ކްރިކެޓް ބޯޑުން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ އަލޯރާ ރަމަޟާން ކްރިކެޓް ކާނިވަލް އޯޕަން ޓޭޕް ބޯލް ކުރިކެޓް މުބާރާތުގައި އިއްޔެ ކުޅުނު މެޗްތަކުން އެންކާ ލިލީގެ ޓީމާއި މާލޭ ސްޕޯޓްސް ކުލަބް މޮޅުވެއްޖެ އެވެ.

ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި މިލާން ކުރިކެޓް އެކަޑަމީއާއި ބައްދަލުކޮށް އެންކާ ލިލީގެ ޓީމުން މެޗް ކާމިޔާބުކުރީ 53 ލަނޑުންނެވެ. އެންކާ ލިލީގެ ޓީމުން އިއްޔެގެ މެޗުގައި އަށް އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 117 ލަނޑުހެދި އެވެ. ޖަވާބުގައި މިލާން ކުރިކެޓް އެކަޑަމީ ކުޅެންއަރައި އަށް އޯވަރުގެތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 64 ލަނޑުހެދި އެވެ. އެ މެޗުގައި އެންމެ ރަނގަޅަށް އުކީ ހަތަރު ލަނޑަށް ދެ ވިކެޓް ނެގި އަހުމަދު ރިޔާޒް އެވެ. އެންމެ ރަނގަޅަށް ކުޅުނީ 36 ލަނޑުހެދި އިސްމާއިލް ސަޔާލް އެވެ.

އިއްޔެގެ ދެ ވަނަ މެޗް ޑޭމް ސްޓައިލްއާއި ބައްދަލުކޮށް ހަ ވިކެޓުން މެޗް ކާމިޔާބު ކުރީ މާލޭ ސްޕޯޓްސް ކުލަބެވެ. ޑޭމް ސްޓައިލް ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި ފަސް ކުޅުން ތެރިން ނުބައިވެގެން 73 ލަނޑުހެދި އެވެ. ޖަވާބުގައި މާލޭ ސްޕޯޓްސް ކުޅެންއަރައި އަށް އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 77 ލަނޑުހެދި އެވެ. އެންމެ ރަނގަޅަށް މެޗުގައި އުކީ 15 ލަނޑަށް ދެ ވިކެޓް ނެގި މުހައްމަދު ސާފީ އެވެ. އެންމެ ރަނގަޅަށް މެޗްގައި ކުޅުނީ 23 ލަނޑުހެދި ޑޭމް ސްޓައިލްގެ މުހައްމަދު ސުހޭބް އެވެ.

މުބާރާތުގައި މިއަދު ވެސް ދެމެޗް ކުޅުމަށް ހަމަޖެހިފައި ވާއިރު ފުރަތަމަ މެޗުފައި ބައްދަލުކުރާނީ، އާވާޒް އާއި ސީބީއެލް އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ މާލޭސް މެލޯސް އާއި އޮކްސިލަސް އެވެ. މިއަދުގެ މެޗްތަކުގެ ކުޅުން ފަށާނީ ހަވީރު 4:10ގަ އެވެ.