ފޮރިން މިނިސްޓްރީ ކުރިމަތިން ފަޅުތެރޭގައި އޮތް ދޯންޏަކުން ގިނަ އަދަދެއްގެ ބަނގުރާތަކަކާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ ގާތްގަނޑަކަށް 6:30 އެހާކަންހާއިރު ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ފޮރިން މިނިސްޓްރީ ކުރިމަތީގައި އޮތް ދޯންޏެއް ބަލާ ފާސްކުރުމުގެ ތެރޭގައި "ވޮޑްކާ" ބްރޭންޑްގެ 120 ފުޅި ބަނގުރަލާއި ބިޔަރު އާޅާފައި ހުރި ހަތަރު "ބިޔާ ކެގް" ފެނިފައިވާ ކަމަށެވެ. އަދި އޭގެތެރެއިން ތިން ކެގަކީ ނުވެސް ކަނޑާހުރި އެއްޗެހި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

" ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ދޯންޏަށް ގޮސް ބަލާފާސްކުރުމުގެ ތެރޭގައި ދޯނި ތެރެއިން ގަވާއިދާ ހިލާފަށް ގެންގުޅެމުން ދިޔަ ބިޔަރުތަކަކާއި ރާފުޅިތަކެއް ވަނީ ފެނިފައި،" އޮފިޝަލް ވިދާޅުވި އެވެ.

އެމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ބިދޭސީ ދެ މީހުންނާއި ދެ ދިވެހިން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް އެ މީހުންނާ ބެހޭ ތަފްސީލެއް ނުދެއްވަ އެވެ.

މިމައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއިން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ބިޔަރު ކެގްތަކާއި ރާޅުފުޅިތައް އަތުލައިގެންފައިވަނީ ޑައިވިން ދޯންޏެއްގެ ތެރެއިން ނެވެ.