(11 ޖުލައިގެ އަދަދާއި ގުޅޭ)

"ޒަމީހާ ދައްތަގެ ފަރާތުން އަހަރެން މަޢާފަށް އެދެން." އިޔަން މޮޅިވެރި އަޑަކުން ބުނެލިއެވެ. ޒޯހާ އިޔަން އާއި ދިމާއަށް މޫނު އަނބުރައިލައިފައި ހިނިތުން ވެލި އިރު ލޮލުގައި ކަރުނަތައް ވިދަމުން ދިޔައެވެ. އިޔަންގެ ހިތަށް ފުން އަސަރުތަކެއް ކުރުވި އެވަގުތުކޮޅު ޒޯހާ ގެނެސް މޭގައި ޖައްސައިލަން ބޭނުންވީ ކީއްވެ ކަމެއް ނޭނގުނެވެ. ޒޯހާ އެކައްޗެއްވެސް ނުބުނެ ބަލަން ހުރެލައިފައި ގޮސް ގެއަށް ވަނުމުން އިޔަންއަށް ތުންފަތުގައި ދަތް އަޅައިލެވުނެވެ. ސިކުންތުކޮޅެއް ފަހުން އިޔަން އަނެއް ފަރާތަށް އެނބުރިފައި ގެއަށް ވަންނަން ދިޔައިރު ދެއަތް ހުރީ މުށްކެވިފައެވެ. ހިތުތެރޭގައި އޭނާގެ އޮތީ ޒަމީހާ ރުޅި އަރުވައިލާނެ ގޮތެކެވެ. މިހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައިވެސް ޒަމީހާ ހާދަ ވަރަކަށް އޭނާގެ ކެތްތެރިކަން އިމްތިހާނު ކޮށްފިއެވެ. އެކަމަކު ޒޯހާގެ އަބުރާއި ބެހުނު ވަގުތުން ފެށިގެން އިޔަން އެހުންނަނީ ދިމާއަށް އެއްޗެއް ބުނެލަން ބޭނުންވެފައެވެ. އެގޮތަށް ނިކަމެތި އަންހެންކުއްޖަކާއި ދިމާއަށް އެއްޗެހި ކިޔައި ދެރަކޮށްލުމުގެ ހައްޤެއް ޒަމީހާ އަކަށް ވެސް ނޯންނާނެއެވެ. ފުރަތަމަ ތިމާގެ ފަސްބައިގައި ޖެހިފައިވާ ލައްގަނޑު ސާފު ކުރިއްޔާ ވާނީ ކީއް ހެއްޔެވެ؟

އިޔަން ގޮސް ކާކޮޓަރިއަށް ވަންއިރު މޭޒު ދޮށުގައި އަދިވެސް ޒަމީހާ އިނެވެ. ޝާފިޔާ ހުރީ އަތް ދޮންނަން ސިންކު ކައިރީގަ އެވެ. ޒޯހާ އޭރު ވަދެގެން ގޮސް މޭޒު މަތިން ހުސްތަށިތައް އެއްކުރަނީއެވެ. "ދައްތާ ކޮންއިރަކުންތަ ބަންގާޅި މީހާ ގެނެސްދޭންވީ؟ ރައްޓެއްސަކު ބުނި އެގޭގައި އުޅޭ މީހާ ބަދިގޭގެ މަސައްކަތުގެ އިތުރަށް ކޮޓަރީގައި ކުރަންޖެހޭ ކަންތައްތައްވެސް ކޮށްލަދޭ ވާހަކަ. އެކަހަލަ މީހަކުތަ ގެނެސްދޭންވީ؟" އިޔަން ޖެހިލުމެއްނެތި ބުނެލި ވާހަކައިން ޒަމީހާ ދެލޯ ބޮޑުވިއެވެ. ޝާފިޔާ ފަދައިން ޒޯހާވެސް ސިހިފައި އެނބުރި ބަލައިލައިފި އެވެ. "އިޔަން ކޯއްޗެކޭ ކިޔަން ތިއުޅެނީ؟" ދެވަނަ ސިކުންތުގައި ޒަމީހާ އައީ ޝިކާރަވެރި ސިންގާއެއް ފަދައިން ފުންމައިގެންފައެވެ. ރުޅިވެރި ކަމާއެކުވެސް އެދެލޮލުން އިޔަންއަށް ނުތަނަވަސްކަން ފެނުނެވެ. "އައްދެ! ދައްތަ ހިތްހަމަ ނުޖެހުނީތަ؟ އަހަރެން އަދި ދައްތައަށް ރަނގަޅަކަށް މިއުޅުނީ." އިޔަން ހިނިތުންވެލުމުން ޒަމީހާ އިތުރަށް އަނދައިގަތެވެ. އިޔަންގެ އެސޫރައެއް އޭނާ އަދި ނުދެކެއެވެ.

