13 Jul 2013, 13:11
ރޭ ވީބީ އައްޑޫ އެފްސީ 2-3ން ބަލިކޮށް ވިކްޓަރީ ސްޕޯޓްސް ކްލަބް ރެލިގޭޝަނުން ސަލާމަތްވި މެޗަކީ، ވިކްޓަރީގެ ކެޕްޓަން ސޮބާހު މުހައްމަދުގެ ފުޓްބޯޅަ ކެރިއަރުގައި ކުޅުނު އެންމެ މުހިއްމު އެއް މެޗުކަމަށް އޭނާ ބުނެފި އެވެ.
ސޮބާ ބުނީ، ރޭގެ މެޗަކީ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ރާއްޖެ ކުޅުނު މެޗު ފިޔަވައި ދެން އޭނާގެ ހަޔާތުގައި ކުޅުނު އެންމެ މުހިއްމު އެއް މެޗު ކަމަށެވެ.
"އަޅުގަނޑުގެ ފުޓްބޯޅަ ކެރިއަރުގައި، ސާފް ޗެމްޕިއަންޝިޕް ނަގާފައި ދެންއައި އެންމެ މުހިއްމު މެޗޭ ދެންނެވިޔަސް ދޮގަކަށް ނުވާނެ،" ވިކްޓަރީގެ ކެޕްޓަން ބުންޏެވެ. "އެއްގޮތަކަށްވެސް އަޅުގަނޑު ބޭނުމެއް ނުވޭ ސީނިއާ ކުޅުންތެރިއަކަށް އަދި ކެޕްޓަނަކަށް ހުރެގެން މި ޓީމް ގެނބިގެން ދާކަށް"
ކުރިން ގައުމީ ޓީމާއި ނިއުރޭޑިއަންޓް ސްޕޯޓްސްގެ ފަހަތް ބެލެހެއްޓުމުގައިވެސް މުހިއްމު ދައުރެއް އަދާކުރި، ތަޖްރިބާކާރު ޑިފެންޑަރު ބުނީ، މަހިބަދޫ އަތުން ބަލިވެ ވިކްޓަރީ ރެލިގޭޝަންގެ ބިރާ ކުރިމަތިލާން ޖެހުނު ހިސާބުން ފެށިގެން ހަމަ ނިދި ނުނިދޭ ކަމަށެވެ.
"މަހިބަދޫ މެޗުގެ ރިޒަލްޓުން ފެށިގެން، ތެދައް ދަންނަވާނަމަ އަޅުގަނޑަށް ހަމަ ނިދި ނުނިދޭ. ކޮންމެ ގޮތެއް ވިޔަސް މިއަދާ ހަމައަށް އަޅުގަނޑު ފުލްޓައިމް ކެރިއަރަކަށް ދީގެން ފުޓްބޯޅަ މި ކުޅުނީ. އެހެންވެ އެއްގޮތަކަށްވެސް އަޅުގަނޑު ކުޅޭ ޓީމް ރެލިގޭޓްވެގެން ދާތަން ފެންނާކަށް ބޭނުމެއް ނުވި،" އުފަލުން ރޮވިފައި ހުރި ސޮބާ ސަންއަށް ކިޔައިދިނެވެ.
ސޮބާ ބުނީ، ރޭގެ މެޗަށް ހުރިހާ ކުޅުންތެރިންވެސް ނުކުތީ މެޗުން މޮޅުވާނޭ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އޮވެގެން ކަމަށެވެ.
"ލީގުގައިވެސް އަޅުގަނޑުމެންވާނީ، ވީބީ އެއަށްވުރެ ވަރުގަދަކޮށް އޮއްވައި، ބަލިކޮށްފައި. ދެން ފުޓްބޯޅައަކީ އެކިދުވަހު އެކި ނަތީޖާ ނުކުންނަ ކުޅިވަރެއް. ކުރިން މޮޅުވިޔަސް މިއަދު މޮޅު ނުވެވެސް ދާނެ. އެކަމަކުވެސް ހުރިހާ ކުދިންވެސް އައީ ﷲގެ އިރާދަފުޅުން މިއަދު މިރޭ މޮޅުވާން ވަރުގަދައަށް އަޒުމް ކަނޑައަޅައިގެން،" ސޮބާ ބުންޏެވެ.
ރެލިގޭޝަންގެ ބިރު ވިކްޓަރީއަށް ކުރިމަތިލާން ޖެހުނު ހިސާބުން ފެށިގެން، ސޮބާ ބުނި ގޮތުގައި ވިކްޓަރީގެ ޕްރެކްޓިހަށް ކުޅުންތެރިން ހޯދުންވެސް ވީ އުނދަގޫ ކަމަކަށެވެ.
