14 Jul 2013, 14:06
ކުރީގެ ރައީސް މުހައްމަދު ނަޝީދު އުމުރާ އަށް ވަޑައިގަތުމަށް ސައުދީ އަރަބިއްޔާ އިން ހޯދަން ޖެހޭ ވިސާ ހޯދުމުގައި ދަތިތަކަކާ ކުރިމަތިވެފައި ވަނިކޮށް، ވިސާ ޖެހުމަށް ނަޝީދުގެ ޕާސްޕޯޓް ފޮނުވައި ދިނުމަށް ސައުދީ އެމްބަސީން އަންގައިފި އެވެ.
ރައީސް ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ނަޝީދު ސަރުކާރުގެ ބަންޑާރަ ނައިބު އަހުމަދު އަލީ ސަވާދަށް ވެސް ވަނީ ސައުދީ އަށް ވަޑައިގަތުމަށް ބޭނުންވާ ވިސާ ހޯދުމުގައި ދަތިތަކަކާ ކުރިމަތިވެފަ އެވެ.
ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ސައީދު ސަންއާ ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވީ ރައީސް ނަޝީދު އުމްރާއަށް ވަޑައިގަތުމަށް ބޭނުންވާ ވިސާ ޖެހުމަށް ލަންކާގައި ހުންނަ ސައުދީ އެމްބަސީ އަށް ނަޝީދު ޕާސްޕޯޓް ފޮނުވައި ދެއްވުމަށް ސައުދީ އެމްބަސީން ފޮރިން މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ.
"ވިސާ ޖެއްސުމަށް ޕާސްޕޯޓް ފޮނުވުމަށް ސައުދީން އެމްބަސީން މިއަދު ވަނީ އަންގާފައި. އެކަން ވާނީ ފޯމާ ޕްރެޒިޑެންޓް އޮފީހަށް ވެސް އަންގައިފައި،" ހަސަން ވިދާޅުވި އެވެ.
ސައޫދީ ރޯޔަލް ޕްރޮޓޮކޯލްގެ ތެރެއިން ނަޝީދުގެ ވިސާގެ ކަންތައް ހަމަޖެހުނީ ކުރީގެ ރައީސެއްގެ ހައިސިއްޔަތުން ކަމަށާއި އަބްދުﷲ ޝާހިދަށް ވިސާގެ ކަންތައް ހަމަޖެހިގެންދާނީ ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ ހައިސިއްޔަތުން ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ސައުދީގައި ހުންނަ ރާއްޖޭގެ އެމްބެސެޑަރު އާދަމް ހަސަން މިއަދު ވިދާޅުވީ ރައީސް ނަޝީދާއި އެމަނިކުފާނާ އެކު އުމްރާއަށް ވަޑައިގަންނަވާ ބޭފުޅުންގެ ޕާސްޕޯޓް ފޮނުވައިދިނުމަށް ސައުދީން އަންގައިފައިވާ ކަމަށެވެ. އަދި އެކަން އެމްބަސީން ރައީސް ނަޝީދުގެ އޮފީހަށް ވެސް އަންގާފައިވާ ކަމަށެވެ.
އުމްރާއަކަށް ވަޑައިގެންނެވުމަށް ނަޝީދު ސައުދީއަށް ކުރެއްވުމަށް ހަމަޖެހިފައި އޮތް ދަތުރުފުޅުގައި ވިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިވުމުގެ ސަބަބުން ނަޝީދު ވަނީ އެމްޑީޕީގެ ކެމްޕެއިން ދަތުރެއްގައި މެލޭޝިޔާ އަށް ވަޑައިގެންފަ އެވެ.