13 Jul 2013, 14:18
މޯލްޑިވިއަނުން ސ. ގަމާއި ކޮލަމްބޯއާ ދެމެދު ދަތުރުތައް ފަށާއިރު މާލެ، ކޮލަމްބޯ ދަތުރުތައް އަލުން ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
ގައުމީ އެއާލައިނުން ވަނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ގަމާއި ކޮލަމްބޯއާ ދެމެދު ސީދާ ދަތުރުތައް ފަށަން ހަމަޖައްސައިފަ އެވެ. އަދި އޭގެ އިތުރުން މާލެއާ ކޮލަމްބޯ އާ ދެމެދު ކޮންމެ ހޯމަ ދުވަހަކު ދަތުރުތައް ކުރާ ގޮތަށް އެ އެއާލައިނުން ވަނީ ހަމަޖައްސައިފަ އެވެ.
މޯލްޑިވިއަނުން ގަމާއި ކޮލަމްބޯ ދަތުރުތަކުގެ އަގުތައް އިއުލާންކުރުމަށްފަހު އިއްޔެއިން ފެށިގެން ވަނީ ޓިކެޓް ވިއްކަން ފަށައިފަ އެވެ. މޯލްޑިވިއަނުން ގަމާއި ކޮލަމްބޯއާ ދެމެދު އެއްކޮޅު ޓިކެޓެއް ވިއްކަނީ 149 ޑޮލަރަށެވެ. އަދި ދެކޮޅު ޓިކެޓެއް ވިއްކަނީ 269 ޑޮލަރަށެވެ.
އެ އެއާލައިނުން މާލެ- ކޮލަމްބޯ އެއްކޮޅު ޓިކެޓެއް 99 ޑޮލަރަށް ވިއްކާއިރު ދެކޮޅު ޓިކެޓެއް ވިއްކަނީ 169 ޑޮލަރަށެވެ.
މޯލްޑިވިއަނުން ބުނީ އޯގަސްޓް ހަތް ވަނަ ދުވަހުން ފެށިގެން ދަތުރުތައް ހަމަޖެހިފައި ވަނީ ކޮންމެ ހުކުރު ދުވަހަކު މާލެ- ގަން - ކޮލަމްބޯ- މާލެއަށް ކަމަށެވެ. އަދި ކޮންމެ ހޯމަ ދުވަހަކު ދަތުރުކުރާނީ މާލެ - ކޮލަމްބޯ- ގަން- މާލެއަށް ކަމަށެވެ.
"މުޅި ޖުމްލަ ހަފުތާއަކު ދެ ދަތުރު ކޮލަމްބޯއަށް ފުރަތަމަ މި ބާއްވަނީ. މިގޮތަށް ޝެޑިއުލް ހަމަޖެއްސުމުން މާލެއިން ހުކުރު ދުވަހު ކޮލަމްބޯއަށް ގޮސް ހޯމަ ދުވަހު މާލެ އާދެވޭނެ. ގަމުން ވެސް ހަމަ އެގޮތަށް ދެވޭނެ،" އެ ކުންފުނީގެ އޮފިޝަލް ވިދާޅުވި އެވެ.
އެ ކުންފުނިން ކޮލަމްބޯއާ ދެމެދު ކުރާ ދަތުރުތަކުގައި ބޭނުންކުރާނީ މޯލްޑިވިއަނުން އަލަށް ގެނައި އޭ 320ގެ 154 މީހުންގެ ޖާގައިގެ މަތިންދާ ބޯޓެވެ.