ތުރުކީގައި ކުރިއަށް ގެންދިޔަ ފީފާ 20 އަހަރުން ދަށުގެ ވޯލްޑްކަޕް 2013ގެ ފައިނަލް މެޗުގައި ރޭ ޕެނަލްޓީ ޖަހައިގެން 4-1ން އުރުގުއޭ ބަލިކޮށް ފްރާންސް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އިސްތަންބޫލްގައި ކުޅުނު ފައިނަލްގައި، ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ އަދި ރީތި ކުޅުމެއް ފެނިގެން ދިޔަ މެޗުގައި ދެކޮޅަށްވެސް ލަނޑުޖަހާނޭ ފުރުސަތުތައް ލިބުނު ނަމަވެސް ދެ ޓީމްގެ ގޯލް ކީޕަރުންވަނީ، ހުށިޔާރު ކަމާއެކު ހަމަލާތައް ދިފާއުކޮށްފަ އެވެ. އަދި 90 މިނިޓު ހަމަވި އިރުވެސް މެޗު ފެށިއިރު އޮތް ނަތީޖާއަށް ބަދަލެއް ނައިސް، 15 މިނިޓްގެ އިތުރު ދެ ހާފް ކުޅުވައިގެންވެސް ނަތީޖާ ބަދަލު ނުވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެން ނެވެ.

ފުރަތަމަ ފަހަރަށް، ފީފާ 20 އަހަރުން ދަށުގެ ވޯލްޑްކަޕް 2013 ކާމިޔާބު ކުރެވުމުން ފްރާންސްއަށް ވަނީ، ފުޓްބޯޅައިގެ އެންމެ ބޮޑު ފަސް މުބާރާތް ކާމިޔާބު ކުރި ހަމަ އެކަނި ޓީމްގެ ލަގަބު ލިބިފަ އެވެ. އެގޮތުން އެ ގައުމު ވަނީ، 1998 އަވަނަ އަހަރުގެ ވޯލްޑްކަޕާއި، 2001 އަދި 2003ގެ ކޮންފެޑެރޭޝަންސް ކަޕާއި، 2001 ވަނަ އަހަރުގެ ފީފާ 17 އަހަރުން ދަށުގެ ވޯލްޑްކަޕް އަދި 1984 ވަނަ އަހަރުގެ އޮލިމްޕިކް ގޯލްޑް މެޑަލް ހޯދާފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ، އެޑިޑާސް ގޯލްޑަން ބޯލް، ފްރާންސްގެ ޒުވާން ތަރި، ޕައުލް ޕޮގްބާއަށް ލިބުނު އިރު އެންމެ ގިނަ ލަނޑު ޖަހައިގެން އެޑިޑާސް ގޯލްޑަން ބޫޓް ހޯދީ މުބާރާތުގައި ހަ ލަނޑު ޖަހައިގެން އެންމެ ގިނަ ލަނޑު ޖެހިކުޅުންތެރިޔާގެ މަގާމް ހޯދި ގާނާގެ ޒުވާން ފޯވަޑް އެބެނެޒާ އަސިފުއާ އެވެ. އަދި އެންމެ މޮޅު ގޯލް ކީޕަރަކަށްދޭ އެޑިޑާސް ގޯލްޑަން ގްލަވް ހޯދީ، އުރުގުއޭގެ ހުށިޔާރު ކީޕަރު ގިލަމޯ ޑިއަމޯރެސް އެވެ.

އިސްތަމްބޫލްގައި ރޭ ކުޅުނު ފައިނަލްމެޗުގެ ކުރިން މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި، އިރާގު އަތުން 3-0ން މޮޅުވެގެން ގާނާ ވަނީ ބްރައުންޒް މެޑަލް ހޯދާފަ އެވެ.