއެކި ގެއްލުންތައްވަމުންދާ ކަމަށް ބުނެ އެވެ.