14 Jul 2013, 15:14
ޑެންގީހުން ޖެހިގެން ރިޕޯޓުކުރާ މިންވަރު މިދުވަސްވަރު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނެރެފައިވާ ހެލްޓު އެލާޓްގައި ބުނެފައިވަނީ ޑެންގީ ހުމުގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ ޑެންގީ ހެމޮރޭޖިކް ޖެހިގެން މިއަހަރުގެ މިހާތަނަށް 15 މީހަކު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ހެލްތު އެލާޓުގައި ބުނެފައި ވަނީ ޑެންގީ ހުން ޖެހިގެން ދެ މީހަކު ސީރިއަސް ހާލަތުގައި އޮތް އިރު އެބަލި ޖެހިގެން މިއަހަރުގެ މިހާތަނަށް 88 މީހަކު މާލެއިން ރިޕޯޓު ކޮށްފައިވާކަމަށެވެ. ޑެންގީ ހުންޖެހިގެން އަތޮޅުތެރޭގެ 65 މީހަކަށް އެމަޖެންސީގައި ފަރުވާދީފައިވާ ކަމަށް ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނެރެފައިވާ ހެލްޓު އެލާޓްގައި ވަނީ ބުނެފަ އެވެ.
ޑެންގީހުން ޖެހިގެން މިއަހަރުގެ މިހާތަނަށް އެއްވެސް މީހަކު މަރުވެފައިނުވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ބުނެފަ އެވެ. ނަމަވެސް މިދިޔަ އަހަރު އެބަލީގައި ބައެއް މީހުން މަރުވެފައިވެ އެވެ.
އީޑީސް ކިޔާ މަދިރިން ފެތުރޭ ޑެންގީ ހުން އާންމުކޮށް އިތުރުވަނީ ވިއްސާރަވުމާއި ގުޅިގެން ނެވެ. ކޮންމެ އަހަރެއްގެ ޖޫން މަހާއި ޖުލައި މަހު ޑެންގީ ހުންޖެހިގެން ރިޕޯޓުކުރާ މީހުންގެ އަދަދު އިތުރުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ބުނެފަ އެވެ.
ޑެންގީހުމުގެ އަލާމާތްތެއް ފެނިއްޖެކަމަށް ޝައްކުކުރެވޭނަމަ އަވަހަށް ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ އިލްތިމާސްކޮށްފަ އެވެ.