13 Jul 2013, 15:09
ސައުތު އޭޝިއަން އިންވިޓޭޝަނަލް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ވޮލީބޯލް ޓީމް ކުޅުނު ފުރަތަމަ މެޗުން އިއްޔެ ސްރީ ލަންކާއަތުން 3-1 ސެޓުން ބަލިވެއްޖެ އެވެ.
ނޭޕާލުން އިސްނަގައިގެން ސަރަހައްދުގެ ގައުމުތަކަށް އަމާޒުކޮށްގެން ކަތުމަންޑޫގައި އިއްޔެ ފެށި، މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގެ ފުރަތަމަ ސެޓް ލަންކާ ގެންދިޔައީ 25-16 އިން ނެވެ. އެހެން ނަމަވެސް ރާއްޖޭގެ ޓީމުން ކުޅުން ރަނގަޅުކޮށް ދެވަނަ ސެޓް 23-25 ވަނީ ކާމިޔާބު ކޮށްފަ އެވެ. އެއް ގަޑިއިރާ 48 މިނިޓަށް ދިގުދެމިގެން ދިޔަ މެޗް، ލަންކާއިން ކާމިޔާބު ކުރީ ފަހު ދެ ސެޓްގެ ތެރެއިން ފުރަތަމަ ސެޓް 25-21 އަދި ފަހު ސެޓް 25-19 އިން ރާއްޖެ މައްޗަށް ކުރި ހޯދައިގެންނެވެ.
ކަތުމަންޑޫގެ ތްރިޕުރޭޝްވަރު އިންޑޯ ހޯލްގައި ކުޅުނު މުބާރާތުގެ ފުރަތަމަ މެޗުގައި އަފްގާނިސްތާން އަތުން 3-2 ސެޓުން ކާމިޔާބު ކުރީ ނޭޕާލް އެވެ. ފޯރިގަދަ އެ މެޗުގެ ސެޓްތަށް ނިމިފައިވަނީ، 22-25, 25-21, 25-18, 24-26, 15-9ގެ ނަތީޖާއިން ނެވެ.
ސައުތު އޭޝިއަން އިންވިޓޭޝަނަލް ވޮލީބޯލް ޗެމްޕިއަންޝިޕަކީ، ނޭޕާލްގެ ސްޕޯޓްސް ކައުންސިލާއި އެގައުމުގެ ވޮލީބޯލް އެސޯއިއޭޝަން ގުޅިގެން ސާކު ސަރަހައްދުގެ ގައުމުތަކުގެ ސީނިއާ ވޮލީބޯލް ޓީމްތަކަށް ދައުވަތުދީގެން ކުރިއަށް ގެންދާ ފުރަތަމަ މުބާރާތެވެ.
އެ މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި މިއަދު ނުކުންނާނީ އަފްގާނިސްތާނާ ދެކޮޅަށެވެ. އަދި ތިންވަނަ މެޗުގައި މާދަމާ ރާއްޖެ ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލާ ދެކޮޅަށެވެ.