"އިޔަން! އެއީ ދައްތައޭ. އިޔަން ގަޔާނުވާ ވާހަކައެއް ދެއްކިއަސް ކޮންމެވެސް ވަރެއްގެ ޤަދަރެއް ހުންނަން ވާނެ އެއްނު." ޝާފިޔާ ހިތްހަމަ ނުޖެހިފައި އިޔަން ހުއްޓުވަން މަސައްކަތް ކުރިއެވެ. "ދެން އެހެން މީހުންގެ ޤަދަރާއި އިއްޒަތަކީ އޮންނަ އެއްޗެއް ނޫން ދޯ. ވަރަށް ރަނގަޅު. މަންމަވެސް ނުޖެހޭ ގޭގެއިން ނިކަމެތި ކުދިން ގެނެސްގެން ބަދުނާމު ކުރާކަށް." އިޔަން ޝާފިޔާ ދެކެވެސް ހިތްހަމަ ނުޖެހުނެވެ. ޝާފިޔާ އިތުރަށް ވާހަކަ ދައްކަންވެގެން ގޮވައިލުމުން އެއަޑުވެސް ނާހައި އޭނާ ބާރަށް ހިނގައިލައިފައި ނިކުމެގެން ދިޔައެވެ. "ކުރިމަތިން ދުރަށް ދޭ! ބިޗް." ރުޅިގަދަވެފައި ހުރި ޒަމީހާ އަތް ދޮވެލައިގެން އެބުރުނު އިރު ޒޯހާ ފެންނަން ހުރުމުން ލޯ އަޅާފައި އިޔަން ފަދައިން ނިކުމެގެން ދިޔައެވެ.

"ދައްތައަށް މާފު ކުރޭ ޒޯހާ!" ދެމީހުން އެކަނި ވުމުން ޝާފިޔާ އައިސް ޒޯހާގެ ކައިރިއަށް ހުއްޓުނެވެ. "ޒޯހާ ދެރަވެފައި ހުރުމުން ވާހަކަ ދައްކަން އުދަނގޫވެގެން ދެފަރާތަށް ބޯ ހޫރުވައިލެވުނެވެ. ޝާފިޔާ ޒޯހާގެ ކޮނޑުގައި ފިރުމައިލާފައި ނިކުމެގެން ދިޔަފަހުން ޒޯހާ ތަށިތައް ސިންކަށް ލައިފައި ލޮލުގައި ނުކުޅަދާނަ ވެފައިވާ ކަރުނަތިކި ވައްޓައިލި އެވެ. ސިންކުގެ ކައިރި ފަށުގައި ދެއަތް ވިއްދާލައިގެން ޒޯހާ ހުރި އިރު ސިކުނޑީގައިވީ އެންމެ ސުވާލެކެވެ. އިޔަންއަށް އެހާ ވަރެއްވީ ކީއްވެ ހެއްޔެވެ؟

