12 Jul 2013, 16:56
ކުރިކެޓް ބޯޑުން އިންތިޒާމް ކޮށްގެން ބާއްވާ އަލޯރާ ރަމަޟާން ކްރިކެޓް ކާނިވަލް އޯޕަން ޓޭޕް ބޯލް ކްރިކެޓް މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗު ނެލިވަރު ކްރިކެޓާސް ކާމިޔާބުކޮށްފައިވާ އިރު ދެވަނަ މެޗު ކާމިޔާބު ކުރީ އެމްއީކިޔު އިންޖިނޭރިން އެވެ.
އޯޕަން ޓޭޕް ބޯލް ކުރިކެޓް މުބާރާތުގެ ދެވަނަ ދުވަހުގެ ފުރަތަމަ މެޗު ލެޒާ ކާގޯއާ ވާދަކޮށް ނެލިވަރު ކްރިކެޓާސް ކާމިޔާބުކުރީ 57 ލަނޑުންނެވެ. ނެލިވަރު ކްރިކެޓާސް ކުޅެންއަރައި އަށް އޯވަރުގެ ތެރޭގައި 112 ލަނޑުހެދި އެވެ.
ޖަވާބުގައި ލެޒާ ކާގޯ ކުޅެން އަރައި އަށް އޯވަރުގެ ތެރޭގައި ހެދުނީ 55 ލަނޑެވެ. އެ މެޗްގައި އެންމެ ރަގަޅަށް އުކީ ތިން ވިކެޓްނެގި ނެލިވަރު ކްރިކެޓާސްގެ ޝާހިދު މުހަންމަދު އެވެ. އެންމެ ރަގަޅަށް ކުޅުނީ އެޓީމްގެ ޝަފްރާޒް ޖަލީލް އެވެ.
އިއްޔެގެ ދެވަނަ މެޗުގައި ޓޮސްދިމަވުމުން އެމްއީކިޔު އިން ގަސްދުކުރީ ކުޅުމަށެވެ. އެގޮތުން އެމްއީކިޔު ކުޅެންއަރައި އަށް އޯވަރުގެތެރޭގައި 100 ލަނޑުހެދި އިރު ޖަވާބުގައި މިލާނޯ ކުޅެނައަރާ އެއް ކުޅުންތެރިއަކު ނުބައިވެގެން 8 އޯވަރުގެތެރޭގައި ހެދުނީ 86 ލަނޑެވެ. އެ މެޗްގައި އެންމެ ރަގަޅަށް ކުޅުނީ 16 ލަނޑުހެދި މިޖާދްއާއި 15 ލަނޑުހެދި ޖިލްވާޒް އެވެ.
އަލޯރާ ރަމަޟާން ކްރިކެޓް ކާނިވަލް އޯޕަން ޓޭޕް ބޯލް ކްރިކެޓް މުބާރާތުގައި މިއަދުވެސް ދެ މެޗް ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އޮކްސިލަސްއާއި ޓީޖީއައި އެވެ. އަދި ދެވަނަ މެޗްގައި ބައްދަލުކުރާނީ ސީބީއެލްއާއި ސެންޓް ސްޕޯޓްސް ކްލަބްއެވެ.