14 Jul 2013, 10:05
އަންކަރާ (ޖުލައި 14): ތުރުކީ ސިފައިންގެ ދައުރަކީ ބޭރުގެ ނުރައްކާތަކުން ތުރުކީގެ ދައުލަތް ރައްކާތެރިކޮށް ޙިމާޔަތްކޮށްދިނުން ކަނޑައަޅައި އެގައުމުގެ ސިފައިންގެ ޤާނޫނު އިސްލާޙް ކޮށްފި އެވެ.
ތުރުކީގެ ޕާލަމެންޓްގެ ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ފާސްކުރި މިއިސްލާޙްތަކުގައި ބުނަނީ ސިފައިންނަނީ ބޭރުގެ ނުރައްކާތަކުން ތުރުކީގެ ދައުލަތް ޙިމާޔަތްކޮށްދިނުމުގެ މަސައްކަތްކުރާ ޕްރޮފެޝަނަލް މުއައްސަސާއެއްކަމުގަ އެވެ. އަދި ތުރުކީގެ ސިޔާސީ ކަންކަމުގެ ތެރެއަށް ސިފައިންވަނުން މިއިސްލާހުގައި މަނާކޮށްފައިވެ އެވެ.
މިއިސްލާޙަށް ޤާނޫނީ ބާރު ލިބިގެންވާނީ ތުރުކީގެ ރައީސް ޢަބްދުﷲ ގުލް މި އިސްލާޙް ތަސްދީޤު ކުރެއްވުމުންނެވެ. ތުރުކީ ސިފައިންގެ ލަޝްކަރުތަކުގެ ދައުރު ބަޔާންކުރާ ޤާނޫނަށް މި އިސްލާޙް ގެނައުމުގެ ކުރިން އެގައުމުގެ ސިފައިންގެ ޤާނޫނު ބުނަނީ ސިފައިންނަކީ ތުރުކީގެ ޖުމްހޫރިއްޔާ ޙިމާޔަތްކޮށް ބެލެހެއްޓުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތް ކަމުގަ އެވެ.
މިގޮތަށް ޤާނޫނުގައި އޮތުމުން ތުރުކީސިފައިންގެ މުއައްސަސާއިން ވަނީ އެގައުމުގެ ސިޔާސީ ނިޒާމުގެ ތެރެއަށް ވަދެ ޢަސްކަރީ އިންޤިލާބުތައް ގެނަސް ދިމުޤްރާތީ ވެރިކަންތައް ވައްޓާލުމުގެ އެތައް ޙަރަކާތްތަކެއް ހިންގާފަ އެވެ. މިގޮތުން ތުރުކީ ސިފައިން ތިންފަހަރެއްގެ މަތިން އެގައުމުގެ ބޮޑުވަޒީރުން މަޤާމުން ދުރުކޮށް ޢަސްކަރީ އިންޤިލާބުތައް ގެނަސްފައިވެ އެވެ.
ނަމަވެސް ތުރުކީގެ މިހާރުގެ އިސްލާމީ ފިކުރުގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން 2001 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށް ފަހު ތުރުކީވިލާތުގެ ސިޔާސީ މަސްރަޙުގައި ސިފައިންގެ ބާރާއި ނުފޫޒު ކުޑަކުރުމަށް އޭނާ ވަނީ މަސައްކަތްތަކެއްކޮށް ކާމިޔާބީ ތަކެއް ވެސް ޙާސިލްކުރައްވާފަ އެވެ.
އުރުދުޣާން ވަނީ ތުރުކީ ސިފައިންގެ ނުފޫޒުގަދަ ޖެނެރަލުން މަޤާމުން ދުރުކޮށް ޒުވާންޖީލުގެ ޕްރޮފެޝަނަލް ޖެނެރަލުން ސިފައިންގެ ބޮޑެތި މަޤާމުތަކަށް އިސްކުރައްވައި ސިފައިންނަކީ ހަމައެކަނި ޕްރޮފެޝަނަލް ބަޔަކަށް ހައްދަވާފަ އެވެ. އަދި އިންޤިލާބު ގެނައުމަށް މަސައްކަތްކުރި ޖެނެރަލުންގެ މައްސަލަވަނީ ޝރީޢަތަށް ފޮނުއްވާފަ އެވެ. (ނޫސްއެޖެންސީތައް)