14 Jul 2013, 11:10
ޕީޕީއެމްގެ ކައުންސިލް މެމްބަރު މާޒް އަހުމަދު ސަލީމްގެ އައިޕެޑެއް ވަގަށް ނެގި ކަމަށް ބުނެ އެއާޕޯޓުފެރީ ދުއްވާ ކެޕްޓަނަކު ގައިގައި ތަޅައިގަނެ ދެ ފުލުހަކު ރަހީނު ކުރި މައްސަލައާ ގުޅިގެން މާޒް ސަލީމްއާ އެކު ހަތަރު މީހަކު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ 12:30 ހާއިރު މާޒް ސަލީމް ރާއްޖޭން ބޭރުން އައިސް އެއާޕޯޓު ފެރީގައި މާލެއައި ވަގުތު އޭނާގެ ދަބަހުގައި އޮތް އައިޕެޑެއް ފެރީގެ ކެޕްޓަން ނެގި ކަމަށް ބުނެ މާލޭން ބަޔަކު ގެންގޮސް އޭނާގެ ގައިގައި ތަޅައިގެންފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމުން އެ ސަރަހައްދަށް ދިޔަ ދެ ފުލުހުން ފެރީ އަށް އެރިފަހުން ފެރީ ހުޅުލެއާ ދިމާލަށް ރަހީނުކޮށްގެން މާޒް ސަލީމްގެ މީހުން ގެންދިޔަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެސަރަހަދަށް އިތުރު ފުލުހުން ގޮސް އެ ފެރީ އާއި އޭގައި ތިބި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އަނިޔާވި ފެރީގެ ކެޕްޓަނަށް ފަރުވާދިނުމަށް ފަހު އޭނާ ވެސް ފުލުހުންގެ ބެލުމުގައި ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ރޭގެ ހާދިސާއާ ގުޅިގެން މާޒް ސަލީމް އާއި ފެރީގެ ކެޕްޓަނާއި އިތުރު ތިން މީހުން ފުލުހުންގެ ހައްޔަރުގައި މިވަގުތު ތިބި އިރު، މާރާމާރީގެ މައްސަލައިގެ އިތުރުން ދެ ފުލުހަކާ އިތުރު ބަޔަކު ރަހީނު ކުރި މައްސަލަ ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.