13 Jul 2013, 12:34
މިސްރުގައި ދިމުގްރާތީ ގޮތުން އެންމެ ފުރަތަމަ އުފެދުނު ރައީސް ޑރ. މުޙައްމަދު މުރުސީގެ ވެރިކަން ވައްޓާލުމުގައި އެމެރިކާ އިން ފަރުދާ އިން ފުރަގަހުގައި ނުރައްކާތެރި ދައުރެއް އަދާކޮށްފައިވާކަން ބޭޒާރުވެއްޖެ އެވެ.
މިކަމާބެހޭ ގޮތުން އަލްޖަޒީރާ އިން ތައްޔާރުކޮށް ނެރެފައިވާ ދިރާސާ ރިޕޯޓެއް ބުނާ ގޮތުން އިސްލާމީ ޚިޔާލާއި ފިކުރަށް ނިސްބަތްވާ ޑރ. މުރުސީގެ ވެރިކަމާ ދެކޮޅަށް މިސްރުގެ އިދިކޮޅު ފަރާތްތަކާއި އެގައުމުގެ ނަސާރާ ގިބްތީން ނެރުމުގައި އެމެރިކާ ވަނީ ޑިމޮކްރަސީ ޕްރޮމޯޓް ކުރުމުގެ ނަމުގައި ޙަރަކާތްތެރިވާ މިސްރުގެ މަދަނީ ޖަމްޢިއްޔާ ޖަމާއަތްތަކަށް ފައިސާ އާއި މަޝްވަރާދީފަ އެވެ.
މުރުސީގެ ވެރިކަމުގެ އެއް އަހަރުގައި އޭނާގެ ވެރިކަމާދެކޮޅަށް މިސްރުގެ ލެބެރަލް ފިކުރުގެ އެކްޓިވިސްޓުންނާއި ވެރިކަމުގެ ދަހިވެތިކަމުގައި ޙަރަކާތްތެރިވި އިދިކޮޅު ލީޑަރުންގެ ފަހަތުގައި ތިބި މަދުފަރާތްތަކާ އަދި ނަސާރާ ޤިބްތީން ލައްވައި މުރުސީއާ ދެކޮޅަށް މުޒާހަރާތަކާއި އިޙްތިޖާޖްތައް ކުރުވުމަށް އެތަށް މިލިޔަނަކުން އެމެރިކާ ސަރުކާރުން ފައިސާ ޚަރަދުކޮށްފައިވާކަން އަލްޖަޒީރާ އިން ހާމަކޮށްފައިވާ އެމެރިކާގެ ރަސްމީ ލިޔެކިޔުންތަކުން ވަނީ ހާމަވެފަ އެވެ.
މިލިޔެކިޔުންތައް ހޯދާފައި ވަނީ އެމެރިކާގެ "ރައިޓް ޓު އިންފޮމޭޝަން" ނުވަތަ މަޢްލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުންނެވެ. މިލިޔެކިޔުންތައް ބުނާ ގޮތުން މުރުސީގެ ވެރިކަމާމެދު މިސްރުގެ ރައްޔިތުންގެ މެދުގައި ރުޅިއާއި ނަފްރަތު އުފެއްދުމަށާއި މުރުސީގެ ވެރިކަމަކީ ނަސާރާ ގިބްތީންނަށް ބިރުހުރި ހަރުކަށި ޚިޔާލުގެ ވެރިކަމެއްކަން ދައްކައި އިދިކޮޅު ޕްރޮޕަގެންޑާ ޖެއްސުމަށް މިސްރުގެ މީޑިޔާގައި ޙަރަކާތްތެރިވާ ގިނަ ފަރާތްތަކަކަށް ވެސް އެމެރިކާ ވަނީ އެތައް މިލިޔަނަކުން ފައިސާ ޚަރަދުކޮށްފަ އެވެ.
މިފައިސާ ޚަރަދުކޮށްފައި ވަނީ ޑިމޮކްރަސީ ޕްރޮމޯޓް ކުރުމުގެ ނަމުގައި ޙަރަކާތްތެރިވާ މިސްރުގެ މަދަނީ ޖަމްޢިއްޔާ ޖަމާއަތްތައް މެދުވެރިކޮށްކަންވެސް މިލިޔެކިޔުންތަކުން ހާމަވާކަމަށް އަލްޖަޒީރާގެ ރިޕޯޓް ބުނެ އެވެ. މިރިޕޯޓަށް ކޮމެންޓް ކުރި އެމެރިކާގެ ޤާނޫނީ ބައެއް ތަޖްރިބާކާރުން ވަނީ އެމެރިކާ ހިންގާފައިވާ ފައިސާގެ މިމުޢާމަލާތްތަކަކީ މިސްރުގެ ޤާނޫނުތަކާ ޚިލާފުވުމުގެ އިތުރުން ޚުދު އެމެރިކާގެ ޤާނޫނުތަކާ ވެސް ޚިލާފު ޢަމަލުތަކެއްކަން ބަޔާންކުރައްވާފަ އެވެ. މިސްރުގެ ޤާނޫނުގައި ބޭރުގެ ފަރާތްތަކުން މިސްރުގައި ސިޔާސީ ބޭނުންތައް ޙާސިލްކުރުމަށް ފައިސާ ޚަރަދުކުރުމަކީ މަނާކަމެކެވެ. އަދި ބޭރުގެ މިފަދަ ފައިސާގައި ހިފުމަކީ މިސްރުގެ ސިޔާސީ ފަރާތްތަކަށާއި މަދަނީ ޖަމްޢިއްޔާ ޖަމާއަތްތަކުގެ އިތުރުން ކޮންމެ ރައްޔިތަކަށް ވެސް ކުރުން މަނާކަމެކެވެ.
