އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އަންނަ ސެޕްޓެމްބަރު މަހު 7 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މާދަމައިން ފެށިގެން މި މަހު 24ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެކަމަށް އެދޭ މީހުން އެ މުއްދަތުގައި ފޯމް ހުށަހެޅުމަށެވެ.

އިލެކްޝަންސްގެ އިއުލާންގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހެއްގެ ޝަރުތަކީ ދިވެހި މަންމަ އަކާއި ދިވެހި ބަފައަކަށް ލިބިފައި ހުރި މީހެއްގެ އިތުރަށް އުމުރުން 35 އަހަރުވެފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި މުސްލިމަކު ކަމުގައި ވުމާއި ސުންނަތް ޖަމާއަތުގެ މީހަކަށް ވުމުގެ އިތުރަށް ބުއްދި ހަމައަށް ހުރި މީހަކަށް ވާން ޖެހޭނެ ކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ޝަރުތަކީ ވެސް ރައީސުލްޖުމްހޫރިއްޔާގެ ޝަރުތު ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އަމިއްލަ ގޮތުން ކުރިމަތިލުމަށް ބޭނުންވާ މީހެއް ނަމަ އެ މީހަކަށް ތާއީދު ކުރާ 1،500 މީހުންގެ ސޮޔާ އެކު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެ މީސްމީހުންގެ ނަމާއި އެޑްރެހާއި އައިޑީކާޑު ނަމްބަރާއި ދާއިމީ އެޑްރެސް، ސޮއި ހިމެނޭ ގޮތަށް ސޮފްޓް ކޮޕީ ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސްގެ ނާއިބުގެ ކުށުގެ ރެކޯޑް ސުޕްރީމް ކޯޓާއި ހައި ކޯޓުން ސާފުކުރަން ޖެހޭނެ ކަމަށެވެ. އަދި ރައީސް ކަމަށް ކުރިމަތިލާ މީހަކާއި އޭނާގެ ނައިބުގެ ދަރަންޏާއި ކުށުގެ ރެކޯޑް ޑިޕާޓްމަންޓް އޮފް ޖޫޑިޝަލް އެޑްމިނިސްޓްރޭޝަނުންނާއި ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސާވިސް އިން ސާފު ކުރަން ޖެހޭނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހަކު 40،000 ނަދުދު ރުފިޔާގެ ޑިޕޮސިޓެއް ބަހައްޓަން ޖެހޭނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރިޔާސީ އިންތިހާބުގެ ވޯޓު ނެގުން އޮންނާނީ އަންނަ ސެޕްޓެމްބަރު 7 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 7:30 އިން ފެށިގެން އެ ދުވަހު ހަވީރު 16:00 އާ ހަމައަށް ކަމަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެ ދުވަހު ވޯޓުލައި ނިމޭތާ 30 މިނިޓް ފަހުން ކަމަށެވެ.

އެ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރާނީ ސެޕްޓެމްބަރު މަހު 14 ވަނަ ދުވަހު ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.