އަލޯރާ ރަމަޟާން ކްރިކެޓް ކާނިވަލް އޯޕަން ޓޭޕް ބޯލް ކްރިކެޓް މުބާރާތުގައި މިއަދު ހަވީރު އޮކްސިލަސްއާ ވާދަކޮށް ހަ ވިކެޓުން ޓީޖީއައި ފުރަތަމަ މެޗު ކާމިޔާބު ކުރިއި މިއަދުގެ ދެވަނަ މެޗު ސެންޓް ސްޕޯޓްސް ކުޅެން ހާޒިރު ނުވުމުން ސީބީއެލްއަށް އެ މެޗު ލިބިއްޖެ އެވެ.

މިއަދުގެ ފުރަތަމަ މެޗުގައި ޓޮސް ދިމާވުމުން އޮކްސިލަސް ގަސްދުކުރީ ކުޅުމަށެވެ. އެގޮތުން އަށް އޯވަރުގެތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން އޮކްސިލަސްއަށް ހެދުނީ 76 ލަނޑެވެ. ޖަވާބުގައި ޓީޖީއައި ކުޅެންއަރައި އަށް އޯވަރުގެ ތެރޭގައި ދެކުޅުންތެރިން ނުބައިވެގެން 79 ލަނޑުހެދި އެވެ.

އެ މެޗްގައި އެންމެ ރަގަޅަށް އުކީ 17 ލަނޑަށް އެއްވިކެޓްނެގި މުހަންމަދު މަފާޒު އެވެ. އަދި އެންމެ ރަގަޅަށް ކުޅުނީ 31 ލަނޑުހެދި އޮކްސިލަސްގެ މުހަންމަދު އިދާމް އެވެ.

މިއަދުގެ ދެވަނަ މެޗް ގަޑިޖެހުނުއިރު ސެންޓް ސްޕޯޓްސް ކްލަބް ގަޑިއަށް ހާޒިރުނުމުމުން މުބާރާތުގެ ގަވައިދުގައިވާ ގޮތުން ސީބީއެލް އަށް މެޗްލިބުނީ އެވެ.

އަލޯރާ ރަމަޟާން ކްރިކެޓް ކާނިވަލްގައި މާދަމާވެސް ދެ މެޗް ކުޅޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ މިލާން ކްރިކެޓް އެކަޑަމީއާއި އެންކާ ލިލީ އެވެ. އަދި ދެވަނަ މެޗްގައި ބައްދަލުކުރާނީ ޑޭމް ސްޓައިލްއާއި މާލޭ ސްޕޯޓްސް ކްލަބް އެވެ.

މުބާރާތުގެ ކުޅުން ކޮންމެ ދުވަހަކުވެސް ފަށާނީ ހަވީރު 4:05ގަ އެވެ. މެޗުތައް ކުރިއަށް ގެންދާނީ ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގަ އެވެ.