ދިރާގު ދިވެހި ލީގުގައި ރޭ، އަހްމަދު މުހައްމަދު (އައްމަޑޭ) ފުރަތަމަ ހާފްގައި ޖަހައިދިން ލަނޑުން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން 1-0 ން އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަތުން މޮޅުވެއްޖެ އެވެ.

ރޭގެ މެޗުގައި ފެނިގެންދިޔަ ހަމަ އެކަނި ލަނޑު، މާޒިޔާއަށް ލިބުނު ހިލޭ ޖެހުމަކުން އައްމަޑޭ ކާމިޔާބު ކުރީ މެޗުގެ 30 ވަނަ މިނިޓުގަ އެވެ. އޭވައިއެލްގެ ޕެނަލްޓީ އޭރިޔާ ބޭރުން އައްމަޑޭ ފޮނުވައިލި ރީތި ހިލޭ ޖެހުން އޭވައިއެލްގެ ގޯލަށް ވަނީ، ކީޕަރު އަހްމަދު އާތިފަށް ބޯޅަ ސަލާމަތް ކުރާނޭ އިތުރު ފުރުސަތެއް ނުލިބި އެވެ.

ރޭގެ މެޗުގައި މާޒިޔާއިން ނަތީޖާ ފުޅާ ކުރާނޭ ދެތިން ފުރުސަތެއް ހޯދާފައިވާ އިރު އޭވައިއެލްއިންވެސް ނަތީޖާ ހަމަހަމަ ކުރާނޭ ރަނގަޅު ދެތިން ފުރުސަތެއް ތަނަވަސް ކުރި އެވެ.

ރޭގެ ނަތީޖާއާ އެކު ތާވަލްގެ ދެވަނައިގައި އޮތް މާޒިޔާއަށް ވަނީ 34 ޕޮއިންޓް ލިބިފަ އެވެ. އަދި ފަސް ވަނައިގައި 18 ޕޮއިންޓާއެކު އޭވައިއެލް އޮތް އިރު ތާވަލުގެ ކުރީގައި ނިއު ރޭޑިއަންޓް އޮތީ 48 ޕޮއިންޓާ އެކުގަ އެވެ.

ދިރާގު ދިވެހި ލީގުގައި މިރޭ 10:00ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަކު ކުރާނީ، 20 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައި އޮތް ބީޖީ ސްޕޯޓްސްއާއި 17 ޕޮއިންޓާއެކު ހަ ވަނައިގައި އޮތް ކްލަބް އީގަލްސް އެވެ.