އިރު އޮއްސިގެން އައި ވަގުތު ޒޯހާ ރޭގަނޑަށް ކެއްކޭނެހެން ތަރުކާރީ ކޮށަން ހުރީ ބަދިގޭގައެވެ. ދޮރުފަތުގައި މީހަކު ޓަކި ޖަހައިލުމުން ބަލައިލި އިރު އިޔަން ވަންނަނީ އެވެ. އެމޫނު ތާޒާވެފައި ރީތިކަމުން ދެންމެ ފެންވަރާލައިގެން ނިކުތް ކަހަލައެވެ. އިޚުތިޔާރެއް ނެތިވެސް ޒޯހާއަށް ހިނިތުންވެލެވުނެވެ. އިޔަންއަށް ބަލަން ހުރެގެން ނޭނގުމުގެ ތެރޭގައި ކައިރީގައި ހުރި ތަށިން މިރުހެއް ނަގައި ކޮށައިލެވުނު އިރުވެސް ރޭކައެއް ނުލިއެވެ. "ޒޯހާ އެންމެ މީރުކޮށް ކޯއްޗެއް ކައްކަނީ؟" އިޔަން ހުރީ ވަރަށް ހަމަޖެހިފައެވެ. އައިސް މޭޒު ކަނުގައި އަތް އަޅުވާލައިގެން ހުއްޓިލުމުން ޒޯހާގެ ނިއްކުރިން ފިނި ދަލެއް ނިކުންނަން ފެށިއެވެ. "އަމް... މަންމަ ބުނީ އަހަރެން ކައްކާ ފޮނި އެއްޗެހި ވަރަށް މީރުކަމަށް." ޒޯހާ ޖަވާބު ދީފައި ލޯ ކައިރިއަށް ނިވާއެޅި އިސްތަށިކޮޅެއް ދުރުކޮށްލަން އަތުގެ ނުފުށް ބޭނުން ކުރުމުގެ ތެރޭގައި އިނގިއްޔެއް ލޮލަށް ވަނެވެ.

"މަންމާ! މިރުސް މިރުސް!" ދެވަނަ ސިކުންތުގައި އޭނާ ދެލޯ މަރައި ތަގުޅި ކޮށްފައި ޅަކުއްޖެއްހެން ރޮއިގެންފިއެވެ. "އޯހ ނޯ. ޒޯހާ. ފެނުން ދޮވެލަންވީނު. ހިނގާ ސިންކު ކައިރިއަށް." އިޔަން އަވަސް އަވަހަށް ޒޯހާގެ އަތުގައި ހިފަހައްޓައިލި އެވެ. "ނޫން. ހަކުރުކޮޅެއް ދީ. ހަކުރު ކެއިމަ ރަނގަޅުވާނެ." ޒޯހާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކާއެކު ވާހަކަދެއްކިއެވެ. "ރިއަލީ؟ އެކަމަކު އެއީ ކިހިނެއް ވާނެ ކަމެއް؟ ލޮލުގަ މިރުސް އެޅުނީމަ ހަކުރު؟" އިޔަން ކުޑަކޮށް ހައިރާންވިއެވެ. "ދެން ދީބަލަ ޕްލީޒް!" ޒޯހާ ކުރިއަށްވުރެ ބާރަށް ބުނެލިއެވެ. އިޔަން ވަށައިގެން ލޯ ހިންގައިލާފައި ދެތިން ކަބަޑެއް ހުޅުވިއިރު އަދި ފެންނަވަރެއް ނުވިއެވެ. "އިޔަން ހެޔޮނުވާނެ އަވަސް!" ޒޯހާއަށް ކެތްވަނީއެއްނޫނެވެ. "ފެނިއްޖެ." އިޔަން އަވަސްއަވަހަށް ސަމުސަލެއް ހޯދައިލާފައި ހަކުރު ފުޅިން އެތިކޮޅެއް ނަގައި ޒޯހާގެ އަނގައިގައި ޖައްސައިލިއެވެ. ޒޯހާ އަނގަ ހުޅުވާފައި ހަކުރުކޮޅު އެތެރެ ކޮށްލައިގެން ހަފަން ފެށި އިރު އިޔަންއަށް ހުރެވުނީ އެސްފިޔަ ޖަހަން ނޭނގިފައި ބަލާށެވެ. އެހާ ކައިރިން އެމޫނަށް ބަލައިލުމުގެ ފުރުސަތު ލިބުމުން ބޭކާރު ކޮށްލާކަށް ބޭނުމެއް ނުވިއެވެ. ކޯތާފަތް މަތީގައި ދެމިފައިވާ ކަރުނައިގެ ދެރޮނގާއެކު ދެލޯ މަރައި ތަގުޅި ކޮށްގެން ހުރެ އަނގަ ހަލުވަމުން ދިޔަ ގޮތްވެސް އިޔަންއަށް ވަރަށް ރީތިވިއެވެ.

