14 Jul 2013, 12:11
އަރަހުށި މާތްﷲ ކީރިތިޤުރުއާނުގެ ސޫރަތުލް ބަޤަރާގައި ދުޢާކުރުމާ ބެހޭގޮތުން ވަޙީކުރައްވައިފައިވާ އާޔަތުގެ މާނާއިގައިވެއެވެ.
"އަދި ތިމަންރަސްކަލާނގެއާ މެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ ސުވާލުކޮށްފި ނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ.) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ ޙަޟުރަތަށް ދުޢާކޮށްފިނަމަ ދުޢާކުރިމީހާގެ ދުޢާ ތިމަންރަސްކަލާނގެ އިޖާބަކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަންރަސްކަލާނގެއަށް އީމާންވާހުށިކަމެވެ. (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ." (އަލްބަޤަރާ:186)
އަރަހުށި މާތްﷲ މިއާޔަތް ބާވައިލައްވައިފައި ވަނީ ރޯދަޔާ ބެހޭގޮތުން ބާވައިލައްވައިފައިވާ އާޔަތްތަކެއްގެ ތެރޭގައެވެ. އެހެންކަމުން ރޯދަޔާއި ދުޢާކުރުމާ ވަރަށް ފުން ގުޅުމެއް ވާކަން އެނގެއެވެ.
ދުޢާކުރުމަކީ އިސްލާމްދީނުގައި ވަރަށް ޚާއްޞަ އަހައްމިއްޔަތެއް ދެއްވައިފައިވާ އަޅުކަމެކެެވެ. ދީނުގެ ވަރަށް ގިނަ އަޅުކަންތަކެއްގައި ގިނަގުނަ ދުޢާތަކެއް ވަނީ ޝާމިލުކުރައްވައިފައެވެ. ހަމައެފަދައިން ކީރިތިޤުރުއާނާއި ނަބަވީ ސީރަތުގައި ވެސް ވަރަށްގިނަ ދުޢާތަކެއް ދަސްކޮށްދެއްވައިފައި ވެއެވެ. ދުޢާއަކީ ޙަޤީޤަތުގެ ނަޒަރަކުން ބަލާއިރު އަޅާގެ ހިތުގެ އެންމެ ފުންމިނުން އޭނާގެ ސާހިބުވަންތަ ފަރާތަށް ދެންނެވޭ ދެންނެވުމެކެވެ. ކުރެވޭ އިލްތިމާސެކެވެ. ދެންނެވޭ އާދޭހެއްވެސް މެއެވެ. އިންސާނާގެ ހިތުގައި އޭނާގެ ރަސްވަންތަ ﷲ ގެ ޙަޟުރަތުން ކަމަކަށް އެދޭ އެދުމެއްގެ ޝުޢޫރު އުތުރިގަތުމާ އެކު ލަފުޒުތަކެއްގެ ސިފައިގައި އެޝުޢޫރުތައް ބަންޑުންވެއެވެ. އިސްލާމްދީނުގައި ދުޢާގެ ނަން ދެއްވައިފައި ވަނީ އަޅާގެ ހިތުގެ އެންމެ ފުނުން އޭނާގެ ރައްބުގެ ޙަޟުރަތަށް ބަންޑުންކޮށްލެވޭ މަތީދަރަޖައި އަދައިދެންނެވުމުގެ ޖަޒުބާތަށެވެ.
