07 Nov 2010, 16:14
ރައްޔިތުން ފާޅުކުރާ ޚިޔާލެއްގެ ސަބަބުން، ނުވަތަ ބުނާ އެއްޗެއްގެ ސަބަބުން ހައްޔަރުކޮށް، ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ފިކުރު ނެރުމަށް ބިރުގަންނަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ، މުޅި ޤައުމުގެ ތަރައްޤީ ގެއްލިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބައެއް އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅެއްގައި، މިއަދު ހަވީރު ނ. އަތޮޅު ޅޮއްސަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު މަޝްރޫޢަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ރައްޔިތުންގެ މިނިވަންކަން ދަމަހައްޓައި ހިފެހެއްޓެވުން ކަމަށެވެ. އަދި ރާއްޖޭގެ ކުރީގެ ސަރުކާރުތަކާއި މިހާރުގެ ސަރުކާރާ ދެމެދުގައި އޮތް އެންމެ ބޮޑު ތަފާތަކީ މި ސަރުކާރުގެ ސަބަބުން ތިމަންނާ އަށް ނުވަތަ ތިމަންނާގެ ޢާއިލާއަށް ނުވަތަ ރަށަށް، ކުރީ ކޮންފައިދާއެއްތޯ ސުވާލު ކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބިފައި އޮތުން ކަމުގައި ވިދާޅުވި އެވެ. އަދި މިފަދަ ސުވާލު އުފައްދާނެ ޖާގަ ރައްޔިތުންނަށް ލިބިފައި ނެތްހާ ހިނދަކު، މި އެދޭ ތަރައްޤީއެއް ނުލިބޭނެ ކަމުގައި ވިދާޅުވި އެވެ.
ރާއްޖެ ބަދަލުވަމުންދާ އިރު، ރާއްޖޭގެ ކަންކޮޅުތަކުން ތަފާތު މަންޒަރުތަކެއް ފެންނަމުންދާކަން ފާހަގަކުރައްވައި، ރައީސް ނަޝީދު ވިދާޅުވީ، އޭގެތެރޭގައި ސަރުކާރުގެ އެހީގައި ރައްޔިތުން ކުރައްވަމުން ގެންދަވާ ކަންތައްތަކާއި ރައްޔިތުންނަށް މިނިވަންކަން ލިބިފައިވާތީ ރައްޔިތުން އަމިއްލައަށް ހިންގަމުން ގެންދާ ވަރަށް ގިނަ ކަންކަން ހިމެނޭ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ، ރައްޔިތުން ހިންގަވާ ކަންކަމުގައި ސަރުކާރަށް ބައިވެރިވެވަޑައިގެންނެވެން އޮތް މިންވަރަކާއި، ގޮތަކާއި، ހާލަތު ދެނެގަނެ އެ މިންވަރަށާއި އެ ގޮތަކަށާއި އެ ހާލަތަށް ސަރުކާރު ހިމުންވުން ކަމުގައި ވިދާޅުވި އެވެ. އަދި ސަރުކާރުގެ ބޭނުމަކީ، ރައްޔިތުންގެ ބޭނުންތައް ދެނެގަނެ، އެ ކަންކަން ފުރިހަމަ ކުރުމަށް ހިންގޭން ހުރި އެންމެ ރަނގަޅު މަސައްކަތްތަކާއި ގޮތްތައް ހޯދައި އެގޮތައް އެކަންކަން ކުރެއްވުން ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.