ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ފަހަތްޕުޅުގައި އޮތްވަރުގެ "ވަރުގަދަ ޓީމެއް" ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރަމުންދާ އެހެން އެއްވެސް ބޭފުޅެއްގެ ފަހަތްޕުޅުގައި ނުވާ ކަމަށް ރައީސް ޑރ. ވަހީދުގެ ރަނިން މޭޓަކަށް ކަނޑައަޅާފައިވާ އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.

ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ރ. ދުވާފަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑީއާރުޕީގެ ލީޑަރު ތަސްމީން އަލީ ވިދާޅުވީ ރައީސް ވަހީދުގެ ފަހަތްޕުޅުގައި އޮތް ވަރުގެ ޓީމަކީ މާދަމާ ވެރިކަމާ ހަވާލުވި ނަމަވެސް ޒިންމާދާރު ކަމާ އެކު ވެރިކަން ހިންގޭ ފަދަ ގާބިލް ބޭފުޅުން ކަމަށެވެ.

"ރާއްޖޭގައި މި ކެމްޕެއިން ކުރާ ފަރާތްތަކަށްބަލާ އިރު، އެއްވެސް ފަރާތެއްގައި މިހާ ވަރުގަދަ އާދެ، ގައުމައިގެން ކުރިއަށް ކޯލިޝަނުގައި މި އޮތްވަރުގެ ވަރުގަދަ ޓީމެއް ނެތޭ ދެންނެވުމަކީ އެއްވެސް ހާލަތެއްގައި ދޮގަކަށް ނުވާނެ. ތިޔަ ބޭފުޅުނަށް ވެސް ފެނިވަޑައިގަންނަވާނެ އެކި އެކި ބޮޑެތި ޖަލްސާތައް ބާއްވަމުންދާ އިރު ކުރީސަފު ބައްލަވާލެއްވީމާ އަދި ޕާޓީގެ ހަރަކާތްތަކުގައި ޓީވީ އަށާއި އެހެނިހެން މުނާސަބަތުތަކުގައި ވާހަކަ ދައްކަވާ ބޭފުޅުނަށް ބެލީމާ ކޮންކޮން ޓީމެއް ކަން މި ތިބީ. އަޅުގަނޑު ދަންނަވަނީ ޑރ. ވަހީދާ އެކު ކޯލިޝަނުގައި ތިއްބެވީ މާދަމާ ސަރުކާރާ ހަވާލުވިއަސް ޒިންމާދާރުކަމާ އެކު ރަނގަޅުގޮތުގައި މި ސަރުކާރު ހިންގޭވަރުގެ ވަރުގަދަ ޓީމެއް،" ތަސްމީން ވިދާޅުވި އެވެ.

ރައީސް ވަހީދަކީ ހިޔާލު ތަފާތު މީހުންނާ އެކު ވެސް ސަރުކާރު ހިންގޭ ފަދަ ބޭފުޅެއްކަން މިހާތަނަށް ވަނީ ސާބިތުކޮށްދެއްވާފައި ކަމަށާއި ސަރުކާރުގައި ހިމެނޭ ޕާޓީތަކުން ސަރުކާރާ ދެކޮޅަށް ބައެއް ކަންކަން ކުރުމުން އެކަމަށް ފިޔަވަޅު ނޭޅުއްވުމަކީ އެމަނިކުފާނުގެ ކެތްތެރިކަން ސާބިތުކޮށްދޭ ކަމެއް ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ވަހީދުގެ ކޯލިޝަނާ އެކު ގިނަ ރައްޔިތުން ތިބިކަން "ގައުމައިގެން ކުރިއަށް" ކޯލިޝަނުން ރާއްޖެތެރޭގެ ރަށްތަކަށް ދިއުމުން އެނގިގެންދާ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.

ރައީސް ވަހީދުގެ ކޯލިޝަނުން ރ. އަތޮޅުގެ ފަސް ރަށަކަށް ކެމްޕެއިން ދަތުރުތައް ކުރުމަށް ފަހު މިއަދު ވަނީ މާލެ އައިސްފަ އެވެ.