14 Jul 2013, 12:16
ކުލަބް ވެލެންސިއާގެ ޗެއާމަން އިބްރާހީމް ރާއީ ރަޝީދުއަށް އެ ޓީމުގެ ބައެއް ކުޅުންތެރިން ފާޑުކިޔައިފި އެވެ.
ދިރާގް ދިވެހި ލީގުގެ ތިން ވަނަ މަގާމް ގައި 21 ޕޮއިންޓާ އެކު މިވަގުތު އޮތް ވެލެންސިއާގެ ޗެއާމަން އަށް އެ ޓީމުގެ ކުޅުންތެރިން ފާޑު ކިޔާފައި ވަނީ ބައެއް ކުޅުންތެރިންނަށް މުސާރަ ނުދީ އަދި ކުޅުންތެރިން ގުޅީމަ ފޯނަށް ޖަވާބު ނުދީ އުޅޭތީވެ ކަމަށެވެ.
ނަން ހާމަ ކުރަން ބޭނުން ނުވާ ވެލެންސިޔާގެ ތިން ކުޅުންތެރިއަކު ރޭ ބުނީ، އެމީހުންނަށް ދޭން ޖެހޭ ފައިސާ ކުލަބުން ނުދީ އޮތުން، ފައިސާ ހޯދުމަށް ތަކުރާރުކޮށް ޗެއާމަން އަށް ގުޅުމުން ފޯނަށް އެއްގޮތަކަށް ވެސް ޖަވާބު ނުދޭ ކަމަށާއި އެސްއެމްއެސް ކުރީމާ ވެސް އެއަށް ވެސް އެއް ވެސް ޖަވާބެއް ރާއީ ނުދެއްވާ ކަމަށެވެ.
"ރާއީ އަކީ ކުލަބް ހިންގޭނެ ވަރުގެ މީހެއް ނޫން. އޭނާ އަހަރުމެން ގުޅީމަ ފޯނަކަށް ޖަވާބު ދެވޭ ކަމަކަށް ނުވެ. އަހަރުމެންނަށް އެނގިފައި އޮތް ގޮތުން ރާއީ ވަނީ މިދޭތެރެ އިން އަހަރުމެންނަށް ދޭން އޮތް މުސާރައިން އޭނަގެ އަންހެނުން ގޮވައިގެން ލަންކާ އަށް ވެސް ގޮސްފައި. ވެލެންސިއާގެ ހަލާކަކީ ރާއީ. އޭނާ އިތުރަށް ކްލަބުގައި ހުރެއްޖެ ނަމަ ވެލެންސިއާގެ ނަން ވެސް ދެން ފުހެވިގެން ދާނެ. އަހަރުމެންނަށް މުސާރަ ނުދީ ރާއީއަކަށް ދެން ނުހުރެވޭނެ. އަހަރުމެން މިމައްސަލަ ކަމާ ބެހޭ ހުރިހާ ފަރާތަކަށް ހުށަހަޅާނަން " ވެލެންސިއާގެ ތިން ކުޅުންތެރިއަކު ބުންޏެވެ.
އެކަމާގުޅިގެން ވެލެންސިއާގެ ޗެއާމަން ރާއީގެ ބަހެއް ހޯދާލުމަށް ސަންއިން ގުޅާލުމުން، ފޯނަށް ޖަވާބު ދީފައި ނުވާތީ އެކަމުގެ އަސްލު މައުލޫމާތު އަދި ވަނީ ސާފް ވާގޮތް ނުވެފަ އެވެ.
ޓްރާންސްފާ ޕީރިއަޑުގައި ވެލެންސިއާގެ މުހިންމު ހަތް ކުޅުންތެރިއަކީ ކްލަބު ދޫކޮށްލީ ވެސް ފައިސާގެ މައްސަލަތަކުގެ އިތުރަށް މެނޭޖްމަންޓާ ހިތްހަމަނުޖެހިގެންނެވެ. މީގެ އިތުރުން މެނޭޖަރު މުހައްމަދު ޝާފީ އިސްތިއުފާ ދިނީ ޗެއާމަން ރާއީގެ ބަހާއި އަމަލު ދިމާނުވާކަމަށް ބުނެފަ އެވެ.
ވެލެންސިއާ ތެރޭގައި މުސާރާގެ މައްސަލަ އަދިވެސް އުޅޭ ކަމަށް އެ ކްލަބުގެ އިސް އޮފިޝަލަކު ވެސް މިއަދު ވަނީ ސަންއަށް ޔަގީން ކޮށްދީފަ އެވެ.