14 Jul 2013, 11:38
އެމްޑީޕީ އަށް މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ވިޔަ ނުދިނުމަށް ޓަކައި ޕީޕީއެމުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން އަދާލަތު ޕާޓީއާ އެކު ކޯލިޝަން ހެދުމާ ބެހޭ މަޝްވަރާތައް އެ ޕާޓީން ފަށައިފި އެވެ.
އަދާލަތާ އެކު ކޯލިޝަން ހެދުމުގެ މަސްވަރާތަކުގައި ބައިވެރިވެވަޑައިގެންނަވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވީ ރާއްޖޭގެ ގައުމީ މަސްލަހަތަށް ޓަކައި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ޓަކައި ޕީޕީއެމުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު އެ މަސައްކަތްތަކުގެ ދަށުން އަދާލަތާ ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
ޖަމީލް ވިދާޅުވީ އަދާލަތު ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވަނީ އޭނާއާ ވަރަށް ގާތް ބޭފުޅުންކޮޅެއް ކަމަށާއި އަދާލަތާ އެކު ޕީޕީއެމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމާ ބެހޭ ގޮތުން މަޝްވަރާތައް ކުރިޔަށް ގެންދިޔަ ނަމަވެސް އެ މަޝްވަރާތައް ކުރިއަށް ގޮސްފައި ވަނީ ވަކި މިވެނި ހިސާބެއް ކަމަށް ދަންނަވަން އަދި ތަންކޮޅެއް އަވަސް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަބަދުވެސް ރާއްޖޭގެ ކަންކަމާ ބެހޭ ގޮތުން އެ ބޭފުޅުންނާ ވާހަކަތައް ދައްކަން. ދެން އަމުދުން މިހެން ދިމާވުމާ އެކު ކުރިއަށް އޮތް ދުވަސްތަކުގައި އަދާލަތުން ނިންމުންތައް ނިންމާނެ ގޮތްތަކާ މެދު މަޝްވަރާތައް ދަނީ ކުރެވެމުން،" ޑރ. ޖަމީލް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު ވަހީދުގެ "ގައުމައިގެން ކުރިއަށް" ކޯލިޝަނުން އަދާލަތު ޕާޓީ ވަކިވެފައި ވަނީ ކޯލިޝަންގެ ތެރޭގައި ގޮތްނޭނގޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ އެވެ. އޭގެ ފަހުން އަދާލަތުން ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހަދަން އުޅޭ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިގެން ގޮސްފަ އެވެ. ނަމަވެސް އަދާލަތަަށް ޖޭޕީން އެފަދަ ހުށަހެޅުމެއް މިހާތަނަށް ހުށަހަޅާފައި ނުވާ ކަމަށް އެޕާޓީން ވަނީ ބުނެފަ އެވެ.