ޒޯހާއަށް ލޯ ހުޅުވައިލެވޭ ވަރުވުމުން ލަސްލަހުން އެސްފިޔަތައް ދުރުކޮށްލިއެވެ. އިޔަން އަދިވެސް ހުރީ ބަލަހައްޓައި ގެންނެވެ. ހަތަރުކަޅި ހަމަވުމުން އެއްމިޔަކަނުން ހިނިތުންވެލީ ޒޯހާގެ ވިންދު އަވަސް ކޮށްލައިފައެވެ. "ޝުކުރިއްޔާ." ޒޯހާ ހީލައިފިއެވެ. އިޔަން އެއްޗެއް ބުނަން އުޅެފައި ފިޔަވަޅުގެ އަޑު އިވިގެން އެނބުރިލި އިރު ޒަމީހާ ލޯ އަޅައިގެން ވަންނަނީ އެވެ. ޒަމީހާ އެކައްޗެއް ވެސް ނުބުނެ ހުސްވެފައި ހުރި ކޮފީ މަގު ބަހައްޓާފައި ދިއުމުން އިޔަންވެސް ނިކުންނަން ވެގެން އެނބުރިލައިފިއެވެ. ދެން އަންނާނީ މަންމަ ނޫންކަމެއްވެސް ނޭނގެއެވެ. އަދި ވަކި ގޮތަކަށް ހަމަވެސް ނުޖެހިގެން އުޅެނިކޮށް މާ ގިނަ މީހުންނަށް ފެންނާކަށް އިޔަން ނޭދެއެވެ. އެންމެ ފުރަތަމަ ޒޯހާގެ ހިތުގައި އޮތް އެއްޗެއް ދެނެގަންނަންވެސް އެބަ ޖެހެއެވެ.

އިޔަން ވަރަށް ތައްޔާރުވެގެން ހުއްޓާވެސް ފަހު ވަގުތު ލިބުނީ ލަނޑެކެވެ. ޝާފިޔާ ދުރަށް ދިޔައީވެސް ޒޯހާ ކާރުގައި ބައިންދާފައި ޑްރައިވަރ ކާރު ދުއްވައިލީމައެވެ. ކެއުމުގެ ވަގުތު ކައިރިވެފައި ހުއްޓާ ނަޝީދު ތައިލެންޑް ކުއްޖަކު ގެނެސް ގެއަށް ވެއްދީވެސް ހަމަ އެރޭއެވެ. ޒޯހާ އާއި ބައްދަލު ކުރަން އޮތް ފަސޭހަ މަގު ބަންދު ވުމުން އިޔަން ދެރަވެސް ވިއެވެ. އެކަމަކު އެއްގޮތަކުން ބަލާއިރު ޒަމީހާގެ ވިހަ ދުލުން ޒޯހާ ސަލާމަތް ވީއެވެ.

