12 Jul 2013, 15:33
މާތްﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިހުން ރިވާވެފައިވެއެވެ. އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ އަލައިހިވަސައްލަމަ ޙަދީޘުކުރެއްވިއެވެ.
"އިންސާނާގެ ކޮންމެ ޢަމަލެއްގެ ޘަވާބު ދިހަގުނައިން ފެށިގެން ހަތްސަތޭކަ ގުނައާ ހަމަޔަށް އިތުރު ކުރެވޭ ހުއްޓެވެ. އަރަހުށި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. އެކަމަކު ރޯދަ ތިމަން ﷲ އަށެވެ. ރޯދައިގެ ޖަޒާ ދެއްވާހުށީ ތިމަން ރަސްކަލާނގެއެވެ. ރޯދަވެރިޔާ ތިމަން ﷲ އަށްޓަކައި އޭނާގެ ޝަހްވަތާއި އޭނާގެ ކެއިން ބުއިން ދޫކޮށްލައެވެ.
ރޯދަވެރިޔާއަށް ދެއުފަލެއްވެއެވެ. އެއްއުފަލަކީ އޭނާ ރޯދަ ވީއްލާ ވަގުތު ލިބޭ އުފަލެވެ. އަނެއް އުފަލަކީ އެނާގެ ވެރި ރަސްކަލާނގެއާ ބައްދަލުވާ ހިނދު ލިބޭ އުފަލެވެ. ރޯދަވެރިޔާ ގެ އަނގައިގެ ވަސް މާތް ﷲ ގެ ހަޟުރަތުގައި ގޮމަކަސްތޫރީގެ ވަހަށްވުރެން ވެސް މީރުވެގެންވެއެވެ. ރޯދަޔަކީ އައްޑަނައެކެވެ. ތިޔައިގެތެރެއިން މީހަކު ރޯދަޔަށް ހުންނައިރު ހުތުރު އެއްޗެހި ނުކިޔާށެވެ. އަރާރުންވެ ނުއުޅޭށެވެ. އެެހެން މީހަކު ރޯދަވެރިޔާއާ ދިމާޔަށް އެއްޗެހި ގޮވައިފިނަމަ ނުވަތަ އަރާރުންވާން އުޅެގެންފިނަމަ ބުނާށެވެ. ތިމަންމިހިރީ ރޯދަޔަށެވެ." (މުސްލިމް: ކިތާބުއްޞިޔާމް)
ޞަޙީޙައިނި ފިޔަވައި ޙަދީޡު ރިވާކުރެވިފައިވާ އެހެނިހެން ފޮތްތަކުގައި ވެސް މިރިވާޔަތް އައިސްފައިވެއެވެ. މިސިލްސިލާގައި އުފެއްދިދާނެ އެންމެ ފުރަތަމަ ސުވާލަކީ އެހެނިހެން އަޅުކަމާ ޚިލާފަށް ރޯދަޔަކީ މާތްﷲ އަށް ޚާއްޞަވެގެންވާ އަޅުކަމެއް ކަމުގައިލެއްވީ ކީއްވެގެންބާވައެވެ؟ މިސުވާލެވެ. ޢިލްމްވެރީން ވިދާޅުވާ ގޮތުގައި މިސުވާލުގެ ޖަވާބު ކީރިތިޤުރުއާނުން ސީދާލިބެއެވެ. ރޯދަ ފަރުޟު ކުރެއްވުމުގެ ގޮތުން ކީރިތި ޤުރުއާނުގައި ވަޙީކުރައްވައިފައި ވެއެވެ.
"ރަމަޟާން މަހަކީ، އެމަހެއްގައި ޤުރުއާން ބާވައިލެއްވި މަހެވެ. (އެޤުރުއާން ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއްކަމުގައްޔާއި، ހިދާޔަތާއި ޙައްޤާއި ބާޠިލް ވަކިކޮށްދެނިވި ހެކިތަކެއްކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެމައްސަރުގައި ހާޒިރިވެ ހުރެއްޖެ މީހާ، އެމަހުގެ ރޯދަ ހިފާހުށިކަމެވެ." (އަލްބަޤަރާ:185)
ޢިލްމްވެރީން ވިދާޅުވާ ގޮތުގައި އިސްވެދިޔަ އާޔަތުން މަފްހޫމް ލިބޭގޮތުގައި ޤްރުއާން ބާވައިލެއްވި މައްސަރުގައި ރޯދަހިފަން އަމުރުކުރައްވައިފައި ވަނީ ޤުރުއާނުގެ އަމާނާތް ބޮލަރުވައިގެން އުޅުމަށާއި، ޤްރުއާން އުނގަންނައިދީ އެފޮތަށް ދައުވަތުދޭ ބަޔަކަށް ވުމަށްޓަކައި ޚާއްޞަ ތަރުބިޔަތެއް ދެއްވުމަށްޓަކައެވެ.
