14 Jul 2013, 12:01
ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް އިން ކޮންމެ ރޯދަ މަހަކު ކުރިއަށްގެންދާ "ވަތަނިއްޔާ މަސްރޭސް" މުބާރާތް 16 ޓީމާއެކު އިއްޔެ ފަށައިފި އެވެ.
ވަތަނިއްޔާ އިން ބުނީ، މި އަހަރުގެ މަސް ރޭސް މުބާރާތުގެ ފުރަތަމަ ހަފްތާގައި ވާދަކުރާ ޓީމްތަކަކީ އެސްޓީއޯ ލޮޖިސްޓިކްސް އާއި މެގަ ކެޔޮޅު އާއި ހިބަރު އަދި ކުރީ އަހަރުގެތަކުގައި ވެސް ވާދަ ކޮއްފައިވާ ސިޔާސީ ކެޔޮޅު ޓީމެވެ. އަދި ދެ ވަނަ ހަފްތާގައި ވާދަކުރާ ޓީމަތަކަކީ އެރީކެޓީ އާއި ފެމިލީ އެންޑް ފްރެންސް އާއި އޮއެ ކާޅު އަދި ކޯސްޓްލައިން ޓީމެވެ. ތިން ވަނަ ހަފުތާގައި ވާދަކުރާ ޓީމް ތަކަކީ ސްޓެލްކޯ އާއި ޔުނިވާސަލް އެންޓަޕްރައިޒޭސް އާއި މީޑިއާ ނެޓް އަދި ފަލަފެޓް ޓީމެވެ.
މުބާރާތުގެ ފަހު އަފުތާގައި ވާދަކުރާ ޓީމްތަކަކީ ފުލުން އާއި ބައްޗު ހޮޓާ އާއި ރަތްމަސް އަދި ޓީމު އަމާނީ އެވެ.
ވަތަނިއްޔާ އިން ބުނީ ކޮންމެ ހަފްތާއަކު ވެސް އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމެއް މުބާރާތުގެ ފައިނަލަށް ދަތުރު ކުރާނެ ކަމަށެވެ.
މީގެ ތިން އަހަރު ކުރިން 2009 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު ވަތަނިއްޔާ އިން ކުރިއަށް ގެންދާ "ވަތަނިއްޔާ މަސްރޭހަށް" ޒުވާނުންގެ ބޮޑުތަރުހީބެއް ލިބެމުން އަންނަ ކަމަށް އެކުންފުނިން ބުނެ އެވެ.
"ވަތަނިއްޔާ މަސް ރޭސް" މުބާރާތުގައި މިހަރު ހޮވާލެވޭ ވަނަތަކާއި އިނާމުތަކުގެ ތެރޭގައި މުބާރާތުގެ ޗެމްޕިއަންޓީމަށް 50،000ރ.ގެ އިނާމުގެ އިތުރުން ހަސަން މެރިން އިންޖީނިއަރިންގް ސޮލިއުޝަންސްގެ ފަރާތުން ހުށަހަޅާފައިވާ 60 ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެއް ލިބެ އެވެ. އަދި ކޮންމެ ހަފްތާއަކު އެއް ވަނަ އަށްދާ ފަރާތަކަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި ވާކަމަށް ވަތަނިއްޔާ އިން ބުނެ އެވެ.
މުބާރާތުގެ އެންމެ ގިނަ މަސްބާނާ "މުބާރާތުގެ މަސްވެރިޔާ" އަށް ހޮވޭ ފަރާތަކަށް 5000 ރުފިޔާގެ އިނާމުގެ އިތުރުން ހަސަން މެރިން އިންޖީނިއަރިންގް ސޮލިއުޝަންސްގެ ފަރާތުން ހުށައަޅާފައިވާ އިންޖީނެއް ލިބެ އެވެ.
އަދި މުބާރާތުގެ އެންމެ ބަރު މަސްބާނާ ފަރާތަކަށް ވެސް 5000 ރުފިޔާގެ އިނާމުގެ އިތުރުން ހަސަން މެރިން އިންޖީނިއަރިން ސޮލިއުޝަންސްގެ ފަރާތުން ހުށައަޅާފައިވާ އިންޖީނެއް ލިބޭނެ ކަމަށް ވަތަނިއްޔާ އިން ބުނެ އެވެ.
އަދި މިދިޔަ އަހަރެކޭ އެއްގޮތަށް މިހަރު ވެސް އެސްއެމްއެސް މެދުވެރިކޮށް ކުރިޔަށްގެންދާ "ވަތަނިއްޔާ މަސްރޭސް ކުއިޒް" ވަތަނިއްޔާގެ ކަސްޓަމަރުންނަށް ހުޅުވާލައިފައިވާ ކަމަށާއި ކުއިޒް ކާމިޔާބު ކުރައްވާ ފަރާތަކަށް މޮޓޯގައިޑް ވެރިމެކްސް V55SW ޓްރޯލިން މޮޓޯ އިންޖީނެއް ހަސަން މެރިން އިންޖީނިއަރިން ސޮލިއުޝަންސް އިން ވަނީ ހުށަހަޅައިފަ އެވެ.
ވަތަނިއްޔާ އިން ބުނީ ކުއިޒްގައި ބައިވެރިވުމަށް yes ޖައްސަވާފައި 777 އަށް ފޮނުވައިގެން ބައިވެރި ވެވޭނެ ކަމަށެވެ.
ރޯދަ މަހުގެ ކޮންމެ ހޮނިހިރު ދުވަހުގައި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވާ އިރު މަސްރޭހުގެ ހަރަކާތްތައް ޓީވީއެމް މެދުވެރިކޮށް ލައިވްކުރާނެ އެވެ.
މިއީ މިމުބާރާތް ކުރިއަށްގެންދާ ފަސް ވަނަ ފަހަރެވެ.