މިބާވަތުގެ ދުޢާގެ ޝުޢޫރެއް ބޭރުވާނީ މީހަކު ކަމަކަށް އާދަޔާޚިލާފަށް ހިތްކިޔުމުގެ ސަބަބުން އެކަމަކާ މެދު އުފެދޭ އިންތިހާ ދަރަޖައިގެ ދަހިވެތިކަމަކާއި އެކަމެއް އަދައި ހިތުގައި އުފެދޭ ހިތްކުޑައިކަމުގެ ވަރުގަދަ ޝުޢޫރެއް އެކުވުމުންނެވެ. ރޯދައިގެ ސަބަބުން އިންސާނާގެ ހިތްމަޑުވެ މޮޅިވެރިކަމާއެކު އާދޭހުގެ ޝުޢޫރު އުފެދުމުގެ އެކަށޭނަކަން ލިބެއެވެ. ނަތީޖާއެއްގެ ގޮތުން އޭނާ ބޭނުންވާ ކަމަކަށް މަޑުމޮޅިކަމާއި، ނިހާއީ އެދުންވެރިކަމާ އެކު ދުޢާކުރުމުގެ އެކަށޭނަކަން ލިބެއެވެ. ޙަޤީޤީ ދުޢާ އަކީ އެކަމަށް އިންތިހާ ދަރަޖައިގެ އެދުންވެރިކަމާއި މަޑުމޮޅިކަމާއި އާދޭހުގެ ޝުޢޫރާއެކު ކުރެވޭ ދުޢާއެވެ. އެކަމަކާ މެދު ހިތުގެ ދަހިވެތި ކަމާނުލައި ދުލު އަމުނާލެވޭ މަތިމަތީގެ ލަފުޒުތަކެއް ނޫނެވެ.
އަރަހުށި މާތްﷲ ވޮޑިގެންވަނީ އެކަލާނގެ އަޅުތަކުންނާ ވަރަށް ކައިރީގައެވެ. އަޅާގެ ކަނދުރާގެ މައިނާރަށްވުރެން ވެސް މާގާތުގައެވެ. ނަމަވެސް އެގާތްކަން ތަޖުރިބާ ކުރެވޭނީ ތަވާޟުޢުވެރިކަމާއި މަޑުމޮޅިކަމުގެ ރޫޙުގައި އެކަލާނގެ ރަސްކަންފުޅަށް ދުޢާކުރާ މީހުންނަށެވެ. ޙަޤީޤީ ރޯދަ އިންސާނާއަށް މިދެންނެވި ތަވާޟުޢުވެރިކަމާއި މަޑުމޮޅިކަމާއި، ހިތްކުޑައިކަމުގެ ތަޖުރިބާ ޙާޞިލުކޮށްދެއެވެ. އެގޮތުން ޙަޤީޤީ ރޯދަ މާތްﷲ އާ ކުއްތަންވެވުމުގެ ތަޖުރިބާ ކޮށްދެއެވެ. ޙަޤީޤީ ރޯދަ ވެރިޔަކީ މާތްﷲ އަށް ދުޢާކުރުން ޙައްޤު ގޮތުގައި ދުޢާކުރުމުގެ ތަޖުރިބާ ލިބިފައިވާ މީހެކެވެ.
މާތްﷲ އަށް ދުޢާކުރުން ޙައްޤުގޮތުގައި ކުރެވޭ ދުޢާއަކީ އެދުޢާ އާއި ހެޔޮޢަމަލާ އެކުވެފައިވާ ދުޢާއެވެ. ޙައްޤުގޮތުގައި ކުރެވޭ ދުޢާއަކީ ޢަމަލާ އެއްގޮތްވެގެންވާ ދުޢާއެވެ. ހެޔޮދުޢާ އާއި ހެޔޮ އަަމަލަކާ ވަތްކެއް ނުކުރެވޭނެއެވެ. އަރަހުށި މާތްﷲ ގެ ޙަޟުރަތަށް ހުށަހެޅެނީ މިދެންނެވި ފަދަ ދުޢާއެވެ. އިޖާބަކުރެއްވުމުގެ ޝަރަފުދެއްވަނީ މިފަދަ ދުޢާތަކަށެވެ. ހެޔޮޢަމަލާ އެކުވެފައިނުވާ "މަތިމަތީގެ" ދުޢާ ތަކަކީ ޤަބޫލުކުރެއްވުން ޙައްޤު ދުޢާ ތަކެއްނޫނެވެ. ރައްދުކުރެއްވުން ޙައްޤު ދުޢާތަކެވެ.
