ރޯދަމަހު އެންމެ ގިނައިން ބޭނުން ކުރާ ކަރަލުގެ އަގު އުފުލިއްޖެ އެވެ.

މާލެއަށް އެންމެ ގިނަ އަދަދަކަށް ކަރާ ގެންނަ އއ. ތޮއްޑޫ މީހަކު ބުނީ ކަރާގެ އަގު މި ވަގުތު 25ރ. ގައި ހިފެހެއްޓިފައި ހުރީ ޑިމާންޑަށް ބަލާއިރު ބާޒާރުގައި ކަރާ މަދުވުމާއި ކަރާ އެ ފަރާތްތަކަށް ވެސް ލިބޭ އަގު ބޮޑުވުމުން ކަމަށެވެ. އަދި ކަރަލުގެ އަގު ދަށަށް ދާނެ ވަކި ދުވަހެއް ބުނަން ނޭނގޭކަމަށް އޭނާ ބުންޏެވެ.

"ބާޒާރުގައި ކަރާ މިހާރު މަދުވެފައި ވަނީ. އަޅުގަނޑުމެން ވެސް މިގަންނަނީ 23ރ. އަށް ކަރާ ކިލޯއެއް. އަސްލު ގަންނަ ލިބޭ އަގު ތަންކޮޅެއް ބޮޑު،" ތޮއްޑޫގެ ދަނޑުވެރިޔާ ބުންޏެވެ.

ރޯދަ މަސް ފެށުނު އިރުވެސް ބާޒާރުގައި ކަރާ ކިލޯއެއް ވިއްކަމުން ދިޔައީ 25ރ. އަށެވެ. އަދި ބައެއް ފަހަރު 18ރ. އަށް އަގު ދަށްވި ނަމަވެސް އިއްޔެ ކަރާ ކިލޯއެއް ވިއްކާފައިވަނީ 30ރ. އަށެވެ. ބާޒާރުގައި މިވަގުތު އެންމެ ގިނައިން ވިއްކަން ހުރީ ތޮއްޑޫއިން ގެންނަ ކަރަލާއި ލ. އަތޮޅުގެ ރަށްރަށުން ގެންނަ ކަރަލެވެ.

ތޮއްޑޫ ކައުންސިލް އިން ބުނީ އެ ރަށުން ގިނަ އަދަދެއްގެ ކަރާ ރޯދަމަހާ ދިމާކޮށް މިހާރު މާލެ ފޮނުވަމުން އަންނަ ކަމަށާއި އެގޮތުން ދުވާލެއްގެ މައްޗަށް 7،000 ކިލޯގެ އަދި މިއަދު 5،000 ކިލޯގެ ކަރާ މާލެ ފޮނުވާފައިވާ ކަމަށް ބުންޏެވެ. މިއަހަރު ތޮއްޑޫން 1.8 މިލިއަން އަކަފޫޓުގެ ބިން ކަރާ ހެއްދުމަށް ދޫކޮށްފައިވާ އިރު ވަރަށް ފޯރިއާ އެކު އެ ރަށުގައި ކަރާ ހައްދަމުންދާ ކަމަށް އެރަށު ކައުންސިލް އިދާރާއިން ބުންޏެވެ.