ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގަންނަވައިފިއެވެ.

މިމަހުގެ އަށް ވަނަ ދުވަހު ފެއްޓެވި މިދަތުރުފުޅުގައި ޑިފެންސް މިނިސްޓަރު ނާޒިމް ވަނީ ރާއްޖޭގެ ގައުމީ ސަލާމަތާއި، ދިފާއީ އަދި އަސްކަރީ ދާއިރާ ކުރިއަރުވާ ތަރައްގީކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މިގޮތުން އިންޑިއާ، ދިވެހިރާއްޖެ އަދި ސްރީލަންކާއާއި ދެމެދު ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ގޮތުން، ތިން ގައުމުގެ މެދުގައި ބާއްވަމުން އަންނަ "ޓްރައިލެޓަރަލް ކޯޕަރޭޝަން އޮން މެރިޓައިމް ސެކިއުރިޓީ" ގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒާ ލެވެލްގެ ދެވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، އެބައްދަލުވުމުގެ އައުޓްކަމް ޑޮކިއުމަންޓުގައި ރާއްޖޭގެ ފަރާތުން ޑިފެންސް މިނިސްޓަރު ނާޒިމް ވަނީ ސޮއިކުރައްވާފައެވެ.


އެ ބައްދަލުވުމުގައި އެކުލަވާލެވިފައިވާ ފްރޭމްވޯކްގެ ސަބަބުން މިސަރަހައްދުގެ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާ ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މެރިޓައިމް ސާޗް އެންޑް ރެސްކިއު އާއި މެރިން އޮއިލް ޕޮލިއުޝަން ރެސްޕޮންސްގެ ދާއިރާއިން ރާއްޖޭގެ ގާބިލްކަން އިތުރުކުރުމުގައި އިންޑިއާ ސަރުކާރުގެ އެހީތެރިކަން ލިބިގެންދިއުމާއި ރާއްޖޭގެ މަސްކަނޑުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތަށް އިންޑިއާ އަދި ސްރީލަންކާގެ އަސްކަރިއްޔާގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

އިންޑިއާ ކަނޑުން ދަތުރުކުރާ އުޅަނދުފަހަރުގެ ހަރަކާތްތައް މޮނީޓާކުރުމަށް ބޭނުންވާ މައުލޫމާތު އިންޑިއާ އަދި ސްރީލަންކާއިން ރާއްޖެއާއި ހިއްސާކުރުމުގެ ފުރުސަތުވެސް މިފްރޭމްވޯކްގެ ސަބަބުން ތަނަވަސްވެގެން ގޮސްފައިވާކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެ ދަތުރުފުޅުގައި ޑިފެންސް މިނިސްޓަރު ނާޒިމް ވަނީ މިމަހުގެ ނުވަ ވަނަ ދުވަހު ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ އާއި ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި އެމަނިކުފާނު އެންމެ ބޮޑު ސަމާލުކަމެއް ދެއްވީ ރާއްޖޭގެ ގައުމީ ސަލާމަތާއި ސީދާ ގޮތުން ގުޅިފައިވާ ރާއްޖޭގެ ފުޑް ސެކިއުރިޓީ، ހަރުދަނާ ނިޒާމެއްގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ދިގު މުއްދަތަކަށް ޔަގީންކުރުމަށް ސްރީލަންކާ ސަރުކާރުގެ އެހީތެރިކަން ހޯއްދެވުމުގެ މައްޗަށް ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ދިފާއީ އަދި އަސްކަރީ ދާއިރާއިން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާބެހޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ރާއްޖޭގެ ފުޑް ސެކިއުރިޓީގެ ހާލަތު ރަނގަޅުކުރުމަށާއި ރާއްޖޭގެ ދިފާއީ އަދި އަސްކަރީ ދާއިރާ ތަރައްޤީކުރުމުގައި ސްރީ ލަންކާ ސަރުކާރުގެ ފުރިހަމަ އެހީތެރިކަން ލިބެމުންދާނެކަމުގެ ޔަގީންކަން ރައީސް މަހިންދަ ރާޖަޕަކްސަ ދެއްވާފައިވާކަމަށްވެސް ޑިފެންސް މިނިސްޓްރީން ބުނެ އެވެ.