ގަލޮޅު މަދަރުސާގެ ސީނިއާ މެނޭޖްމަންޓާއި ޓީޗަރުން އަދި ބެލެނިވެރިންގެ މެދުގައި މައްސަލަތަކެއް ދިމާވެ، އެކަމުގެ ޝަކުވާ ސިޓީ ކައުންސިލަށް ހުށަހަޅާ އެކު ސިޓީ ކައުންސިލުން ގަލޮނު މަދަރުސާ ހިނގުމަށް ޕްރިންސިޕަލަކު ހަމަޖައްސައިފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު މިއަދު ވިދާޅުވީ ގަލޮޅު މަދަރުސާގެ ބެލެނިވެރިންނާއި ޓީޗަރުންގެ އިތުރުން ސްކޫލްގެ މެނޭޖްމަންޓުން އެދިގެން އެ ސްކޫލަށް އަމީރު އަހުމަދު ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ހުސްނު އަފްރޯޒު ހަމަޖައްސައިފައިވާ ކަމަށެވެ.

ޕްރިސިޕަލަކު ހަމަޖެއްސި ނަަމަވެސް ކުރިން އެ ސްކޫލްގައި ތިބި ޑެޕިއުޓީ ޕްރިންސިޕަލް އާއި އެސިސްޓެންޓް ޕްރިންސިޕަލުގެ މަގާމުގައި ތިއްބެވި ބޭފުޅުން އެމަގާމުތަކުގައި ތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސުޖާއު ވިދާޅުވީ ސްކޫލްގެ މެނޭޖްމަންޓާއި ޓީޗަރުންނާއި ބެލެނިވެރިންގެ މެދުގައި މައްސަލަތަކެއް ޖެހިގެން އެކަމުގެ ޝަކުވާ ތިން ފަރާތުން ވެސް ސިޓީ ކައުންސިލަށް ހުށަހަޅަފައިވާ ކަމަށެވެ.

"ސްކޫލްގައި މައްސަލަތަަކެއް އެބަ އޮތް، ޕީޓީއޭއިން މި ބުނަކީ މިހާރު ހުންނަ އެސިސްޓެންޓް ޕްރިންސިޕަލް އެމީހުންނަށް އިޖާބައެއް ނުދޭ، ޓީޗަރުން ބުނަނީ ސްލޫލްގެ މެނޭޖްމަންޓުން ކަންތައްތައް ކުރަނީ ތިމަނަންމެން އެދޭ ގޮތަކަށް ނޫނޭ، ޕީޓީއޭގެ މައްސަލަތައް ވަރަށް ބޮޑޭ، އެހެންވެ އަޅުގަނޑުމެން މި ހެދި ގޮތަކީ ސްރަކްޓާ ތެރެއަށް ޕްރިންސިޕަލެއް ލާފައި މިއެންގީ ބެލެނިވެރިންނާއި ޓީޗަރުންނާއި މެނޭޖްމަންޓާއި ދެމެދު ޖެހިފައި އޮތް މައްސަލަތައް ހައްލުކުރަން، ސިޓީ ކައުންސިލުން މި ދެކެނީ މިހާރު އޮތް މައްސަލަތައް ޕްރިންސިޕަލަކު ލައިގެން ހައްލުވާނެ ކަމަށް،"ސުޖާއު ވިދާޅުވި އެވެ.

ގަލޮޅު މަދަރުސާގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގެ ފިޔަވަޅު މިހާރު ވެސް ސިޓީ ކައުންސިލުން އަޅާފައިވާއިރު އެމައްސަލަތައް ހައްލުނުވެއްޖެ ނަމަ އިތުރަށް އެކަމުގައި އޮތް ހައްލަކީ ކޮބައިތޯ ބަލާ އެ މައްސަލަތައް ހައްލުކުރާނެ ކަމަށް ވެސް ސުޖާއު ވިދާޅުވި އެވެ.