ދެދުވަހެއް ވީއިރު އިޔަން ފޫހިން ހަލާކުވިއެވެ. ޒޯހާ ނުފެނުމުން އެހެން ހުރިހާ ކަމަކުން އޭނާ އެއްކިބާވިއެވެ. މިއަދު އިޔަންގެ ހަމަޖެހުމަކީވެސް އަދި އުފަލަކީވެސް އެމޫނެވެ. އެއަޑެވެ. ބައްދަލު ވުމަށްޓަކައި އިތުރު މަގެއް ހޯދަން އިޔަންއަށް މަޖުބޫރުވީ އެހިސާބުންނެވެ. ޗުއްޓީ ދުވަސްވަރު ގައިވެސް ޒޯހާގެ ކަމަކީ ގޭގައި އިނދެގެން ކިއެވުމެވެ. މާގިނައިން އެގެއަށް ގޮސް ވަންނަން ވެއްޖެއްޔާ ރަވީދުބެއަށްވެސް އޮންނާނީ ފަޅާ އަރައިފައެވެ. އިޔަން ބައްޕަގެ ކޮޓަރިއަށް ވަދެ ރަވީދުބޭގެ ފައިލް ހޯދައިގެން އެގޭ ނަންބަރ ހޯދީ އެއަޑު އަހާ ހިތުން ކެތްނުވެގެންނެވެ.

ވިއްސާރަ ވެހެން ފެށީ އިރު އޮއްސުނު ފަހުންނެވެ. އިޔަންއަށް މިސްކިތުން އައިސް ކިރިޔާ ގެއަށް ވަދެވުނު ކަމެވެ. ކޮޓަރިއަށްވަދެ އެނދުގައި ޖައްސާލައިފައި ކޯޑްލެސް ފޯން ނަގައި ޒޯހާގެ ނަންބަރަށް އިޔަން ގުޅައިލި އެވެ. ހިތުގެ ތެޅުން އަވަސްވީ ފުރަތަމަ ފަހަރަށް ވީމައެއް ނޫނެވެ. އެކަމަކު ޒޯހާ އާއި ދިމާ ނުވެދާނެތީއެވެ. "އައްސަލާމް އަލައިކުމް." އިޔަންއަށް މޭގައި ޖަހާލެވުނީ އެކޮޅުން އިތުރު އަޑެއް އިވުނީމައެވެ. މިވީ ހާދަ ދެރަގޮތެކެވެ. ދެން ޖެހޭނީ ކެރިގެން ކުރިމަތި ލާށެވެ. "ޒޯހާ އުޅޭތަ؟" އިޔަން އެހިއެވެ. "ޒޯހާ އުޅެނީ ބަލިވެ. އޭނާއަށް ފޯނާއި ހަމައަކަށް ނާދެވޭނެ." އެކޮޅުން ދިން ޖަވާބު އަހާފައި އިޔަންގެ މެއަށް އެތައް ހާސް ކަށިތަކެއް ހަރައިލި ކަހަލައެވެ. ވަގުތުން ލޯ ފެންކަޅިވިއެވެ. ފޯން އެނދުމައްޗަށް ދޫކޮށްލައިފައި ތެދުވެގެން ދެކޮޅަށް ހިނގަން ފެށުނެވެ. މިވީގޮތުން އަދި މާބޮޑަށް އެސޫރަ ދެކެން ބޭނުންވިއެވެ.

