14 Jul 2013, 13:17
މެލޭޝިޔާ ސަރުކާރުން އިންތިޒާމުކޮށްގެން މުޅި ދުނިޔެ އަށް ހުޅުވާލައިގެން ބޭއްވި މުޖައްވަދުކޮށް (ދިގުރާގަށް) ކިޔެވުމުގެ ބައިނަލްއަގުވާމީ ގްރުއާން މުބާރާތުން އަންހެނުންގެ ބައިން ދިވެއްސަކު ގަދަ އަށެއްގައި ހިމެނިއްޖެ އެވެ.
މެލޭޝިޔާ ސަރުކާރުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އެ މުބާރާތުގެ ތާރީޚުގައި ދިވެއްސަކު ގަދަ އަށެއްގައި ހިމެނުނު މިއީ ފުރަތަމަ ފަހަރެވެ. ކޮންމެ ގައުމަކުން ވެސް އަންހެނަކާއި ފިރިހެނަކު ބައިވެރިކުރާ އެ މުބާރާތުގައި ރާއްޖެ އިން ބައިވެރިވި ދެ މީހުންގެ ތެރެއިން ގަދަ އަށެއްގައި ހިމެނިފައިވަނީ މއ. ނައިލޯނުގެ މަރިޔަމް ސުހާނާ އެވެ.
މިދިޔަ ޖޫން މަހުގެ 29 އިން މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ކުއަލަލަންޕޫރުގެ ޕުޓްރާ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިއަށް ދިޔަ މުބާރާތުގައި 48 ގައުމަކުން 59 ބައިވެރިން ވާދަކޮށްފައިވެ އެވެ. އެކި ގައުމުތަކުގެ 12 ފަނޑިޔާރުން އިންސާފުކުރި މުބާރާތުގައި ފިރިހެން ބައިން އެއް ވަނަ ހޯދާފައި ވަނީ އިންޑޮނޭޝިޔާ މީހެކެވެ. އަދި އަންހެނުންގެ ބައިން އެއް ވަނަ ހޯދާފައި ވަނީ މޮރޮކޯ މީހެކެވެ.
މުބާރާތުގައި އެއް ވަނަ އަށްދާ ފަރާތަކަށް 70،000 ރިންގިޓުގެ އަގު ހުރި 350 ގްރާމުގެ ހާލިސްރަން ފޮއްޗާއި 40،000 ރިންގެޓް (12619 ޑޮލަރު) ނަގުދު ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ.
ޝުހާނާ ވިދާޅުވީ މިފަހަރުގެ މުބާރާތަށް ދިޔައީ ވަނައެއް ލިބޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދަކާ އެކު ކަމަށެވެ.
"މިފަހަރު ދިޔައީ ޖަޖުން މާކްސްދޭ އިރު ބަލާ މިންގަނޑުތަކަށް ކިޔަވަން ދަސްކޮށްގެން،" ސުހާނާ ވިދާޅުވި އެވެ.
ދިގުރާގަށް ކިޔެވުމަކީ ރާއްޖޭގައި އާންމު ކަމަކަށް ނުވާތީ އެކަމަށް މާބޮޑު ސަމާލުކަމެއް ރާއްޖޭގައި ނުދޭތީ އެފަދަ މުބާރާތަކުން ރަނގަޅު ވަނައެއް ހޯދުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝުހާނާ ވިދާޅުވި ގޮތުގައި މީގެ ހަތަރު އަހަރު ކުރިން ފެށިގެން ވެސް އޭނާ އެ މުބާރާތުގައި ބައިވެރިވި އިރު ވެސް އެފަދަ ވަނައަކާ ހިސާބަށް ވާސިލެއްނުވެ އެވެ.
"ދިގުރާގަށް ރާއްޖޭގައި ކިޔަވައިދިނުމަކީ އެހާ އާންމުކަމެއް ނޫން. އެހެން ގައުމުތަކުގައި އެއީ ވަރަށް އާންމު ކަމެއް. މުބާރާތުގެ ޖަޖުން އިންސާފު ކުރާ މިންގަނޑަށް ކިޔަވަން އެހެންވެ ވަރަށް އުނދަގޫވޭ،" ސުހާނާ ވިދާޅުވި އެވެ.
މައިކްރޯ ބައިލޮޖީން ފަސްޓް ޑިގްރީ ހަދާފައިވާ ސުހާނާ ވިދާޅުވި ގޮތުގައި އޭނާ އަދި ވެސް އުންމީދު ކުރަނީ އެއަށް ވުރެ ވެސް މަތީ ވަނައެއް އެ މުބާރާތުން ލިބޭނެ ދުވަހަކަށެވެ. އެކި ރާގުރާގަށް ކިޔެވުމުގެ ޝައުގުވެރިކަން ހުރި ޝުހާނާ ވަނީ ސްކޫލް ދައުރުގައި ވެސް ގައުމީ ގްރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވެއެއް ވަނަ ހޯދާފަ އެވެ.
އަދި އޭނާގެ އެންމެ ބޮޑު އުންމީދެއް މިހާރު ގުޅިފައި ވަނީ އޭނާގެ ދެ އަހަރުގެ ފިރިހެން ދަރިފުޅާ އެވެ.
"އެކި ރާގުރާގަށް ކުދިންނަށް ކިޔަވަން ދަސްކޮށްދޭން ވަރަށް ބޭނުންވޭ. މިފަންނު ދިރުވާ އާލާކުރުމަކީ އަޅުގަނޑު ވަރަށް ބޭނުންވާ ކަމެއް،" ސުހާނާ ވިދާޅުވި އެވެ.
ޝުހާނާ ވިދާޅުވި ގޮތުގައި އޭނާ މިފަންނުގައި ކުރިއަރާ ދިއުމަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ފިރިމީހާގެ ފަރާތުންނާއި ގްރުއާނާ ބެހޭ މަރުކަޒުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ފަރާތުންނެވެ.