އަނެއްކޮޅުން އެމެރިކާގެ ޤާނޫނުތައް ބުނާގޮތުން ވެސް އެއްވެސް ގައުމެއްގައި ޑިމޮކްރެޓިކް ގޮތުން އިންތިޚާބުކޮށްފައިވާ ވެރިކަމުގެ ނިޒާމަކާ ދެކޮޅަށް ހިންގާ ހަރަކާތްތަކަށް އެހީވުމަށް އެމެރިކާ ސަރުކާރުގެ ފައިސާ ޚަރަދު ކުރުމަކީ މުޅިން މަނާކަމެކެވެ. މިގޮތުން އެމެރިކާގެ ރައްޔިތުން ޓެކްސްގެ ގޮތުގައި ސަރުކާރަށްދޭ ފައިސާ މިގޮތަށް ޚަރަދުކުރުމަކީ އެކަމުގައި ޒިންމާވާ އެމެރިކާގެ މަސްއޫލުވެރިންގެ މައްޗަށް ބޮޑެތި ޙުކުމްތަކެއް ކުރުމުގެ ޤާނޫނީ ހައިޘިއްޔަތު އޮތްކަމެއްކަން އެމެރިކާގެ ޤާނޫނީ ފަރާތްތަކުން ހާމަކޮށްފައިވެ އެވެ.
ޑރ. މުރުސީގެ ވެރިކަމުގައި މިސްރުގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އިޙްތިޖާޖްތައް ކުރުމަށާއި ހަމަނުޖެހުންތައް ހިންގުމަށް ބޭރުގެ ގައުމުތަކުން ފައިސާ ހޯދައި އެފައިސާ ޚަރަދުކުރިކަން ސާބިތުވި މައްސަލައެއްގައި މިސްރުގެ މަދަނީ ޖަމްޢިއްޔާ ޖަމާއަތްތަކަށް ނިސްބަތްވާ 43 މީހެއްގެ މައްޗަށް މިސްރުގެ ކޯޓަކުން މިދިޔަ މަހުވަނީ ޙުކުމްތަކެއް ވެސް ކޮށްފަ އެވެ. އަދި މިމައްސަލައާގުޅުން ހުރި އެމެރިކާ އާއި ޔޫރަޕްގެ ބައެއްމީހުން މިސްރުން ޑީޕޯޓް ކުރުމަށް ވެސް މިސްރުގެ ކޯޓަކުން ހުކުމް ކޮށްފައިވެ އެވެ.
މީގެއިތުރުން މުރުސީގެ ވެރިކަމުގައި ގަލްފުގެ މުއްސަނދި ބައެއް ޢަރަބި ގައުމުތައް ކަމަށްވާ ސައޫދީ އަރަބިޔާ އާއި ޔޫއޭއީ އާއި ކުވައިތު ފަދަ އެމެރިކާގެ ނުފޫޒުގެ ދަށުން ވިރާސީ ރަސްކަމުގެ ނިޒާމުތައް ދެމެހެއްޓުމަށް މަސައްކަތްކުރާ ޢަރަބި ގައުމުތަކުން ވެސް ވަނީ ޑރ. މުރުސީގެ ވެރިކަމުގެ ދުވަސްވަރު މިސްރަށް ކުރިމަތިވި އިޤްތިސާދީ ދަތިތަކުގައި މިސްރަށް މާލީގޮތުން އެހީތެރިވުމަށް ފަސްޖެހިފަ އެވެ. ގަލްފުގެ މުއްސަނދި ޢަރަބި ގައުމުތަކުގެ ތެރެއިން ޤަތަރުންނޫނީ މުރުސީގެ ދުވަސްވަރު މިސްރަށް އެހީތެރިވެފައެއްނުވެ އެވެ. ނަމަވެސް މުރުސީގެ ވެރިކަން ވައްޓާލުމަށް ފަހު ސިފައިން މިސްރުގައި މިހާރު އުފައްދާފައިވާ ވެރިކަމަށް ސައޫދީ އަރަބިޔާއާއި ޔޫއޭއީ އާއި ކުވައިތުންވަނީ ބިލިޔަނުން ފައިސާގެ އެހީތައް ދޭންފަށާފަ އެވެ. ސައޫދީން ފަސް ބިލިޔަން އެމެރިކާ ޑޮލަރު މިސްރަށް ދިނުމަށް ނިންމާފައިވާއިރު ޔޫއޭއީ ން ވަނީ ހަތް ބިލިޔަން ޑޮލަރު ދޭނެކަން ހާމަކޮށްފަ އެވެ. އަދި ކުވައިތުން ވަނީ މިސްރުގެ މަރުކަޒީ ބޭންކުގައި ތިން ބިލިޔަން ޑޮލަރު މިދިޔަ ހަފްތާގައި ބަހައްޓާފައި ކަމަށް ޚަބަރުލިބެ އެވެ. (އަލްޖަޒީރާ)