ރައްޔިތުން އެދޭގޮތަށް ބަނދަރުގެ މަސައްކަތް ކުރިއަށް ނުދާތީ ހުއްޓުވާފައިވާ ފ. ބިލެތްދޫ ބަނދަރު ހެދުމަށް ބޭނުންކުރި ތަކެއްޗާއި މަސައްކަތު މީހުން އެ ރަށުން ރައްކާތެރިކަމާ އެކު ބޭލުމުގައި އެހީތެރިވުމަށް ފުލުހުންގެ ޓީމެއް އެ ރަށަށް އަރައިފި އެވެ.

ބިލެތްދޫ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ ބަނދަރުގެ މަސައްކަތް ހުއްޓުވާފައި ވަނީ އެ ރަށުގެ ނެރު 20 ފޫޓު ދިގު ކުރުމަށް ރައްޔިތުން އެދޭ އެދުމަށް އަމަލުކޮށްފައި ނުވާ ކަމަށާއި ރަށުގެ ނެރު ކުޑަވުމުގެ ސަބަބުން ރާޅުއަރައި އޮޑިފަހަރުތަކަށް އެކިއެކި ގެއްލުންތައްވަމުންދާ ކަމަށް ބުނެ އެވެ.

ހައުސިން މިނިސްޓްރީ އާއި އެ ރަށުގެ ބަނދުރުގެ މަސައްކަތް ކުރުމާ ހަވާލުވެފައިވާ އެމްޓީސީސީ އާ ގުޅިގެން އެ ރަށުގައި އެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ކުރި މަސައްކަތުން އެދެވޭ ކުރިއެރުމެއް ލިބިފައިނުވާ އިރު، ބިލެއްދޫ ކައުންސިލުން ވަނީ އެ ރަށު ބަނދަރުގެ މަސައްކަތް ނުނިމެނީސް އެ ރަށުގައި ހުރި އެމްޓީސީސީގެ ތަކެތި ނުގެންދެވޭނެ ކަމަށް ބުނެ މި މަހުގެ ހަތް ވަނަ ދުވަހު ޤަރާރެއް ފާސްކޮށްފަ އެވެ.

ބިލެތްދު އަށް މިއަދު މެންދުރު 1:40 ހާއިރު ފުލުހުންގެ ޓީމެއް އަރާފައި ވަނީ އެމްޓީސީސީން ބޭނުންކުރި ތަކެއްޗާއި މަސައްކަތު މީހުން އެ ރަށުން ސަލާމަތާއި ރައްކާތެރިކަމާ އެކު ބޭލުމުގައި ފުލުހުންގެ އެހީތެރިކަމަށް މި މަހުގެ 11 ވަނަ ދުވަހު އެމްޓީސީސީން ފުލުހުންގެ ކިބައިން އެދިފައިވާތީ އެވެ.

ފުލުހުން ބުނީ މިއަދު އެ ރަށަށް ފުލުހުންގެ ޓީމު ދިޔަ ވަގުތު ފުލުހުންގެ މަސައްކަތާ ދެކޮޅު ހެދުމުގެ ގޮތުން ބަޔަކު ނުކުމެ ތިބި ކަމަށެވެ. އަދި ނެރުން އެތެރެއަށް ނުވަދެވޭނެހެން ވާދަމައި ނެރުމަތީގައި ދޯންޏެއް ބާއްވާފައި އޮތް ކަމަށް ވެސް ފުލުހުން ބުނެ އެވެ. ނަމަވެސް ފުލުހުންނާއި ރައްޔިތުންނާ ދެމެދު ކުރި މަޝްވަރާއަށް ފަހު ފުލުހުންގެ ލޯންޗު އެރަށަށް ވަނުމުގެ ހުއްދަދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އަޑުގަދަކޮށް ފުލުހުންގެ މަސައްކަތަށް ހުރަސްއެޅުމަށް މަސައްކަތް ކުރި ނަމަވެސް މިހާތަނަށް އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށެވެ.
މިހާރު ވެސް އެ ރަށުގައި ފުލުހުންގެ ޓީމުން ދަނީ ހަރަކާތްތެރި ވަމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ފުލުހުން އެ ރަށުން ފައިބާނީ ކޮންމެވެސް އެއްގޮތަކަށް އެ މައްސަލަ ނިމުމުން ކަމަށެވެ. އަދި މިހާރު މަޑުކޮށްގެން ތިބީ ބިލެތްދޫ ކައުންސިލުން އެކަމާ ގުޅޭ މައްސަލައެއް ކޯޓަށް ހުށަހަޅައިގެން އުޅޭތީ އެކަމަށް ވަކި ގޮތެއް އަދި ނުނިމޭތީ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.