14 Jul 2013, 09:56
"ޔުނިޓީ ތުރޫ ފުޓްސަލް" ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި ހަދާ ދެ ވަނަ ފުޓްސަލް ދަނޑުގެ މަސައްކަތުގެ 75 ޕަސެންޓް ނިމިއްޖެ އެވެ.
ސިނަމާލެ ފުލެޓް ބަރި ކައިރީގައި އޮންނަ ހުސްބިމުގައި ސިފައިން ހަދަމުންދާ އެ ދަނޑު ނިންމުމަށް ޓަކައި މި ރޯދަ މަހު ވެސް ރޭގަނޑާއި ދުވާލު ސިފައިން ގެންދަނީ ވަރަށް ބުރަކޮށް މަސައްކަތްތަކެއް ކުރަމުންނެވެ.
މާލޭގައި ހަދާ ފުޓްސަލް ދަނޑުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ އިރު، މިހާރު ކުރަމުންދަނީ ދަނޑުގެ ފެންސްގައި ދާޖެހުމުގެ މަސައްކަތާއި ދަނޑު ލެވެލް ކުރުމުގެ މަސައްކަތެވެ.
މި މަސައްކަތުގެ ދަށުން ދަނޑުގައި ބޭނުންކުރާ ގޯލް ޕޯސްޓާއި ބެންޗް ހަރުތައް ވެސް މިހާރު ވަނީ ހަދާ ނިމިފަ އެވެ. މިހާރު ނުނިމި ހުރި މަސައްކަތްތަކުގެ ތެރޭގައި ދަނޑުގެ އެތެރޭގައި ވަށައިގެން ގާއެތުރުމާއި ލައިޓް ޕޯސްޓް ހަރުކުރުމުގެ އިތުރުން މެޓް އެތުރުން ހިމެނެ އެވެ. އެ މަސައްކަތް ތާވަލުކުރެވިފައިވާ ގޮތާ އެއްގޮތަށް ކުރިއަށްދާ ނަމަ ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް މަސައްކަތް ކުރަމުން އަންނަ ފަރާތް ކަމަށް ވާ އެމްއެންޑީއެފް އުން ބުނެ އެވެ.
މާލޭގައި ހަދާ ފުޓްސަލް ދަނޑުގެ މަސައްކަތް ސިފައިން ފަށާފައި ވަނީ މި އަހަރުގެ މާޗް މަހުގެ 19 ވަނަ ދުވަހު އެވެ. ރާއްޖޭގެ އެކި ސަރހަައްދުތަކަށް ބަހާލައިގެން ފުޓްސަލް ހަތް ދަނޑެއް ހެދުމުގެ އެގްރީމެންޓްގައި އެމްއެންޑީއެފް އިން ސޮއިކޮށްފައި ވަނީ ހުސް ވި އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހު އެވެ.
"ޔުނިޓީ ތުރޫ ފުޓްސަލް" ދަނޑެއް ރާއްޖޭގައި އެންމެ ފުރަތަމަ ހަދާފައި ވަނީ ހުޅުމާލޭގަ އެވެ.