"ވަރަށް ދަތި ދުވަސްތަކެއް އަޅުގަނޑުމެންނަށް މިދިޔައީ. ހަމަ ތިން ހަތަރު ކުޅުންތެރިންނާ އެކު ޕްރެކްޓިސް ކުރި ދުވަސްވެސް ހިންގައްޖެ. ދެން މިއަދު މިތީ އަޅުގަނޑުމެންނަށް އެންމެ ފަހުގެ ނަތީޖާ އެނގިފައި،" ވިކްޓަރީގެ ޑިފެންޑަރު ބުންޏެވެ. "ކޮންމެ ގޮތެއްވިޔަސް އިރާދަ ކުރެއްވިއްޔާ މިއަންނަ އަހަރު ވިކްޓަރީ އޮންނާނީ، ފުރަތަމަ ޑިވިޝަންގައި"
ސޮބާގެ އިހްސާސްތައް މިގޮތަށް ހުރިއިރު ވިކްޓަރީގެ ކުރީގެ ގޯލްކީޕަރު އަދި ކޯޗް، މައުރޫފް އަހްމަދު (މާއްޓޭ) ސިފަކުރި ގޮތުގައި ސޮބާ އަކީ ވިކްޓަރީ ދެކެ ލޯބިވާ އެންމެން ސެލިއުޓް ކުރަން ޖެހޭވަރުގެ ލީޑަރެކެވެ.
"އާދައިގެ ޓީމެއް ގޮވައިގެން ކެޕްޓަން ބޭންޑު އަޅައިގެން ނުކުމެ އޭނާގެ ލީޑަޝިޕް މިވަނީ ދައްކާދީފައި. އެހެން ކަމުން މިއަހަރު ވިކްޓަރީގެ ބަތޮލަކީ ސޮބާ. އޭނާއަށް ވިކްޓަރީ ސެލިއުޓް ކުރަން ޖެހޭ" މާއްޓޭ ބުންޏެވެ.
މާއްޓޭގެ އިތުރުން ވިކްޓަރީގެ ކޯޗް ލަޑިމިއާ ގޮފާވެސް ވަނީ ސޮބާގެ ލީޑަޝިޕާއި ދަނޑުމަތީގައި ގެންގުޅުނު ފުރިހަމަ އަހްލާގާއި ކުރި ހިތްވަރަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.
ކުޅުންތެރިންނަސް މުސާރަ ނުލިބުމާއި މެނޭޖްމަންޓްގެ އަޅައިލުން ކުޑަވުމަކީ ވިކްޓަރީގެ މިހާރުގެ ހާލަތަށް ވެއްޓެން މެދުވެރިވި ސަބަބު ކަމަށް ސިފަ ކުރަމުން، ސޮބާ ބުނީ ބޮޑެތި ކްލަބްތައް ރަނގަޅަށް މެނޭޖް ނުކުރެވިއްޖެ ނަމަ، ވިކްޓްރީއަށް މިފަހަރު މެދުވެރިވީގޮތް އެފަދަ އެހެން ކްލަބްތަކަށްވެސް މެދުވެރިވުން ވަރަށް ކައިރި ކަމަށެވެ.
"ގިނަދުވަހު ފުޓްބޯޅަ ކުޅުނު ކުޅުންތެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާނީ، ބޮޑެތި ކްލަބްތައް ރަނގަޅަށް މެނޭޖް ނުކުރެވިއްޖެ ނަމަ، މިދުވަސް ހަމަ ފެނިދާނެއޭ. ނިއުރޭޑިއަންޓްގެ ކާމިޔާބަކީ އެ ކްލަބްގެ މެނޭޖްމަންޓާއި ކުޅުންތެރިން ގުޅިގެން މަސައްކަތް ކުރުން،" ސޮބާ ބުންޏެވެ. "ހަމަ އެކަނި ކުޅުންތެރިން އެތަނަށްއައިސް މުސާރަ ނުލިބި މަސައްކަތް ކުރިއަކަށް ކާމިޔާބެއް ނުލިބޭނެ،"
އަންނަ އަހަރު ދަނޑުމަތިން ފެނިދާނެތޯ ސަންއިން އަހާލުމުން ސޮބާ ބުނީ، ވިކްޓަރީ ރެލިގޭޝަނާ ކުރިމަތިލާން ޖެހުނު ހިސާބުން ފެށިގެން ރޭގެ މެޗަކީ އޭނާގެ ފަހު މެޗުކަމަށް ވެދާނެއޭ އިހްސާސް ކުރެވުނު ކަމަށާއި އެހެން ނަމަވެސް މިހާރު އޭނާ ކެރިއަރު ނިންމާލަން ބޭނުމީ ވިކްޓަރީއަށް އަންނަ އަހަރު ކުޅުމަށްފަހު ތައްޓަކާ އެކުގައި ކަމަށެވެ.
"މި ޕްރެޝަރަށް އައިފަހުން ހިތަށް އަރަމުން އަންނަނީ މިއީ ހަމަ ފަހު މެޗަށް ވެދާނެ ބާވައޭ. އެކަމަކު އެގޮތަކަށް ބޭނުމެއް ނުވޭ. ﷲގެ އިރާދަފުޅުން، ދެން މިފުރުސަތުގައި ފުރަތަމަ ޑިވިޝަންގައި އޮތަތީވެ، އަޅުގަނޑު ކެރިއަރު ނިންމައިލާނީ އަދި އެއް ސީޒަންގައި ވިކްޓަރީއަށްކުޅެ، އިރާދަކުރެއްވިއްޔާ ވިކްޓަރީއަށް ތައްޓަކާ އެކު،" ވިކްޓަރީގެ ކެޕްޓަން ބުންޏެވެ.