އިޔަން އިރުގަނޑެއް ވާންދެން ވިސްނާފައި ގޮތެއް ނިންމިއެވެ. ލައިގެން ހުރި ގަމީސް ބާލައި އަތް ދިގު ޓީޝާޓެއް ލައިގެން ނިކުންނަން ދަމުން ސެންޓް ބުރުވައިލި އެވެ. އިޔަން ދިގު ފިޔަވަޅުތަކެއްގައި ގޮސް އަރާ ހަމަވުމުން ޒަމީހާ މިއާ ކައިރީ ވާހަކައެއް ދައްކަން ހުރެފައި ކުއްލިކަށް ހުއްޓައިލި އެވެ. އެވަގުތު މިއާ އިސް އުފުލައިލާފައި ބަލައިލި ގޮތް ކުރިއާއި މުޅިން ތަފާތެވެ. ނިކުމެގެން ދިޔައިރު އިޔަންގެ ފިރިހެންވަންތަކަމާއި ރީތި ސޫރަ އާއިމެދު ފުރަތަމަ ފަހަރަށް ވިސްނައިލެވުނީ މަންމަ ދެއްކި ވާހަކަ ތަކަށް ފަހުގައެވެ. މާކުރިއްސުރެ އެދެކުދީންގެ ކައިވެނި ޒަމީހާ ހަމަޖައްސައިގެން އުޅޭ ވާހަކަ އިވިފައި މިއާ ފުރަތަމަ އިނީ ޝޮކެއްގައެވެ. މަންމަ ވިސްނައިދޭން ފެށުމުން މަޑު މަޑުން އޭނާއަށް ވިސްނުނެވެ. އިޔަންވެސް އޭނާއަށް ކޮއްކޮ ނުކިޔައި އަބަދު "ބޭބީ" ކިޔައިގެން ސަމާސަ ކުރަނީ ހިތުލައިގެން އުޅޭތީއެވެ. މިއާ މާޒީގެ ދުވަސްތައް ހަނދާން ވުމުން ރަކިވެސް ވިއެވެ. އިޔަންގެ ކުރިމަތީ އޭނާ ހާދަ ސަކަ ގޮތް ގޮތަށް އުޅެފައި ހުންނާނެއެވެ.

އިޔަން ގެއިން ނިކުތުމުގެ ކުރީން ވާރޭ ކޯޓު ލިއެވެ. ސައިކަލު ގަރާޖު ނެރުނު އިރަށް ފެންތިކިތައް ކޯޓުގައި ބީހޭ އަޑު ކަންފަތް ދޮށުގައި ހަރުލައިފިއެވެ. ނުހަނު ހިތްގައިމު އަހާލަން ފަސޭހަ ގޮތެއް ހުއްޓެވެ. އިޔަން މަގުމައްޗަށް ނިކުމެފައި ފުރަތަމަވެސް ބެހެއްޓީ ޒޯހާ އުޅޭ ގެއާއި ދިމާއަށެވެ. ބަހަނާއެއް އަދި ހިތުގައި ނެތިވެސް އިތުރު އެހެން ދިމާއަކަށް ދާ ހިޔާލެއް ނެތެވެ. މަގުމަތިވެސް ފެންނަނީ އެހެން ދުވަސްތަކަށްވުރެ ފަޅުކޮށެވެ. ހާއްސަކޮށް ހިނގާ މީހުން މަދެވެ. އިޔަން ސައިކަލު އެއްފަރާތެއްގައި ޕާކްކޮށް މަޑުކޮށްލީ ވަދެފައި ދައްކާނެ ބަހަނާ އަކާއި މެދު ވިސްނާލުމުގެ ގޮތުންނެވެ. އެހާ ކުޑަ ވަގުތު ކޮޅަކަށްވެސް މަގުމަތީން ދިޔަ މަދު ކުއްޖެއްގެ ލޮލުގައި އެސޫރަ އަޅައިގަތެވެ. އަނދުން ކުލައިގެ ވާރޭ ކޯޓާއި އެކު ވަކިން ފިރިހެންވަންތަ ގޮތެއް ހުއްޓެވެ. އެކުލަވެސް އިޔަން އާއި ގުޅެނީއެވެ.

އިޔަންގެ ނަސީބުވެސް ރަނގަޅީއެވެ. ދޮރާއި ހަމައަށް ގޮސް ޓަކި ޖަހައިލަން އުޅެނިކޮށް އެނގުނީ ދޮރު ހުރީ ހުޅުވާފައި ކަމެވެ. އިޔަން ދެކޮޅު ހޯދައިލައިފައި ވަގެއްހެން އެތެރެއަށް ދެމިގަތެވެ. ދުރުން ވާހަކަ ދައްކާ އަޑު އިވިގެން ދިގު ފިޔަވަޅު ތަކެއްގައި ގޮސް އެންމެ ކައިރިއަށް ހުރި ކޮޓަރިއަށް ކިރިޔާ ވަދެވުނު ކަމެވެ. ޝަހާމާ އާއި ރަވީދު ވާހަކަތަކެއް ދައްކަމުން ގޮސް ސިޓީންރޫމްގައި ހުރި ގޮނޑި ތަކުގައި އިށީންދެލީ ދުފަން ވެގެންނެވެ. ވަދެހުރެވުނު ތަނަކާއި މެދު އިޔަންއަށް ވިސްނައި ލެވުނީ ދެނެވެ.

