ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ވެރިކަމުގެ ފުރަތަމަ ތިން އަހަރު ދުވަސް ތެރޭގައި ހާއްސަ ބަލިތަކަށް ފަރުވާދޭ ގައުމީ ހޮސްޕިޓަލެއް ބިނާކޮށް، ހިދުމަތް ދެއްވަން ފައްޓަވާނެ ކަމަށް ޑރ. ވަހީދުގެ ރަނިންމޭޓް އަހްމަދު ތަސްމީން އަލީ ވިދާޅުވި އެވެ.

ޑރ. ވަހީދުގެ ސިއްހީ ސިޔާސަތު އިއުލާން ކުރެއްވުމަށް ރ. މީދޫގައި ރޭ ބޭއްވި ޖަލްސާގައި ތަސްމީން ވިދާޅުވީ ހާއްސަ ބަލިތަކަށް ފަރުވާ ދިނުމަށް ގާއިމުކުރާ ހޮސްޕިޓަލް ވެގެންދާނީ ޒަމާނީ ވަސީލަތްތަކާ އެކު ފަސޭހަކަމާއި ތަނަވަސްކަމާ އެކު ޚިދުމަތް ހޯދޭނެ ހޮސްޕިޓަލަކަށް ކަމަށެވެ.

"ކޮންމެ ފަރުދަކަށް ވެސް ބޭނުންވާ ސިއްޙީ ފަރުވާ ކަށަވަރު ކުރުމުގެ ގޮތުން މުޅި ރާއްޖޭގައި ފެންވަރު ރަނގަޅު ހަރުދަނާ ސިއްޙީ ޚިދުމަތުގެ ނިޒާމެއް ގާއިމް ކޮށްދޭނަން. މިކަމަށް ޓަކައި ޒަމާނީ ވަސީލަތްތަކާއި ފަސޭހަކަމާއި ތަނަވަސްކަމާ އެކު ޚިދުމަތް ހޯދޭނެ ނެޝަނަލް ސްޕެޝިއަލިޓީ ހޮސްޕިޓަލެއް އަޅުގަނޑުމެންގެ ވެރިކަމުގެ ފުރަތަމަ ތިން އަހަރުގެ ތެރޭ ބިނާކޮށް ހިންގަން ފަށާނަން،" ތަސްމީން ވިދާޅުވި އެވެ.

އަދި ރައީސް ވަހީދުގެ ސަރުކާރެއްގައި ނޭޝަނަލް ހެލްތު ސަވިސްއެއް ގާއިމުކޮށް ރައްޔިތުންނަށް ރަނގަޅު ފެންވަރެއްގައި ހިލޭ ބޭސްފަރުވާ ކުރުމުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ތަސްމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވެރިކަމެއްގައި ރާއްޖޭގައި ނޭޝަނަލް ހެލްތު ސަވިސްއެއް ގާއިމްކޮށް ސިއްހީ ފަރުވާގެ ޚިދުމަތްތައް ކަށަވަރުކަމާ އެކު ދައުލަތުގެ ޚަރަދުގައި ހުރިހާ ރައްޔިތުންނަށް ރަނގަޅު ފެންވަރެއްގައި ހިލޭ ފޯރު ކޮށްދޭނަން. މި ނިޒާމުން ލިބޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ހާއްޞަ ސަމާލުކަމެއް ދޭނަން. އަދި މިނިޒާމުން ލިބެން ނުހުންނަ ހިދުމަތައް ބޭނުންވާ ފަރާތްތަކަށް ރާއްޖޭން ބޭރުން އެހިދުމަތައް ލިބޭނޭ މަގު ފަހިކޮށްދޭނަން،" ތަސްމީން ވިދާޅުވި އެވެ.

ހަމަ އެހެންމެ ރާއްޖޭގައި އާންމު ވެފައިވާ ނުރައްކާތެރި ބަލިތަކަށް ބޭނުންވާ ޚާއްސަ ފަރުވާ ރާއްޖެ އިން ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށާއި އަދި ޓެލެމެޑިސިންގެ ޚިދުމަތް އިތުރަށް ތަރައްގީ ކުރުމަށް ސައުތު އޭޝިއާގެ ކުރިއަރާފައިވާ މެޑިކަލް އިންސްޓީއުޝަންތަކާ ގުޅިގެން ކްލިނިކަލް ރިފަރެލް ޕްރޮސެސްއެއް ތަޢާރަފްކޮށް ހިންގަން ފަށާނެކަމަށް ތަސްމީން ވިދާޅުވި އެވެ.

"މިއަދު ހިތުގެ ބަލިތައް ރާއްޖޭގައި ވަރަށް ގިނަ. ހިތުގެ ބައްޔަށް ރާއްޖޭގައި ފަރުވާ ކުރެވެން ނެތުމުން ރާއްޖޭން ބޭރަށްދާން މިޖެހެނީ. އަޅުގަނޑުމެންގެ ވެރިކަމެއްގައި ހިތުގެ ބަލިތަކަށް ފަރުވާ ދިނުމަށާއި އޯޕަން ހާޓް ސާޖަރީ ހެދުމަށް ބޭނުންވާ ކެތު ލެބެއް ދޮޅު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ގާއިމްކޮށް ޚިދުމަތް ދޭން ފަށާނަން. ހިތުގެ ބަލިތަކެކޭ އެއްފަދައިން ކިޑްނީގެ ބަލިތައް ވެސް މިއަދު ރާއްޖޭގައި ވަރަށް އާންމު. އަޅުގަނޑުމެންގެ ވެރިކަމެއްގައި ކިޑްނީގެ ބަލިތަކަށް ފަރުވާ ދިނުމުގެ ގާބިލްކަން އިތުރު ކުރުމުގެ ގޮތުން އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރާނަން،" ތަސްމީން ވިދާޅުވި އެވެ.

އޭގެ އިތުރުން ބަލި މީހާގެ މެޑިކަލް ރެކޯޑްތައް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުންނަ ޑޮކްޓަރަކަށް ވެސް ބެލޭނެ ނިޒާމެއް ޤާއިމްކޮށްދޭނެ ކަމަށާއި ބަލިމީހާ ބޭނުންވެއްޖެ ހާލަތެއްގައި އެ ރެކޯޑުތައް ރާއްޖޭން ބޭރުގައި ތިބި ޑޮކްޓަރުންނަށް ވެސް ބެލޭނެ އުސޫލެއް ޑރ. ވަހީދުގެ ސަރުކާރެއްގައި ހަމަޖައްސައިދޭނެ ކަމަށް ތަސްމީން ވިދާޅުވި އެވެ.

ތަސްމީން ވިދާޅުވީ ސަރަހައްދީ ހޮސްޕިޓަލްތަކުގެ ގޮތުގައި ބައިނަލްއަގްވާމީ ފެންވަރުގެ ޓާޝަރީ ހޮސްޕިޓަލްތައް ގާއިމްކުރައްވާނެ ކަމަށާއި އަދި މީހުން އުޅޭ ކޮންމެ ރަށެއްގައި ކޮލިފައިޑް ޑޮކްޓަރަކު ބަހައްޓަވާނެ ކަމުގެ ވައުދުވެވަޑައިގަންނަވާ ކަމަށެވެ. ހަމަ އެހެންމެ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި 250 ޑޮކްޓަރުން ތަމްރީނުކުރުމަށް ފޮނުވާނެ ކަމަށާއި އަދި ފްލޯޓިން ހޮސްޕިޓަލެއްގެ ޚިދުމަތް ވެރިކަމުގެ ދެވަނަ އަހަރުގެ ތެރޭގައި ތަޢާރަފް ކުރައްވާނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.