13 Jul 2013, 16:17
ޓޫރިޒަމްގެ ހޫނު މޫސުމާ ދިމާކޮށް ރާއްޖޭގެ މަތީ ފެންވަރުގެ ރިސޯޓުތަކުން އަގު ހެޔޮކޮށްފި އެވެ.
ޑައިރެކްޓް ރޫމް ޑޮޓްކޮމްއާ ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ބުނެފައި ވަނީ ހޫނު މޫސުމާ ދިމާކޮށް ހިތްގައިމު ގޮނޑުދޮށްތަކާއި ކަނޑުއަޑީގެ ރީތިކަން ދެކިލުމަށް ބޭނުންވާ ފަރާތްތަކަށް ވަރަށް އަގު ހެޔޮކޮށް ރާއްޖޭގެ ރިސޯޓްތަކުން ކޮޓަރިތައް ވިއްކަމުންދާ ކަމަށެވެ.
ނޫސްތަކުގައި ބުނެފައި ވަނީ މިދުވަސްވަރަކީ ރާއްޖޭގެ ރީތިކަން ދެކިލަން އާއިލާއާ އެކު އަންނަން ވަރަށް ރަނގަޅު ދުވަސްކޮޅެއް ކަމަށެވެ. އަދި މަތީ ފެންވަރުގެ ރިސޯޓްތަކުން އަގުހެޔޮކުރުމަކީ ގިނަ ބަޔަކަށް އޭގެ ފައިދާކުރާނެ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ޔޫރަޕްގެ ހޫނު މޫސުމަކީ ރާއްޖެ އަށް އެންމެ މަދުން ޓޫރިސްޓުން އަންނަ ދުވަސްވަރެވެ. ކޮންމެ އަހަރެއްގެ މެދު ތެރޭގައި ރާއްޖޭގެ ޓޫރިޒަމް ވަރަށް ބޮޑަށް ދަށަށް ދާތީ، ބައެއް ރިސޯޓްތަކުން އަގު ހެޔޮކޮށް އެނދު ވިއްކަ އެވެ. އަދި އޮފް ސީޒަނާ ދިމާކޮށް ރިސޯޓްތަކުން އަގު ހެޔޮކުރުމުން ޗައިނާއާއި ޔޫރަޕުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ބައެއް ރިސޯޓުތަކުން ބުންޏެވެ.
ބޭރުގެ މީޑިއާތަކުން ބުނެފައި ވަނީ އޮފް ސީޒަނާ ދިމާކޮށް މަތީ ފެންވަރުގެ ވަރަށް ގިނަ ރިސޯޓްތަކުން ވަރަށް ހާއްސަ އަގުތަކެއްގައި ތަފާތު ހިދުމަތްތަކާ އެކު ހާއްސަ ޕްރޮމޯޝަންތަކެއް ފަށާފައިވާ ކަމަށެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މެއި މަހު ރާއްޖެއައި ޓޫރިސްޓުންގެ އަދަދު 25 ޕަސެންޓް ވަނީ އިތުރުވެފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މެއި މަހު ރާއްޖެ އަށް 79،426 ޓޫރިސްޓުން އައިސްފައިވެ އެވެ.