މާތްﷲ ރުއްސުންލެއްވި ސަލްމާނުލް ފާރިސީ ގެ އަރިހުން ރިވާވެފައިވާ ވަރަށް ތަފްޞީލު ޙަދީޡެއް ޞަޙީޙު ޙަދީޡު ފޮތްތަކުގައި ވެއެވެ. ސަލްމާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޝަޢުބާންމަހުގެ އެންމެފަހު ދުވަހު އަހަރެެންނާ މުޙާޠަބު ކުރައްވައި ޙަދީޡް ކުރެއްވިއެވެ.

"އޭމީސްތަކުންނޭވެ! ވަރަށް މާތް މައްސަރެއް ތިޔަބައިމީހުންގެ މައްޗަށް ހިޔާއަޅައިފިއެވެ. އެއީ ބަރަކާތްތެރި މައްސަރެކެވެ. އަރަހުށި މާތްﷲ އެމަހުގެ ރޯދަ ފަރުޟު ކުރެއްވިއެވެ. އެމަހުގެ ރޭއަޅުކަން ތަޠައްވުޢެއް ކަމުގައި ކަނޑައެޅުއްވިއެވެ. ރަމަޟާން މަހަކީ ކެތްތެރިކަމުގެ މައްސަރެވެ. ކެތްތެރިކަމުގެ ބަދަލަކީ ސުވަރުގެއެވެ." (އަލްބައިހަޤީ: ޝުޢުބުލް އީމާން)
މަތީގައި އެވަނީ ވަރަށް ތަފްޞީލު ޙަދީޡެއްގެ ތަންތަންކޮޅެވެ.

"ކެތްތެރިކަމުގެ މައްސަރު" ގެ އެއް މަފްހޫމަކީ ބުރަތަކެއް ތަޙައްމަލުކުރުމުގެ މައްސަރެވެ. ރޯދަމަހު މުއުމިނާއަށް އޭނާގެ އާދަތަކަށް ބަދަލުތަކެއް ގެންނާން ޖެހެއެވެ. އޭނާ ކަރުހިއްކައިގަތަސް ފެން ނުބޮއި ހުންނަން ޖެހެއެވެ. ބަނޑުހައިވިޔަސް ނުކައި ހުންނަން ޖެހެއެވެ. ތިމާގެ އެދުންތައް މަތަކޮށް ހިފަހައްޓަންޖެހެއެވެ. ރަމަޟާން މަސް އެދެވޭ ގޮތުގައި ހޭދަކުރަން ބޭނުންވާ މީހަކަށް އެމަހަކީ މަސައްކަތްތަކެއްގެ މަހެކެވެ. ބުރަތަކެއް އުފުލަންޖެހޭ މަހެކެވެ. ޙަޤީޤީ ރޯދަވެރިޔަކަށް ރަމަޟާން މަހަކީ މެދުކެނޑުމެއްނެތި ކެތްތެރިވުމުގެ މަހެކެވެ. އެމަހުގެ ދުވާލުގެ ވަގުތުތަކުގައެވެ. ރޭގަނޑުގެ ވަގުތުތަކުގައި ވެސް މެއެވެ.

އެޢަމަލަކަށް ކެތްތެރިކަމުގެ ޒަރީޢާއިން އަގުއަދާކުރާ އަމަލަކީ މާތްﷲ ގެ ޙަޟުރަތުގައި އެންމެ ހެޔޮކަން ބޮޑު ޢަމަލެވެ. އާއްމު ޙާލަތްތަކުގައި އިންސާނާގެ ޢަމަލުތަކުގައި ޝާމިލުވަނީ އޭނާގެ ޝަޙްޞިއްޔަތުގެ ބައިކުޅަބައެވެ. ނަމަވެސް އެޢަމަލެއްގައި ކެތްތެރިވާންޖެހޭ އަމަލުތަކުގައި އިންސާނާގެ މުޅި ޝަޚްޞިއްޔަތު ވަރަށް ޢަމަލީ ގޮތެއްގައި ބައިވެރިކުރަން ޖެހެއެވެ. ޢާއްމު ޢަމަލުތަކާ އަޅާބަލާއިރު ކެތްތެރިކަން ޝާމިލުވާ ޢަމަލުތަކެއްގެ އަހައްމިއްޔަތު އެހާބޮޑުވަނީ އެސަބަބަކާ ހުރެއެވެ. އެފަދަ ޢަމަލު ތަކުގެ ދަރުމަވެސް އެހާމަތިވަނީ އެހެންވެގެންނެވެ. ރަމަޟާން މަސް ހެޔޮގޮތުގައި ލިބިގެންފިމީހަކީ ޙަޤީޤީ މާނާގައި ކެތްތެރިކަމުގެ ދިރިއުޅުމަކަށް ތައްޔާރު ވުމުގެ މަހެއްކަމުގައި އެމަސް ހަދައިފިމީހެކެވެ. މުޅި އަހަރު ކެތްތެރިކަމުގެ މަގުގައި ސާބިތުވެ ހުރުމުގެ އެކަށޭނަކަންލިބޭ ފަދަ ކެތްތެރިކަމުގެ ތަރްބިޔަތެއް އެމަހުގައި ލިބިގެންފިމީހެވެ.

