"ގައުމައިގެން ކުރިއަށް" ކޯލިޝަނުން އަދާލަތު ޕާޓީން ވަކިވި ފަހުން ރިޔާސީ އިންތިހާބްގައި އެ ޕާޓީން ބައިވެރިވާނެ ބަޔަކު ކަނޑައެޅުމަށް އެއްވެސް ޕާޓީއަކާ އެކު ރަސްމީކޮށް މިހާތަނަށް އެއްވެސް މަޝްވަރާކޮށްފައިނުވާނެ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ މިއަދު ސަން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޕީޕީއެމް އަދި އެނޫނަސް އެހެން ވެސް ޕާޓީއަކާ އެކު ކޯލިޝަން ހެދުމާ ބެހޭ ރަސްމީ އެއްވެސް މަޝްވަރާއެއް އެ ޕާޓީން ކުރިއަށް ނުގެންދާ ކަމަށާއި އަދި އެފަދަ ދައުވަތެއް ވެސް ރަސްމީ ސިފައެއްގައި އެ ޕާޓީ އަށް ލިބިފައިނުވާ ކަމަށެވެ.

އިމްރާން ވިދާޅުވީ ފަަހަރެއްގައި އޭނާ އަށް ވެސް އެނގިވަޑައިނުގެން ޕާޓީގެ ވަކިވަކި ފަރުދަކާ ޕީޕީއެމާ އެކު ނުވަތަ އެނޫން ވެސް ޕާޓީ އަކާ އެކު މަޝްވަރާތަކެއް ކޮށްފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ނަމަވެސް ޕާޓީގެ ނިންމުމެއް ނަމަ ނިންމާނީ އެ ޕާޓީގެ ގައުމީ މަޖިލީހުން މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

"އަދާލަތުން ޕީޕީއެމާ އެކު ރަސްމީ އެއްވެސް މަޝްވަރާއެއް ނުކުރޭ. އެއްވެސް ބަޔަކަށް ޕާޓީން ކޯލިޝަން ހަދާނެ ކަމުގެ ޔަގީންކަން ދިނުމަށް ފަހުގައި އެ ބަޔަކަށް އެ ދިން ޔަގީން ކަމަކަށް ޕާޓީން ހިޔާނަތްތެރިއެއް ނުވާނެ. އެ ޔަގީން ކަމަކާ ދެކޮޅަކަށް ވެސް ޕާޓީން ނުދާނެ. ފަހަރުގައި ޕާޓީގެ ވަކިވަކި ފަރުދަކު އޮވެދާނެ ޕީޕީއެމާ ވާހަކަ ދައްކާފައި އެހެންވެ އެގޮތަށް ބަލާފައި މިހެން މިދެންނެވީ، ހަމަޔަގީނުން ވެސް ރަސްމީކޮށް އެފަދަ މަޝްވަރާތަކެއް ކުރިއަށް ނުދޭ. ރަސްމީކޮށޭ މިދެންނެވީ އަޅުގަނޑު ނުވަތަ ޕާޓީގެ ނައިބް ރައީސް އަދި ޕާޓީގެ އެންމެ އިސް ފަރާތްތަކުގެ ވާހަކަ،" ޝަހީމް ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބްގައި ގައުމަށާއި ދީނަށް ވަފާތެރި ވެރިކަމެއް ގެނެސްދިނުމަށް ޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް އަދާލަތު ޕާޓީން ކުރާނެ ކަމަށާއި އެކަން ނިންމާނީ އަދާލަތު ޕާޓީގެ ހުރިހާ ގޮފިތަކަކާ އެކު މަޝްވަރާކުރުމަށް ފަހު ޕާޓީގެ ގައުމީ މަޖިލީހުން ކަމަށެވެ.

އަލާލަތު ޕާޓީން ރަސްމީ ސިފައެއްގައި ޕީޕީއެމާ އެކު ކޯލިޝަންގެ ވާހަކަތައް ދައްކާފައިނުވާނެ ކަމަށް އެޕާޓީން ބުނެފައިވާ އިރު ޕީޕީއެމުން ބުނެފައި ވަނީ އަދާލަތު އިސް ބައެއް ބޭފުޅުންނާ އެކު ކޯލިޝަންގެ މަޝްވަރާތައް ކުރަމުން ގެންދާ ކަަމަށެވެ.