14 Jul 2013, 10:19
ނޭޕާލުގައި ކުރިއަށްދާ ސައުތު އޭޝިއަން އިންވިޓޭޝަނަލް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ވޮލީބޯލް ޓީމް ކުޅުނު ދެވަނަ މެޗުން އިއްޔެ 3-1 ސެޓުން އަފްގާނިސްތާން ބަލިކޮށް ފައިނަލުން ޖާގައެއް ހޯދުމުގެ އުންމީދު އާކޮށްފި އެވެ.
އިއްޔެ އަފްގާން އަތުން ފުރަތަމަ ސެޓް ފަސޭހަކަމާއެކު 25-12ން ރާއްޖެ ގެނައި ނަމަވެސް ދެވަނަ ސެޓް ރާއްޖެއަށް ގެނެވުނީ ވާދަވެރި ކުރިމަތި ލުމަކަށްފަހު 26-24ން ނެވެ. އަދި ތިންވަނަ ސެޓް 22-25ން އަފްގާން ކާމިޔާބު ކުރި ނަމަވެސް، ހަތަރުވަނަ ސެޓްގައި ރަނދަޅު ރައްދެއްދީ، އެ ސެޓް ރާއްޖެއިން ކާމިޔާބުކުރީ 25-19ން ނެވެ.
އިއްޔެގެ ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލް، ސީދާ ތިން ސެޓުން ބަލިކޮށް ސްރީ ލަންކާވަނީ ހަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައި، ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފަ އެވެ. ލަންކާ ސެޓްތައް ގެނެސްފައިވަނީ 25-17, 25-16, 25-16 ން ނެވެ.
ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ލަންކާ އަތުން ބަލިވި ނަމަވެސް ތިން ޕޮއިންޓާއެކު ތާވަލުގެ ދެ ވަނައިގައި ރާއްޖެ އޮތްއިރު މިއަދު ނޭޕާލާ ދެކޮޅަށް ކުޅޭ މެޗުން ރާއްޖެ މޮޅުވެއްޖެ ނަމަ، ފައިނަލުން ޖާގައެއް ކަށަވަރުވާނެ އެވެ.
ސައުތު އޭޝިއަން އިންވިޓޭޝަނަލް ވޮލީބޯލް ޗެމްޕިއަންޝިޕަކީ، ނޭޕާލްގެ ސްޕޯޓްސް ކައުންސިލާއި އެގައުމުގެ ވޮލީބޯލް އެސޯއިއޭޝަން ގުޅިގެން ސާކު ސަރަހައްދުގެ ގައުމުތަކުގެ ސީނިއާ ވޮލީބޯލް ޓީމްތަކަށް ދައުވަތުދީގެން ކުރިއަށް ގެންދާ ފުރަތަމަ މުބާރާތެވެ.