13 Jul 2013, 12:44
ކިރްކޫކް (ޖުލައި 14): ޢިރާޤުގެ އުތުރުގެ ކިރްކޫކުގެ ކެފޭއެއްގައި އަމިއްލައަށް މަރުވެގެން މީހަކު ދިން ބޮމުގެ ޙަމަލާއެއްގައި 38 މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.
މިޙަމަލާ ދީފައި ވަނީ ރޭ ޢިރާޤު ގަޑިން 10 ޖެހިއިރުގައި ކަމަށާ އެވަގުތު އެތަންއޮތީ މީހުން ފުރިބާރުވެފައި ކަމަށް ޢިރާޤުގެ އަމްނާބެހޭ ފަރާތްތަކުން ބުނެއެވެ. ޢިރާޤަށް އިއްޔެއަކީ ރަމަޟާން މަހުގެ ތިން ވަނަ ދުވަހެވެ. ރޯދަވީއްލައި ޢިޝާނަމާދާއި ތަރާވީޙަށް ފަހު މީހުން ކެފޭތަކަށް ކޮފީއާއި އެނޫން ވެސް ބުއިންތައްބޮއި އެކަކުއަނެކަކާ ވާހަކަދައްކައި ހެދުމަކީ ޢިރާޤުގައ ޒަމާނުއްސުރެ އޮތް އާދައެއްކަމަށާ ރޭ 10 އެއްޖެހި އިރު ކިރްކޫކުގެ އެކެފޭގައި އެހާގިނަ މީހުން އެއްވެފައިވަނީ އެހެންވަގެން ކަމަށް ކިރްކޫކުގެ ފުލުހުން ބުނެ އެވެ. މިޙަމަލާ ދީފައިމި ވަނީ ޢިރާޤުގެ އެކިކަންކޮޅުތަކުގައި ހިންގި ބޮންގޮއްވުމުގެ ތަފާތު ޙަމަލާތަކުގައި 40 މީހުން މަރުވިތާ އެއްދުވަސްފަހުންނެވެ.
ޢިރާގަކީ އެމެރިކާ ސިފައިން 2003 ވަނަ އަހަރު އެގައުމަށް އަރައި ހަނގުރާމަ ފެށިފަހުން ޓެރަރިޒަމްގެ ޢަމަލުތަކުގެ ތެރެއަށް ވެއްޓިފައިވާ ގައުމެކެވެ. ޢިރާޤުގައި ބޮންތަކެއް ގޮއްވާލައިގެން އެތަށްބަޔަކު މަރާނުލާ ދުވަހެއްނުދާ އިރު މިފަހަކަށް އައިސް މިގޮތަށް ގޮއްވާލެވޭ ބޮންތަކުގެ ޢަދަދު ވަރަށްބޮޑުތަން ވަނީ އިތުރުވެފަ އެވެ. މިގޮތުން ފާއިތު އެޕްރީލް، މޭ އަދި ޖޫންގައި ޢިރާޤުގައި ހިންގި ބޮމުގެ ޙަމަލާތަކާއި އެނޫންވެސް ޙަމަލާތަކުގައި 3000 އަށްވުރެ ގިނަމީހުން މަރުވެ އެތަށްހާސް ބަޔަކު ޒަޚަމްވެފައިވާ ކަމަށް އދ. ން ބުނެއެވެ. ޢިރާޤުގައި ޓެރަރިޒަމްގެ ޢަމަލުތައް ހިންގުމުގެ ފަހަތުގައިވަނީ ދީނުގެ ނަމުގައި މީހުން މެރުމާއި ޓެރަރިޒަމްގެ ޢަމަލުތައް ހިންގަމުން ގެންދާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އަލްޤާޢިދާ ކަމަށް ޢިރާޤު ސަރުކާރުން ތުހުމަތުކުރެ އެވެ. (ނޫސްއެޖެންސީތައް)