ރެއާލް ސޮސެއިޑާޑްގެ ސްޕެނިޝް 21 އަހަރުން ދަށުގެ މިޑްފީލްޑަރު އެސިއާ އިޔަރަމެންޑީ 34 މިލިޔަން ޕައުންޑުގެ ޓްރާންސްފާ ފީއަކަށް ރެއާލް މެޑްރިޑަށް ސޮއިކޮށްފި އެވެ.

އިޔަރަމެންޑީ ރެއާލްއަށް ދޫކޮށްފައިވަނީ ސޮސެއިޑާޑުން އޭނާއާ އެކު ވެފައިވާ އެއްބަސްވުމުގައި ހިމެނޭ "ބައިއައުޓް ކްލޯސް"ގައިވާ 34 މިލިޔަން ޕައުންޑްގެ ފީ ރެއާލްއިން ހުށަހެޅުމުންނެވެ. އެގޮތުން އޭނާވަނީ މެޑިކަލް ހެދުމަށްފަހު ހަ އަހަރުގެ އެއްބަސްވުމެއްގެ ދަށުން މިއަދު ރެއާލްއަށް ސޮއިކޮށްފަ އެވެ.

"އަހަރެން ރެއާލްއާ އެކު އެއްބަސްވުމަކަށް އައީ އެ ކްލަބުން، ނޫނެކޭ ނުބުނެވޭ ވަރުގެ ރަނގަޅު ހުށަހެޅުމެއް ލިބުމުން. އެއީ ވަރަށް ނުލިބޭނޭ ފަދަ ފުރުސަތެއް،" އިޔަރަމެންޑީ ބުންޏެވެ. "މިއީ އަހަރެންނަށް އެހާ ފަސޭހަ ނިންމުމެއް ނޫން. ސަބަބަކީ ރެއާލް ސޮސެއިޑާޑް އިން އަހަރެންނަށް ވަރަށް ގިނަ ކަންތައްތަކެއް ކޮށްދީފައި ވަނީ"

އިޒްރޭލްގައި މިއަހަރު ބޭއްވުނު ޔޫރޯ 21 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ސްޕެއިންއަށް ކާމިޔާބުކޮށްދިން ޓީމް ކުޅުނު ހުރިހާ މެޗެއްގައި ކުޅުނު 23 އަހަރުގެ ޑިފެންސިވް މިޑްފީލްޑަރު ސްސެއިޑާޑްއާ ގުޅުނީ، އުމުރުން 17 އަހަރުގަ އެވެ. ސޮސެއިޑާޑްގެ ޔޫތު ސިސްޓަމުން އުފެދުނު އިޔަރަމެންޑީވަނީ އެ ކްލަބްގެ ބީ ޓީމަށް 93 މެޗް އަދި، ސީނިއާ ޓީމަށް 54 މެޗު ކުޅެދީފަ އެވެ.

އިޔަރަމެންޑީއަކީ، ކާލޯ އެންޗެލޮޓީ ރެއާލްގެ ކޯޗު ކަމާ ހަވާލުވިފަހުން އެ ކްލަބަށް އަލަށް ގެނައި ހަތަރުވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން ގެނައި ކުޅުންތެރިންގެ ތެރޭގައި މަލާގާއިން 23 މިލިޔަން ޕައުންޑުގެ ފީއަކަށް ގެނައި އިސްކޯއާއި، ޖަރުމަނުގެ ނޭޔާ ލެވަކުސެންގެ ޑެނީ ކަރްވާޔަލްއާއި އަދި ބްރެޒިލްގެ ސައޮޕޯލޯއިން ލޯން ޑީލްއެއްގެ ދަށުން ގެނެސްފައިވާ ކަސެމިރޯ ހިމެނެ އެވެ.