07 Nov 2010, 11:10
ޑެންމާކް ސަރުކާރުން ރާއްޖެ އަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓާ ފްރެޑީ ސްވޭން، އެ މަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފި އެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި މިކަމަށް ޓަކައި ބޭއްވުނު ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑެންމާކްގެ އާ ސަފީރަށް މަރުޙަބާ ވިދާޅުވި އެވެ. އަދި ރާއްޖެ އާއި ޑެންމާކާ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ރަޙްމަތްތެރި ގުޅުމާއި އެކި ދާއިރާތަކުން މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި މިސްޓަރ ސްވޭން މަޝްވަރާ ކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީ އަށާއި ވަކިން ޚާއްޞަކޮށް ރާއްޖެއަށް ޑިމޮކްރަސީ ތަޢާރަފް ކުރެއްވުމަށް ކުރެވުނު މަސައްކަތުގައި ޑެންމާކް ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިވަޑައިގެންފައިވާކަން ފާހަގަކުރައްވައި ޑެންމާކް ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވި އެވެ. އަދި ކުރިއަށް އޮތްތާނގައި ވެސް މި އެހީތެރިކަން އެ ޤައުމުން ރާއްޖެ އަށް ލިބެމުންދާނެ ކަމަށް ޔަޤީންކުރައްވާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ސަފީރު މިސްޓާ ސްވޭން ދެއްކެވި ވާހަކަފުޅުގައި މިދިޔަ އަހަރު ޑެންމާކުގެ ކޯޕަންހޭގަންގައި ބޭއްވުނު އ.ދ.ގެ މޫސުމާ ބެހޭ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އަދާކުރެއްވި ދައުރު ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅުގެ ސަބަބުން ދުނިޔޭގެ މޫސުމާ ބެހޭ ބަޙުޘްތަކުގެ އެޖެންޑާ ބަދަލު ކުރައްވައި ދުނިޔެ އިން މި މައްސަލައަށް ދޭ ސަމާލުކަން އިތުރުވެފައިވާ ކަމުގައި ވިދާޅުވި އެވެ. މީގެ އިތުރުން ރާއްޖޭގެ ތަރައްޤީއަށް ޑެންމާކު ސަރުކާރުގެ ފަރާތުން ވެދެއްވެން ހުރި ހުރިހާ އެހީތެރިކަމެއް ފޯރުއްވައިދެއްވާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.