ސަލްމާނުލް ފާރިސީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެފައިވާ އެހެން ރިވާޔަތެއްގައި ވާގޮތުން އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމަ ވަނީ ރަމަޟާން މަހަކީ މުވާސާތުގެ މައްސަރުކަމުގައި ވެސް ހަދީޡް ކުރައްވައިފައެވެ. (އަލްބައިހަޤީ: ޝުޢުބުލް އީމާން) އާދެ ރަމަޟާން މަހަކީ އިންސާނީ ހަމްދަރުދީގެ މައްސަރެވެ. މުވާސާތުގެ މަޠުލަބަކީ އިންސާނުންނަށް މާލީގޮތުންނާއި އެނޫން ގޮތްގޮތުން މަދަދުކުރުމެވެ. ރަހްމު ބަހައްޓައި އޯގާވެރިވެ، ހަމްދަރުދީވެ އުޅުމެވެ.

މުވާސާތަކީ މުއުމިނުންގެ މައްޗަށްހުރި އަޚްލާޤީ ވާޖިބެވެ. އެކަމަކީ ހުރިހާ ހިނދެއްގައި ވެސް ހުރިހާ ހާލަތެއްގައި ވެސް މުއުމިނުންގެ ކިބައިން އެދެވިގެންވާ ކަމެކެވެ. ޚާއްޞަކޮށް ރަމަޟާންމަހުގައި އެއަޚްލާޤީ މަސްއޫލިއްޔަތުގެ މުހިއްމުކަން ވަކީން ބޮޑުވެގެންދެއެވެ. ރަމަޟާން މަހުގެ ރޯދަޔަށް ތިބުމުގެ އެއް ބޭނުމަކީ މީސްތަކުންގެ ކިބައިގައި އިންސާނީ ހަމްދަރުދީގެ އިޙްސާސު ހޭލެއްވުމެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ ތިމާއަކީވެސް މުހުތާދު ވެފައިވާ މީހަކަށް އަމިއްލަޔަށް ވެގަނެގެން އަނެކުންގެ މުހުތާދީ ޙާލަތު އިހްސާސް ކުރުމެވެ.

މިގޮތުންބަލާއިރު ރޯދައިގެ އެއްނަތީޖާއަކީ ތިމާގެ މައްޗަށްވާ އަޚްލާޤީ ޒިންމާއެއް އަމިއްލަ ތަޖުރިބާއަކަށް ހަދައިދިނުމެވެ. އޭނާގެ މި އަމިއްލަ ތަޖުރިބާއިން އޭނާއަށް އިންސާނީ ހަމްދަރުދީގެ މުޢާމަލާތް ވަކިން ފުންކޮށް އިހްސާސު ކުރެވުމެވެ. ބަނޑުހައިހޫނުކަމާއި ފެންބޮވައިގަތުން ތިމާ އަމިއްލައަށް ތަޖުރިބާކޮށް އެޙާލަތުގައި ތިބޭމީހުންގެ އިހްސާސް އިތުރަށް ދެނެގަތުމެވެ. ނަތީޖާއެއްގެ ގޮތުން ވަކީން ފަރުވާތެރިކަމާ އެކު އޭނާ އަނެކުންނަށް އެހީވާން ތެދުވުމެވެ.

ރޯދަ އިންސާނާ މާތްﷲ އާ އިތުރަށް ކުއްތަންކުރުވައެވެ. އިންސާނާ މާތްﷲ އާ އިތުރަށް ގުޅުވައިދެއެވެ. ހަމައެފަދައިން އިންސާނީ ޚިދުމަތުގެ ޖަޒުބާތު ވެސް އެތައް ގުނައެއް ވަރުގަދަ ކޮށްދެއެވެ. ރޯދައިގެ ޒަރީޢާއިން އިންސާނާގެ އަޅުވެރިކަން އިތުރުވެއެވެ. ހަމައެފަދައިން އިންސާނިއްޔަތަށް ފުރިހަމަޔަށް ޚިދުމަތްކުރާ މީހަކަށް ވެސް ވެއެވެ. އާދޭހެވެ. ރޯދައަކީ މާތްﷲ އަށް އަޅުކަންކުރުމުގެ ތަޖުރިބާއެކެވެ. އަނެއްކޮޅުން ރޯދައަކީ އިންސާނިއްޔަތަށް ޚިދުމަތްކުރުމުގެ ތަރުބިޔަތުގެ ވެސް ޒަރީޢާއެކެވެ.