އިންސާނާ ހެޔޮ ޢަމަލުކުރުމުން އަރަހުށި މާތްﷲ ގެ ރަޙްމަތްވަންތަކަން ލާޒިމުކުރަނީ އެކަމުގެ ދަރުމަ އޭނާއަށް އިތުރުކޮށްދެއްވުމެވެ. ގިނަގުނަކޮށްދެއްވުމެވެ. ޢާއްމުގޮތެއްގައި މިދެންނެވި އިތުރުކުރެއްވުން ވަނީ ދިހަގުނައާއި ހަތްސަތޭކަގުނައާ ދެމެދުގައެވެ. ނަމަވެސް ރޯދަޔަކީ ހިސާބެއްނެތްހައި ގިނަގުނައަށް ފަށްފަށް ކުރައްވައި އެކަމުގެ ދަރުމަދެއްވާ އަޅުކަމެކެވެ.
ޞާލިޙު އަމަލުތައް ދެބަޔަކަށް ބައިކޮށްލެވިދާނެއެވެ. އެއްބާވަތެއްގެ އަމަލަކީ ޢާއްމު ޙާލަތުގައި ކުރެވޭ ޢަމަލޭ ދެންނެވިދާނެއެވެ. ފަސްވަގުތު ނަމާދުކުރުމާއި، އަހަރު ހަމަވުމުން މުދަލުގެ ޒަކާތް ނެރުމާއި، ޙައްޖުމަސް އައުމުން ޙައްޖުވުމާއި، މިބާވަތުގެ ޢަމަލުތަކަކީ ޢާއްމުޙާލަތުގައި ކުރެވޭ ޢަމަލުގެ ގޮތުގައި ޢިލްމްވެރީން ސިފަކުރައްވައެެވެ. އެހެންކަމުން މިބާވަތުގެ އަމަލުތަކުގެ ޘަވާބު ގިނަގުނަކޮށް ދެއްވުމާއެކު ވެސް އިތުރުކުރެއްވުމުގެ މިންގަނޑެއް އޮވެއެވެ.
އަޅުކަމުގެ ދެވަނަ ބާވަތަކީ އާދަޔާޚިލާފު ޙާލަތްތަކުގައި ކުރެވޭ އަޅުކަމެވެ. އެއަޅުކަމަށްޓަކައި އިންސާނާ އޭނާގެ ނަފުސާ ހަނގުރާމަކުރަންޖެހޭ އަޅުކަމެވެ. ތިމާ ހިތްކިޔާ ކަންކަމާ ދެކޮޅުހަދައި އެއްފަރާތް ކުރަމުން އަޅުކަމާއިގެން ކުރިޔަށް ދޭންޖެހޭ އަޅުކަމެވެ. އެހެންކަމުން އެފަދަ އަޅުކަމަކީ ޤުރުބާނީ ތަކަކުން އަގުދީގެން ފުރިހަމަކުރެވޭ އަޅުކަމެކޭ ދެންނެވިދާނެއެވެ. އެންމެ ފުރަތަމަ ބާވަތުގެ އަޅުކަމަކީ ހާމަ މަގެއްގައި ކުރިޔަށް ދިޔުން ކަމުގައިވާނަމަ ދެވަނަ ބާވަތުގެ އަޅުކަމަކީ ފަރުބަދަޔަކަށް އެރުންފަދަ އަމަލެކޭ ދެންނެވިދާނެއެވެ. ކުރިން ދެންނެވި ބާވަތުގެ އަޅުކަމަށްވުރެ ދެވަނަޔަށް ދެންނެވި ބާވަތުގެ އަޅުކަމުގެ ޘަވާބު މާބޮޑަށް އިތުރުވެގެން ދަނީ އެހެންވެގެންނެވެ.