ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު އިތުރު ދެ ވީޑިއޯއެއްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލީގަލް ޓީމުން ބަލަން ފަށައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޖޭއެސްސީގެ މީޑިއާ އޮފިޝަލް ހަސަން ޒަހީން މިއަދު ވިދާޅުވީ އަލީ ހަމީދު ހިލޭ އަންހެނަކާ އެކު ޖިންސީ ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯގެ އިތުރުން ވިޔަފާރިވެރިޔާ މުހައްމަދު ސައީދު (ގޯލްޑަންލޭން ސައީދު) އާ އެކު ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ވާހަކަ ދައްކަވާވީޑިއޯގެމައްސަލަ އަކާއި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ އިލްޔާސް ހުސައިން އިބްރާހިމާ އެކު ރެސްޓޯރަންޓެއްގައި ބައްދަލުކުރައްވާވީޑިއޯގެމައްސަލަ އެ ކޮމިޝަންގެ ލީގަލް ޓީމުން ބަލަމުން އަންނަ ކަމަށެވެ.

ގަވާއިދު ހަމަޖެހިފައި އޮންނަ ގޮތުން ޖޭއެސްސީން މައްސަލައެއް ބަލަން ފަށަނީ އެ މައްސަލައެއް އެ ކޮމިޝަނުގެ ލީގަލް ޓީމަށް ފޮނުވުމަށް ފަހު އެ ޓީމުން ތައްޔާރުކުރާ ރިޕޯޓެއްގެ މައްޗަށް ބިނާކޮށެވެ.

ޒަހީން ވިދާޅުވީ ފަނޑިޔާރަކާ ގުޅޭ ގޮތުން ކޮންމެ ކަމެއް މީޑިއާގައި އާންމުވި ނަމަވެސް އެ ކޮމިޝަންގެ ލީގަލް ޓީމުން އެކަމެއް ބަލާނެ ކަމަށެވެ.

"ވީޑިއޯ އެކަންޏެއް ނޫން. ކޮންމެ ފަނޑިޔާރަކާ ގުޅޭގޮތުން ކޮންމެ ފަދަ ކަމެއް މީޑިއާގައި އާންމުވިއަސް މި ކޮމިޝަންގެ ލީގަލް ޓީމުން އެކަން ބަލާނެ،" ޒަހީން ވިދާޅުވި އެވެ.

ފަނޑިޔާރު އަލީ ހަމީދު ގޯލްޑަންލޭން ސައީދު އާ ބައްދަލުކޮށް އައްޑޫ ބަހުރުވައިން ސިޔާސީ ވާހަކަ ދައްކާ ވީޑިއޯ އާއި ރެސްޓޯރަންޓެއްގައި ކުރީގެ ކޮންޓްރޯލަރު އިލްޔާސްއާ ބައްދަލުކުރައްވާ ވީޑިއޯ ވެސް ވަނީ ޔޫޓިއުބުގައި އާންމުކޮށްފަ އެވެ.

އަލީ ހަމީދު ނަހަމަ ގޮތުގައި ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯގެ މައްސަލަ ބެލުމަށް ޖޭއެސްސީން އެކުލަވާލި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އެ ކޮމިޝަންގެ ނާއިބު ރައީސް އަބްދުﷲ ދީދީއާއި ކޮމިޝަންގެ މެމްބަރު ލަތީފާ ޤާސިމާއި ކޮމިޝަންގެ މެންބަރު އަހްމަދު ރަޝީދުގެ އިތުރުން ކޮމިޝަނުން ބޭރު ދެ ބޭފުޅުންގެ ގޮތުގައި ގާނޫނީ ވަކީލު ހުސައިން ސިރާޖާއި ގާނޫނީ ވަކީލު މުހައްމަދު އަނިލް އެވެ.

ނަހަމަގޮތުގައި ޖިންސީ ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯގެ މައްސަލައިގެ ތަހުގީގަށް މީގެކުރިން ދެ ފަހަރެއްގެ މަތިން އަލީ ހަމީދު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.

އަލީ ހަމީދު ހިލޭ އަންހެނަކާ އެކު ޖިންސީ ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯ ވިއްކަން އުޅުނު ކަމުގެ ތުހުމަތުގައި ހައުސިން މިނިސްޓްރީގެ އިންފްރާސްޓްރަކްޗާގެ ކުރީގެ ޕްރޮޖެކްޓް އެޑްވައިޒަރު އަހުމަދު ފާއިޒް ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އަލީ ހަމީދުގެ ބަރަހަނާ ވީޑިއޯ ނަގައިގެން ނާޖާއިޒު ފައިދާ ހޯދަން އުޅޭކަމުގެ ތުހުމަތުގައި ދެ ފަހަރެއްގެ މަތިން ގޯލްޑަންލޭން ސައީދު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ. އެންމެފަހުން އޭނާ ފުލުސް އޮފީހަށް ހާޒިރު ކުރި ދުވަހު ފުލުހުންގެ އެއްވެސް ސުވާލަކަށް ޖަވާބު ނުދީ ހަނުހުރުމުގެ ހައްގު ވަނީ ބޭނުންކޮށްފަ އެވެ. އޭގެ ފަހުން ފުލުހުން ވަނީ ކޯޓުއަމުރެއްގެ ދަށުން އޭނާގެ ގެ ބަލައި ފާސްކުރުމަށް ފަހު އެގެއިން ބައެއް ތަކެތިވެސް ގެންގޮސްފަ އެވެ.