ޗައިނާއިން ޓޫރިސްޓުން ގެންނަން ޝަންގްރިއްލާ ހޮޓެލްސް އެންޑް ރިސޯޓްސް އިން ލަގްޒަރީ ޕްރައިވެޓް ޖެޓްގެ ދަތުރުތަކެއް ސ. ގަމަށް ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ޝަންގްރިއްލާ އާއި ޗައިނާގެ މަޝްހޫރު ޓްރެވަލް ބްރޭންޑް، އެޗްއެޗް ޓްރެވަލްއާއި ޕްރައިވެޓް ޖެޓް ޖާނީ ގުޅިގެން "ޝަންގްރިއްލާ ޕްރައިވެޓް ޖެޓް ޖާނީ"ގެ ނަމުގައި މަތީ ފެންވަރުގެ ޓޫރިސްޓުންނަށް އަމާޒުކޮށްގެން ހާއްސަ ދަތުރުތަކެއް އަންނަ އޮކްޓޯބަރު މަހު ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިއީ ޗައިނާގެ މަތީ ފެންވަރުގެ ޓޫރިސްޓުންތަކެއް މިފެންވަރުގެ ދަތުރުތަކެއް މިއަހަރު ރާއްޖެއަށް ކުރާ ފުރަތަމަ ފަހަރު ކަމަށް ވެސް ޝަންގްރިއްލާއިން ބުންޏެވެ.

އެ ކުންފުނިން ބުނީ ޗައިނާގެ ބެއިޖިން އާއި ޝަންހާއިއާ ދެމެދު އަލަށް ފަށާ ދަތުރުތަކުގެ ބޭނުމަކީ މަތީ ފެންވަރުގެ ޓްރެވަލް ބްރޭންޑްތަކާއެކު ހާއްސަ ގުޅުންތަކެއް އުފެއްދުން ކަމަށެވެ.

ޝަންގްރިއްލާގެ ޗީފް މާކެޓިން އޮފިސަރު ކެން ޒޫ ވިދާޅުވީ "މޯލްޑިވްސް ޑަބަލް ވިލާ ލަގްޒަރީ ޖާނީ" ޕްރޮގްރާމްގެ ދަށުން އަންނަ ޓޫރިސްޓުންނަށް ހާއްސަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ދަތުރުތަކުގައި ބޭނުންކުރަން ހަމަޖެހިފައި ވަނީ ބޮއިން ބިޒްނަސް ޖެޓްގެ މަތިންދާބޯޓް ކަމަށް އެ ކުންފުނިން ބުންޏެވެ.

ޝަންގްރިއްލާއިން ބުނީ ބޮއިން 737 މަރުކާގެ އެ މަތިންދާބޯޓަކީ ވީއައިޕީ ޕެސެންޖަރުން އުފުލަން ޑިޒައިންކޮށްފައިވާ މަތިންދާބޯޓެއް ކަމަށެވެ. 150 މީހުންގެ ޖާގައިގެ މަތިންދާބޯޓުގައި ވީއައިޕީ ޕެސެންޖަރުންނަށް އަރާމުކޮށް ދަތުރުކުރެވޭ ގޮތަށް ހުންނަނީ 26 ގޮނޑިއަށް މަދުކޮށްފައި ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ޝަންގްރިއްލާއިން ބުނީ އަލަށް ފަށާ ޕްރައިވެޓް ޖެޓް ޖާނީގައި ހަތް ދުވަހަށް، ބޮލަކަށް 195،000 ޔުއާން ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.