07 Nov 2010, 10:26
ހާމަ ކަން ކުޑަގޮތަކަށް ތިލަފުށީ ފަޅުން 130 ހެކްޓަރުގެ ބިން ހިއްކުމަށް ހެވީ ލޯޑް މޯލްޑިވްސް އާ ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ގަބޫލުކުރެވޭ ކަމަށް ބުނެ، އެ މައްސަލަ ބަލައި ދިނުމަށް އެދި ގައުމީ ޕާޓީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
ގައުމީ ޕާޓީން އޭސީސީ އަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ތިލަފުށި ހިއްކުމަށް އެމްޓީސީސީ އިން ހުށަހެޅި އަގަށް ވުރެ 100 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަގަކަށް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ ބޮޑު ހިއްސާއެއް އޮންނަ ހެވީލޯޑަށް، އެ މަސައްކަތް ހަވާލުކުރުމުގައި "ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް މި ޕާޓީ އަށް ގަބޫލުކުރެވޭ" ކަމަށެވެ.
އަދި އެ ޕާޓީން ބުނެފައި ވަނީ ޝައުގުވެރިވާ ބަޔަކު ހޯދުމަށް 19 އެޕްރީލް 2010 ގައި ބީލަމަށް ހުޅުވާލި މަޝްރޫއުގެ މަސައްކަތް، 30 ސެޕްޓެމްބަރު 2010 ގައި ހެވީ ލޯޑާ ހަވާލުކުރި އިރު އެކަން މީޑިއާ އަށް އާންމުކޮށްފައި ވަނީ މި މަހު 4 ވަނަ ދުވަހު ކަމަށެވެ.
"މިފަދަ ބޮޑު މަޝްރޫއެއް އެވޯޑްކުރުމުގެ ކަންތައްތައް މީޑިއާގައި ހާމަކަން ކުޑަގޮތަކަށް ކޮށްފައި ވާތީ މިކަން ހިނގައި ދިޔަ ގޮތާ މެދު ޝައްކުކުރުމުގެ ޖާގައޮތް ކަމަށް ގަބޫލު ކުރެވެ އެވެ،" ގައުމީ ޕާޓީގެ ނޫސް ބަޔާނުގައިވެ އެވެ. "އަދި މި މަޝްރޫއު ކާމިޔާބު ކުރި ކަމަށް މި ބުނަނީ ވެސް ސިޔާސީ ގޮތުން މިފަދަ ކަމަކަށް ނުފޫޒު ފޯރުވޭ ފަދަ ފަރާތެއްކަން ވެސް ފާހަގަކުރަމެވެ."
ތިލަފުށި ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ރިޔާޒު ވިދާޅުވެފައި ވަނީ އަގު ބޮޑަސް، ހެވީ ލޯޑާ މަސައްކަތް ހަވާލުކުރީ އެ ކުންފުނިން ހުށަހެޅި މުއްދަތު ކުރުވުމުން ކަމަށެވެ. ނަމަވެސް ހަ މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މަސައްކަތް މުއްދަތަށް ނުނިންމައިފި ނަމަ އަޅަން ކަނޑައަޅާފައިވާ ފިޔަވަޅަކީ ކޮބައިކަން ވިދާޅުވުވުމަށް އޭނާ އަށް ދަތިވި އެވެ. އަދި ވިދާޅުވީ ފައިސާ ހަވާލުކުރާނީ މަސައްކަތް ނިންމަމުންދާ ވަރަކަށް ކަމަށް ކަމަށެވެ.
ރިޔާޒު ވިދާޅުވީ ހެވީލޯޑަކީ އެ މަސައްކަތް ކުރުމުގެ ގާބިލްކަން ހުރި، އާލާތް ހުރި ކުންފުންޏެއް ކަމަށާއި ހަމަ އެކަނި އެ ކުންފުނީގައި ނެތީ ޑްރެޖަރެއް ކަމަށެވެ.
ތިލަފުށި ހިއްކަން ހެވީލޯޑާ ހަވާލުކުރީ ތިން މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ އެޑްވާންސަށް ދިނުމަށް ފަހުގަ އެވެ.
ތިލަފުށީގެ މަސައްކަތް ހެވީލޯޑާ ހަވާލުކުރީ އެމްޓީސީސީން ހުށަހެޅި އަގަށް ވުރެ 102 މިލިއަން ރުފިޔާ ބޮޑު ކޮށެވެ. އެމްޓީސީސީ އިން ހުށަހެޅީ 167.45 މިލިއަން ރުފިޔާ އަށް އެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމުމަށެވެ. ހެވީލޯޑުން ހުށަހެޅީ 21 މިލިއަން ޑޮލަރު [269.85 މިލިއަން ރުފިޔާ] އެވެ.
ގައުމީ ޕާޓީން ބުނީ މިސަރުކާރު ވެރިކަމާ ހަވާލުވި ފަހުން މިވީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ކޮރަޕްޝަނުގެ ނިސްބަތް ދުވަހަކު ވެސް ނުދާހާ ދަށަށް ގޮސްފައިވާ ކަމަށެވެ.
ކޮރޮޕްޝަން ޕާސެޕްޝަން އިންޑެކުސް އިން ދައްކާ ގޮތުގައި ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮރޮޕްޝަން އިންޑެކްސް ވަނީ 28 ދަރަޖަ ދަށަށް ގޮސްފަ އެވެ. މިހާރު ރާއްޖޭގެ ދަރަޖަ އުޅެނީ 143 ގަ އެވެ. އެއީ ޒިމްބާބްވޭ އަށް ވުރެ ވެސް ނުވަ ދަރަޖަ ދަށް އަދަދެކެވެ. ލިސްޓްގައި ޒިމްބާބުވޭ އުޅޭނީ 134 ގަ އެވެ.