އެންމެހައި މީސްތަކުންނާ ހަމަޔަށް ޤުރުއާން ގެންގޮސްދިނުމަކީ ކުޑަކަމެއްނޫނެވެ. ފަސޭހަކަމެއް ވެސް ނޫނެވެ. އެކަންކުރެވޭނީ ތިމާގެ ޒާތަށްޓަކައި ދިރިއުޅުމުގެ ބަދަލުގައި މާތްﷲއަށް ޓަކައި ދިރިއުޅޭ މީހަކަށްވެގެންނެވެ. ރައްބާނީ މިޝަނަކަށްޓަކައި ތިމާގެ އަމިއްލަ ބޭނުންތައް ފަހަތަށް ޖައްސައިލައި ތިމާގެ ޝަހްވަތްތައް ކޮންޓްރޯލް ކުރުމުގެ ކެރުންތެރިކަން ހުރެގެންނެވެ. ވިދައި ބަބުޅައި ފިޔަޖަހަމުންދާ ދިރިއުޅުމެއްގެ ބަދަލުގައި ކުރަކި އުނދަގޫ ދިރިއުޅުމެއް އުޅެން ރުހިޤަބޫލުވެގެންނެވެ. އަނެކުންގެ ފަރާތުން އިވޭ ރުންކުރު ވާހަކަތަކާއި ނޭދެވޭ ބަސްތައް ކެތްތެރިކަމާ އެކު ބަރުދާސްކޮށް މައިތިރިކަމާ އެކު ރީތިގޮތުގައި ޖަވާބުދިނުމުގެ ހިތްވަރުހުރެގެންނެވެ. އަނެކުންގެ ދެކޮޅުވެރިކަން ކިތަންމެ މައްޗަށް ދިޔަސް ޤްރުއާނުގެ މިޝަން ދޫކޮށްލައި އެއްފަރާތްވެނުގަންނަ ފަދަ ސާބިތުކަން ހުރެގެންނެވެ.
ޤްރުއާނުގެ މެސެޖް ކަމުގައިވާ މާތް ﷲ ގެ ހިދާޔަތު އެކަލާނގެ އެންމެހައި އަޅުތަކުންނާ ހަމަޔަށް ގެންގޮސް ދިނުމަކީ މާތް ﷲ އަށް ޓަކައި ޚާލިސްކޮށް ކުރެވޭ މަސައްކަތެކެވެ. އެކަމުގައި އެއްވެސް ބާވަތެއްގެ ދުނިޔަވީ ފައިދާއެއްނެތެވެ. ރޯދަޔަކީ ހަމައެކަނި މާތް ﷲ އަށް ޚާއްޞަވެގެންވާ އަޅުކަމެއްކަމުގައި އެކަލާނގެ އަންގަވައިފައި ވަނީ އެހެންވެގެންނެވެ. ރޯދަޔަށް "ޚާއްޞަ އިނާމެއް" ހުށަހަޅުއްވައިފައި ވަނީ އެހެންވެގެންނެވެ.
ޤުރުއާނުގެ ޢިލްމް ޙާޞިލްކުރާމީހުން އެބައިމީހުންގެ ކިބައިގައި ދީނަށްގޮވައިލާ މީހެއްގެ ގައިގައި ހުރުން ލާޒިމުވާ ޝަޚްޞިއްޔަތު އުފައްދަން ޖެހެއެވެ. އެހެން މީހުންނަށް ޤަބޫލުކުރެވޭ ފަދަ ސިފައެއްގައި ޤުރުއާނުގެ މެސެޖް ގެންގޮސްދިނުމަށް ތިމާގެ ހުރިހާ ބުންވަރެއް ހެދަކޮށްލުމުގެ އެކަށޭނަކަން ލިބިގަތުމަށެވެ. އަނެކުންގެ ފަރާތަކުން ބަދަލަކަށް ނޭދި ތިމާގެ އަމިއްލަ ކަމެއްގެ ގޮތުގައި އެމަސައްކަތުގެ ޒިންމާ ޤަބޫލުކުރުމުގެ އެކަށޭނަކަން ލިބިގަތުމަށެވެ. އެމަސައްކަތުގައި ހައިހޫނުކަމާއި، ފެންބޮވައިގަތުމުގެ އުނދަގުލަށް ދާންދެން ބަރުދާސްކުރުމަށް ތިމާގެ ނަފްސު ރުއްސުމަށެވެ. މާތްﷲ އެކަލާނގެ ދީލަތިވަންތަ ކަމުގެ ޚާއްޞަ ވާރޭ ވެއްސަވަނީ އެފަދަ މީހުންގެ މައްޗަށެވެ.
ރޯދަވެރިޔާ މާތްﷲ އަށްޓަކައި އޭނާގެ ނަފްސުގެ އެދުންތައް ދޫކޮށްލުމަކީ ތިމާގެ އަމިއްލަ ކާމިޔާބީގެ ބަދަލުގައި މާތްﷲ ގެ މަގަށް ދަޢުވަތުދިނުމުގެ މިޝަން ތިމާގެ ޙަޔާތުގެ މަޤްޞަދަކަށް ހެދުމެވެ. މާތްﷲ ގެ ފޮތް ބާވައިލެއްވި މައްސަރުގައި ޚާއްޞަ ތަރްބިޔަތުގެ "ކޯހެއް" ފުރިހަމަކޮށް މާތްﷲ ގެ މެސެޖް އިންސާނިއްޔަތުގެ ކުރިމަށްޗަށް ގެންގޮސްދިނުމަށް ތައްޔާރުވުމެވެ. ތިމާގެ ޙަޔާތުގެ މިޝަނަކީ ޤުރުއާނުގެ މަގަށް ގޮވައިލުމާއި ޤުރުއާން ރައްދުކޮށްދިނުން ކަމުގައި ހެދުމެވެ. ތިމާގެ ޙަޔާތުގެ ނާރެހަކީ އަދި ތިމާ ދައުރުވާ ފަލަކަކީ ޤުރުއާން ކަމުގައި ހެދުމެވެ.