ފަނޑު އަލީގެ ތެރޭގައި އެނދުގައި އޮތް އަންހެން ކުއްޖާ އެހިސާބުން ވެސް ފާހަގަ ވެއްޖެއެވެ. ކުޑަ ކުޑަ ކޮޓަރި ގަނޑުގައި އެތައް ބައިވަރު އެއްޗެހި ބަހައްޓާފައި ހުރިއިރުވެސް ސާފު ތާހިރު ކަމުން އެއްވަނައެވެ. އިޔަން ސިއްރު ފިޔަވަޅު ތަކެއްގައި ގޮސް ކައިރިއަށް ހުއްޓިފައި ކޯޓުގެ ޒިބު ދަމައިލީ ނިކަން މަޑު މަޑުންނެވެ. އަނދުން ކުލައިގެ ކޯޓާއެކު އެތެރެއިން ވިލު ކުލައިގެ ޓީޝާޓް ފެންނަން ހުއްޓެވެ. އެކޯޓުން ވަކިވެގެން ތިރިއަށް ދިޔަ ފެންތިކިތަކުގެ އަޑު ނީވެނީ ވާރޭ ވެހޭއަޑާއި ހެދިއެވެ. ޒޯހާ ނިދިފައި އޮތްއިރު ތުންފަތުގައި ލުއި ހިނިތުންވުމެއް ވިއެވެ. ނިއުޅާލެވިފައިވާ ދިގު އިސްތަށިގަނޑު ބާލީސް އެކުގައި ފޮރުވާލާފައި އޮތެވެ. ފެހި އަލީގައިވެސް މޫނުގެ ރީތިކަމަކަށް ބަދަލެއް ނާދެއެވެ. ނިދިފައި އޮތުމުން ވަކިން މައުސޫމެވެ.

އިޔަން މަގަތުގައި އިށީންދެފައި ޒޯހާގެ ކޯތާފަތުގައި އިނގިލިތައް ބީއްސައިލުމުން ލަސްލަހުން އެސްފިޔަތައް ދުރުކޮށްލިއެވެ. "އިޔަން!" ދެވަނަ ސިކުންތުގައި އެރީތި ދެލޮލަށް ކަރުނަތައް ބޮނޑިވެގެން އައެވެ. "ކިހިނެއް ހާލު؟" އިޔަން ކުރިއަށްވުރެވެސް ބޮޑަށް ގުދުވެލައިފައި ނުހަނު ލޯބިން އަހައިލި އެވެ. ޒޯހާ ލޯ ބޮޑުކޮށްލީ ދެނެވެ. އަދި ހަމަ ކުއްލިއަކަށް ފުންމައިގެން ތެދުވެއްޖެއެވެ. "އިޔަން މިތާ ކީއްކުރަނީ؟" ޒޯހާ ސުވާލު ކޮށްލި ގޮތުން އިޔަންވެސް ހައިރާންވިއެވެ. "އަހަރެން ޒޯހާ ބަލިކަން އެނގިގެން ހާލު ބަލައިލަން މިއައީ؟ ކިހިނެއްތަ ވީ؟" އިޔަން ޒޯހާއަށް ވީގޮތް ދެކެފައި ކޮޅަށް ތެދުވެއްޖެއެވެ. "ހުން އައިސް ގައިގަ ރިއްސަނީ." ޒޯހާ ރަޖާގަނޑުން ދެފައިވެސް ހާމަވެފައިވާ ބައި ނިވާކޮށްލިއެވެ. ފެހި އަލީގައިވެސް ކޯތާފަތަށް ރަތް ކުލަ އަރައިގެން ދިޔަކަން އިޔަންއަށް ފާހަގަވިއެވެ. އޭނާ ފެންނައިރަށް ޒޯހާ ހާދަ ފަސޭހައިން ލަދު ގަނެއެވެ. މަލެއް ފަދައިން މޯޅިވެދެއެވެ.

"ޑޮކްޓަރަށް ދެއްކީތަ؟" އިޔަން އިތުރަށް އޮޅުން ފިލުވަން ވެގެން އެހިއެވެ. "ނޫން. ބޭސް ކެއީ." ޒޯހާއަށް ވިސްނައިލެވުނީ ކޮޓަރިއާއި މެދުގައެވެ. އިޔަންފަދަ ޝަހުސިއްޔަތެއް އެކުޑަ ކޮޓަރި ގަނޑަށް ވެއްދީވެސް ކާކު ހެއްޔެވެ؟ ޒޯހާ އެއީ މަންމަ ކަމަށް ނިންމައި ހިތާއިހިތުން ޝަކުވާ ކޮށްލިއެވެ. އިޔަން ކައިރީ އިށީންނަން ބުނާނެ ތަނެއްވެސް އޭނާއަކަށް ނޭނގުނެވެ. "ކީއްވެތަ ތިހާ ކަންބޮޑުވެ ތި އިންނަނީ؟ އަހަރެން ހީކުރީ އަހަރެން ފެނުނީމަ ޒޯހާ އުފާ ކަމަށް ވާނީ؟" އިޔަންގެ މަޤްސަދަކީ ޒޯހާގެ ހިތުގައިވާ އެއްޗެއް އޮޅުން ފިލުވުމެވެ. "މަންމަ އަޅެ ބުނެލިނަމަ އަހަރެން ބޭރަށް ނިކުމެއްޖައީމުސް. އިޔަންއަށް ތަކްލީފް ޖެއްސީ ކީއްކުރަން." ޒޯހާގެ ވާހަކައިން އިޔަންއަށް ދެފަރާތަށް ބޯ ހޫރުވައިލެވުނެވެ. "އަހަރެން މިގެއަށް އަންނަ ކޮންމެ ދުވަހަކު އެބަ ލަދު ގަންނަން ޖެހޭ. ކުރީ ދުވަހުވެސް ޒޯހާގެ މަންމަމެން އިށީންނަ ގޮޑިވެސް ފުހުނު. މިއަދު އަނެއްކާ ޒޯހާވެސް އަހަރެން މިތާ ހުރެގެން ތި ކަންބޮޑުވަނީ. މިވެސް ޒޯހާފަދަ އިންސާނެކޭ." އިޔަން ލުއި ހީލުމާއެކު ދެންވެސް އިށީންދެލީ އެނދުގެ މަގަތުގައެވެ. އެވަގުތު ދޮރާއި ދިމާއިން ފިޔަވަޅުގެ އަޑު އިވިގެން އިޔަން އެނބުރި ބަލައިލައިފައި ގޮސް ދޮރު ފޮތިގަނޑު ދަށަށް ވަނެވެ.

ޒޯހާ ހުއްޓުން އަރައިފައި އިންދާ ޝަހާމާ އެތެރެއަށް ވަދެއްޖެއެވެ. "އައްދެ ކިހިނެއް ތިޔަ ވީ؟" ދެދުވަސް ވާންދެން އެނދުން ހިއްލައި ނުލެވިފަ އޮތް ކުއްޖާ މިހާރު ރަނގަޅުވީތަ؟" ޝަހާމާއަށް ޒޯހާ އިށީންދެ އިންދާ ފެނިގެން ހައިރާންކަން ފައުޅު ކުރިއެވެ. ދޮރުފޮތިގަނޑުގެ ފުރަގަހުގައި ހުރި އިޔަންއަށްވެސް އެއަޑު އިވުނެވެ.
(ނުނިމޭ)